ހައްދުންމަތީ ކައްދޫގައި ބޮޑީގާޑް ޓްރޭނިންގ މިއަދު ހަދަމުން ގެންދަނިކޮށް ބޮލަށް ވަޒަނެއް އަރައިގެން ނިޔާވި އެމް.އެން.ޑީ.އެފްގެ ކޯޕްރަލް ރ. އަލިފުށީ ސަބާނާ، އިބްރާހީމް ޝައުކަތުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އިބްރާހީމް ޝައުކަތުގެ ބައްޕަ މުޙަންމަދު ވަޙީދާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ފޯނުން ގުޅުއްވައި، މި ޚަބަރު އެއްސެވީ ވަރަށް ކުއްލި ހައިރާންކަމަކާއި ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ޢާއިލާގެ މެންބަރުންނަށް އެމަނިކުފާނުގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކުރެއްވިއެވެ. އަދި މަރްޙޫމް ޝައުކަތުގެ ފުރާނައަށް މާތްރަސްކަލާނގެ ހެޔޮ ރަޙްމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންނެވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބައްލަވައި ފުރިހަމަ ތަޙްޤީޤެއް ހިންގަވަމުން އެބަގެންދަވާ ކަމުގައިވެސް ޝައުކަތުގެ ބައްޕައާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.