بســم اللّـه الرّحمـن الرّحيــم

ކެޕްސްގެ ރައީސް އަދި ކެޕްސްގެ އެންމެހާ ވެރިން އަދި މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރި ބޭފުޅުން

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރެއަކީ ވަރަށްވެސް އުފާވެރި ރެއެއް. އެއީ މިފަދަ މުހިންމު މަސައްކަތެއް ކުރައްވަމުން ގެންދަވާ ޖަމާޢަތަކަށް ދެއަހަރު ފުރޭ އުފާވެރި ޙަފްލާ މިރޭ މިއޮތީ. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކުރަން، އަޅުގަނޑަށް މިދަޢުވަތު ދެއްވީތީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ! މިރޭ ތިޔަބޭފުޅުން ތެލެސީމިއާ ކުދިންނަށް އެހީވެދިނުމަށްޓަކައި އެއްއަހަރު ދުވަހުގެ ޕްރޮގްރާމެއް ފަށްޓަވާއިރުގައި އެޕްރޮގްރާމް ފެށުމުގައި އަޅުގަނޑާ އެކަން ހަވާލު ކުރެއްވި ނަމަވެސް އަޅުގަނޑަށްވުރެ އެކަމުގައި މާ އެކަށޭނަ ބޭފުޅަކު މިތާ އިންނެވީތީ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށް އަޅުގަނޑު ދެންނެވިން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރާއްޖޭގައި ތެލަސީމިއާގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެކުދިންނަށް އެހީވެދިނުމަށްޓަކައި އެންމެ ބޮޑު، އެންމެ ބުރަ، މަސައްކަތެއް ކުރައްވާ އެއް ބޭފުޅަކީ ޑީން. އެހެންވީމާ ޑީން އިންނެވި ތަނެއްގައި އަޅުގަނޑު އެކަން ކުރުމަކީ އެއީ، އެއްގޮތަކަށްވެސް އަޅުގަނޑަށް ކުރެވޭވަރު ކަމެއް ނޫން. އެހެންވީމާ، ވަރަށްބޮޑަށް ޝުކުރިއްޔާ ޑީން، އެ ޕްރޮގްރާމް ފަށްޓަވައިދެއްވީތީ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން މިރޭ. އެކަމާ އެއްޗެއް ހީނުކުރެއްވުން އެދެން. ފަރިއްކޮޅުވެސް އޮތީ ކުރިއަށް. އެހެންވީމާ، މާގިނަ ވާހަކަތަކެއް ދައްކާކަށް ނެތިން އެހެންނަމަވެސް، އަޅުގަނޑަށް ވަރަށް ރަނގަޅަށް އެބަ އިޙްސާސް ކުރެވޭ މިފަދަ ޖަމާޢަތްތަކުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރުގައިވެސް ވަރަށްބޮޑު ދަތިތަކާއެކީގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ. މިދިޔަ އަހަރުގެ ތެރޭގައި ބައެއް ޙަރަކާތްތައް ތިޔަބޭފުޅުން ކުރިއަށް ގެންދެވިއިރު އަޅުގަނޑު އެކަންކަން ބަލަމުން ގެންދިޔައިން. އަދި ކުޑަކުދިންނަށް ކުރާ ގޯނާތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރު ކުރެއްވުމުގެ ގޮތުން ތިޔަބޭފުޅުން ކުރައްވަމުން ގެންދެވި މަސައްކަތުގައި އާރަށުގައި އޮތް ވާރކްޝޮޕްގައިވެސް އަޅުގަނޑަށް ބައިވެރިވުމުގެ ނަޞީބު ލިބުނު. އެހެންވީމާ، ތިޔަކުރައްވާ މަސައްކަތް އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ބަލަމުން މިގެންދަނީ. އަޅުގަނޑު ދަންނަވާނީ، މިހާ އާ ޖަމްޢިއްޔާއަކަށް ވަރަށް ކާމިޔާބު، ވަރަށް ބޮޑެތި މަސައްކަތްތަކެއް މި ދެއަހަރު ދުވަހުގެ ތެރޭގައި ތިޔަބޭފުޅުންނަށް ކުރެވިއްޖެޔޭ.

އިޖްތިމާޢީ ކަންކަން އަޅުގަނޑުމެންގެ ތެރޭގައި މި އަންނަނީ ދުވަހަކަށްވުރެ ދުވަހެއް މުހިންމުވަމުން. އިޖްތިމާޢީ މައްސަލަތައް ގިނަވަމުން. އެކަންކަމަށް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ގިނަވަމުން. ނަމަވެސް އެކަންތައްތައް ކުރަންތިބީ އަމިއްލަ ޖަމްޢިއްޔާތަކަށް އަދިވެސް މިއުޅެނީ ހަމަ އެމަސައްކަތުގައި، އިޖްތިމާޢީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ހަމަ އަމިއްލަ ފައިމައްޗަށް ތެދުވެ، ރަނގަޅު ސްޕީޑެއްގައި މަސައްކަތްކުރުން ދަތިވެފައި މިއޮތީ. އެކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ. އަޅުގަނޑު އެހެންނަމަވެސް އުފާކުރާ އެއްކަމެއް އެބައޮތް. އެއީ މިރޭ މިފެނިގެންދިޔަ ފަދައިން އިޖްތިމާޢީ ކަންކަމުގައި މަސައްކަތްކުރާ ބައެއް ޖަމްޢިއްޔާތަކުން އެހެނިހެން ޖަމްޢިއްޔާތަކަށް އެހީވެދެމުން ގެންދާތަން ފެންނަމުން މިދަނީ. އެގޮތުން ޚާއްޞަކޮށް އަޅުގަނޑު ފާހަގަކުރަން ސްވޮޑުގެ ފަރާތުން ކެޕްސްއަށް ބާއްވާ ގާތްކަމާއި އެހީތެރިކަން އެއީ، އަޅުގަނޑު ދަންނަވާނީ ވަރަށްވެސް ފުރިހަމަ ނަމޫނާއެކޭ މިދެންނެވި ކަހަލަ. އަޅުގަނޑަށް އެބަފެނޭ، އެހެނިހެން ބައެއް ޖަމްޢިއްޔާތަކުންވެސް ޚާއްޞަކޮށް އަތޮޅުތެރޭގެ ބައެއް އަމިއްލަ ޖަމާޢަތްތަކަށް އެހީވެދިނުމުގެ މަސައްކަތް ކުރަމުންގެންދާތަން. އެހެންވީމާ، ހަމަ އަޅުގަނޑު ދަންނަވާނީ މިއީ ވަރަށްވެސް އަޅުގަނޑުމެން އުފާކުރަންޖެހޭ ރޫޙެކޭ. އެކަމަށްޓަކައި އަޅުގަނޑު އަމިއްލަ ޖަމާޢަތްތަކުން އެގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ އަޅުގަނޑު ވަރަށް ބޮޑަށް އެކަން ފާހަގަކޮށް ޝުކުރު ދަންނަވަން.

ޝައްކެއްނެތް. އަމިއްލަ ޖަމާޢަތްތަކަށް ކުރިއަށްދެވޭނީ ސަރުކާރުގެ އެހީތެރިކަންވެސް އޮވެގެން. އަޅުގަނޑުމެންގެ މަޤްޞަދަކީ، ސަރުކާރުންވެސް އަމިއްލަ ޖަމާޢަތްތަކަށް ވީހާވެސް ބޮޑަކަށް އެހީތެރިވެދެމުން ގެންދިޔުން. އެހެންނަމަވެސް، އެންމެ ފުރަތަމަ އަޅުގަނޑު ގަބޫލު ކުރަން، ސަރުކާރުގެ ފަރާތުން އަމިއްލަ ޖަމާޢަތްތަކަށް ވެދޭން އަޅުގަނޑުމެން ބޭނުންވާ އެހީތެރިކަން އަދިވެސް އެކަށީގެންވާ ފެންވަރަކަށް ވެނުދެވޭކަން. އަޅުގަނޑުވެސް އެކަން ގަބޫލުކުރަން. އެހެންނަމަވެސް އަޅުގަނޑުމެން ލިބޭ ކޮންމެ ފުރުސަތެއްގައި އެކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު ޕަރސަނަލީ ހަވާލުވެ ހުންނަ އެއްކަމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވެ މަސައްކަތް. އެމަސައްކަތުގައި މިހާރު ތޭރަ ޖަމްޢިއްޔާއަކަށް ސަރުކާރުގެ ފަރާތުން އެހީތެރިވެދެމުން އެބަގެންދަން. އަދި އަޅުގަނޑުގެ އުންމީދަކީ، އިތުރު ޖަމާޢަތްތަކަށްވެސް އެހީތެރިވެދެމުން ގެންދެވޭނެ ކަމަށް. ހަމަ އެގޮތަށް އިޖްތިމާޢީ އެހެނިހެން ކަންކަމާ ދޭތެރޭގައި މަސައްކަތް ކުރާ ޖަމާޢަތްތަކަށްވެސް އެހީ ވެދެވޭނެ ގޮތްތަކެއް ހޯދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. ދެން މާލޭގައި މަސައްކަތް ކުރާ ޖަމާޢަތްތަކަށް އެންމެ ބޮޑަށް ދަތިވެފައިވާ އެއްކަމަކީ ތަނުގެ ދަތިކަން. މަސައްކަތް ކުރާނެ ތަނެއްގެ ދަތިކަން. އެއީ، ތަނެއް ކުއްޔަށް ހިފުމަކީވެސް އެއީ ފުދޭ ވަރެއްގެ ބޮޑު ޚަރަދެއް. އެހެންވީމާ އާމްދަނީ ނުލިބޭ ގޮތަކަށް ކުރެވޭ މަސައްކަތެއްގައި، އެގޮތަށް ތަނެއް ކުއްޔަށް ހިފައިގެން އޮފީސް ހުޅުވައިގެން މަސައްކަތް ކުރުމަކީ އެއީ، ފަސޭހަ ކަމަކަށް ނުވާނެ. އެހެންނަމަވެސް، މިހާ ހިސާބަށް މިޖަމްޢިއްޔާތަކުގެ މަސައްކަތް މިގެންދެވެނީވެސް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތަކެއް ލިބޭތީ. އެގޮތުން މިރޭ ކެޕްސްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އެކިފަރާތްފަރާތުގެ އެހީ ދެއްވިކަން ފާހަގަކުރެވިގެން ހިނގައްޖެ. އެ އެހީ ދެއްވި ފަރާތްތަކަށް އަޅުގަނޑުވެސް ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑު އުންމީދު ކުރަން، އެ އެހީ މުސްތަޤްބަލުގައިވެސް މިޖަމްޢިއްޔާއަށް އެކި ފަރާތްތަކުން ވެދެއްވަމުން ގެންދަވާނެ ކަމަށް.

އާދެ! ކުރިން ދެންނެވި ފަދައިން އިޖްތިމާޢީ މައްސަލަތައް އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިދަނީ އިތުރުވަމުން. ސަބަބަކީ ރާއްޖެ، ދުނިޔެއަށް ހުޅުވިގެން ދިޔުމާއި، ރާއްޖޭގައި އުޅޭ ބޭރު ޤައުމުތަކުގެ މީހުން ގިނަވުމާއި، ރާއްޖެ ތަރައްޤީވުމުގެ ތެރޭގައި އާބާދީ ތޮއްޖެހުމާއި އަދި މިހެންގޮސް ކިތަންމެ ކަންތައްތަކެއް ހިމެނިގެންގޮސް އިޖްތިމާޢީ މައްސަލަތައް ގިނަވަމުން މިދަނީ. އެހެންވީމާ، އިޖްތިމާޢީ ކަންކަމުގައި މަސައްކަތް ކުރާ މީހުންވެސް އެބަ ގިނަވާންޖެހޭ. ނަމަވެސް ހިތާމައަކީ އިޖްތިމާޢީ މަސައްކަތްތައް ކުރުމަށްޓަކައި ކުރިމަތިލާ ޒުވާނުންވެސް، ޢިލްމީ މީސްމީހުންވެސް މަދު އަދިވެސް. އެނގިވަޑައިގަންނަވާނެ ފަދައިން ސޯޝަލް ވާރކް ކިޔެވުމަށްޓަކައިވެސް އަޅުގަނޑަށް ޚަބަރު ލިބިފައި އޮތް ގޮތުގައި ޔުނިވަރސިޓީ ކޯހުގައިވެސް ބައިވެރިވާން އެދުނީ އެންމެ ހަކުދިން. އެއިން ދޭހަވަނީ މިކަމަކީ މިއީ މާބޮޑު ޝައުޤުވެރިކަމެއް އޮތް ކަމަކަށްނުވާކަން. އެހެންވާންޖެހޭ ސަބަބުތަކެއްވެސް ހުރެދާނެ. ކޮންމެ ޤައުމެއްގައިވެސް އިޖްތިމާޢީ ކަންކަމަށް އެބަ ސަމާލުކަން ދޭންޖެހޭ. ހަމައެކަނި ވިޔަފާރިއަށް، ނޫނީވިއްޔާ އަމިއްލަ އެހެނިހެން މަސައްކަތްތަކަށް ނޫނީ ސަރުކާރުގެ ވަޒީފާއަށް ހަމައެކަނި އަހަންމިއްޔަތުކަންދީގެން ކަމަކު ނުދާނެ. ކުރިން ދެންނެވިހެން އިޖްތިމާޢީ ކަންތައްތައް ގިނަވަމުން ދިޔަދިޔަހެން އިޖްތިމާޢީ ކަންކަމަށް މަސައްކަތްކުރާ މީހުންވެސް އެބަ ގިނަވާން ޖެހޭ. އެހެންވީމާ، އެގޮތުން އަޅުގަނޑު އުންމީދު ކުރަން، އިޖްތިމާޢީ މަސައްކަތްތަކުގައި އަދި ޚާއްޞަކޮށް ސޯޝަލް ވާރކް ކަހަލަ މަސައްކަތްތަކުގައި މަސައްކަތް ކުރަން ބޭނުންވާ ކުދިން މުސްތަޤްބަލުގައި ގިނަވެގެންދާނެ ކަމަށް. ގިނަވާނީވެސް އެކަމަކީ އެއީ، އެކަމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭ އަދި ދިރިއުޅުމަށްވެސް އޭގެ ސަބަބުން އެކަށީގެންވާ ފަސޭހަކަމެއް، ފަހިކަމެއް ލިބިގެންދާ ކަހަލަ މަސައްކަތަކަށްވެސްވެގެން. އެހެންވީމާ، މިދެންނެވި ކަންކަމަށް އަޅުގަނޑުމެން ވިސްނައި، އިޖްތިމާޢީ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ކުރަންހުރި ކަންތައް ހުރިހާ އެންމެން އަތުގުޅާލައިގެން ކުރެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ޝައްކެއްނެތް، ކުޑަކުދިންނަށް ކުރާ ގޯނާތަކާއި އަނިޔާފަދަ ކަންކަމުން ކުޑަކުދިން ސަލާމަތް ކުރުމަށްޓަކައި، ޙިމާޔަތް ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތް ވަރަށްގިނަ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަޅުގަނޑު ހިތަށްއަރާ ކީއްވެގެންބާއޭ މިހާ ގިނަ އަދަދަކަށް މިބާވަތުގެ ކަންތައްތައް ފެންނަމުން މިދަނީ. ކުރިންވެސް މިބާވަތުގެ ކަންތައްތައް އަޅުގަނޑުމެންގެ މުޖްތަމަޢުގައި ހިނގާ. އެހެންނަމަވެސް، މިހާރު މިކަން ހިނގާ ވަރަކަށް މިހާ ގިނަ އަދަދަށް މިބާވަތުގެ ކަންތައްތައް ކުރަމުންދާކަމެއް އަޅުގަނޑުމެންނަށް ކުރިން އެނގިފައެއްނޯވޭ. އެހެންވީމާ، މިއީ، ވަރަށްބޮޑަށް މުޅި މުޖުތަމަޢުގައި ކަންބޮޑުވެ، މިކަމުގައި ހަރުކަށި އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް މިކަމަކީ. އެއްގޮތަކަށްވެސް ކުޑަކުދިންނަށް ގޯނާކުރުމަކީ އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމެއް ނޫން. އަދި އަޅުގަނޑުމެން ޤާނޫނީ ގޮތުންނާއި އެހެނިހެންވެސް ގޮތްގޮތުން އަޅުގަނޑުމެން ޢަމަލު ކުރަންޖެހޭނީ ހަމަ ޒީރޯ ޓޮލަރަންސް. އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ގޯނާއެއް ކުރާ މީހަކީ އެއީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ގަބޫލުކުރެވޭ މީހެއް ކަމުގައި ވެގެނެއް ނުވާނެ. އަޅުގަނޑަށް ފެނޭ، ބައެއް އެހެނިހެން ޤައުމުތަކުގައި ކުޑަކުދިންނަށް ގޯނާކުރާ މީހުން މުޖުތަމަޢުން ވަކިކުރާ ތަން. އަދި އެމީހުން ސަލާމަތްވެގެން އައުމަށްފަހުގައިވެސް ކުޑަކުދިން އުޅޭ ހިސާބުގައި ވަކި ހިސާބެއްގައި ނޫޅެވޭ ގޮތަށްވެސް. ސްކޫލްފަދަ ތަންތަން ހުންނަތަނާ ކައިރީގައިވެސް ނޫޅެވޭ ގޮތަށްވެސް. މިކަހަލަ ފިޔަވަޅުތައްވެސް އެބަ ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވަނީ އަޅާފައި. އެހެންވީމާ، މިކަހަލަ ހަރުދަނާ، ހަރުކަށި ގޮތަކަށް މިކަމާ ދޭތެރޭގައި މިއަދު އަޅުގަނޑުމެން އެބަޖެހޭ މަސައްކަތް ކުރަން. އަދި އެކަމަށް ބާރުއެޅުމުގެ ގޮތުން އިޖްތިމާޢީ ކޮމިއުނިޓީ ޕްރެޝަރ ގެނައުމަށްޓަކައި މިފަދަ ޖަމާޢަތްތަކުން ކުރެވިދާނެ މަސައްކަތްތައްވެސް އެބަހުރިކަން އަޅުގަނޑު ގަބޫލުކުރަން.

އާދެ! އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިކަމުގެ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ތިޔަބޭފުޅުން ތިޔަ ކުރައްވަނީ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑުމެންގެ ހުރިހާ އެންމެންނަށްވެސް އެބަ އެނގެންޖެހޭ، މިކަމަކީ މިއީ ގަބޫލު ކުރެވޭ ކަމެއް ނޫންކަން. އެންމެ ފުރަތަމަ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އެއްގޮތަކަށްވެސް ހުއްދަކުރާ ކަމެއް ނޫން ކުޑަކުދިންނަށް ގޯނާ ކުރުމަކީ، އަނިޔާ ކުރުމަކީ. ހަމައެހެން، ބައިނަލްއަޤްވާމީ ޤާނޫނުތަކުންވެސް ގަބޫލުކުރާ ކަމެއްނޫން. އެނގިވަޑައިގަންނަވާނެ ފަދައިން، ކުޑަކުދިންނާބެހޭ މުޅިދުނިޔެ ގަބޫލުކުރާ މުޢާހަދާއެއް އެބައޮވޭ، "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" އޭގެ 19ވަނަ މާއްދާއާއި 34ވަނަ މާއްދާއާއި މިމާއްދާތަކުގައި އެބަހުރި ކުޑަކުދިންނަށް އަނިޔާ ކުރުމުގެ ކަންތައް، ގޯނާކުރުމުގެ ކަންތައް ވަރަށް ބޮޑަށް މަނާކޮށްފައި. އަދި ދައުލަތަށް އެކަމާ ބެހޭގޮތުން ފިޔަވަޅު އެޅުމަށްޓަކައި މަޖުބޫރު ކުރުވާ، ދައުލަތަށް ވާޖިބުކުރުވާ އެކިއެކި މާއްދާތައް. އަދި ހަމައެހެން ދިވެހިރާއްޖޭގެ ޤާނޫނުވެސް ހުއްދަކުރާ ކަމެއްނޫން. ވީމާ، މިކަންކަން ހުއްޓުވުމަށްޓަކައި ޢަމަލީގޮތުން ތަންފީޒީ އިދާރާތަކުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަން އަޅުގަނޑުވެސް ގަބޫލުކުރަން. ވީމާ، އެފަދަ އިދާރާތްތަކާއި އަމިއްލަ ޖަމާޢަތްތަކާ ސަރުކާރާ ގުޅިގެން މިމަސައްކަތް އަދި ކުރިއަށް އޮތްތާނގައިވެސް އަދި މިއަށްވުރެ ބޮޑަށް ކުރެވެމުންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު މިޖަމާޢަތުގެ ފަރާތުން މިކުރައްވާ އަގުހުރި ޚިދްމަތަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ ދުޢާއަކީ، މިޖަމްޢިއްޔާއަށް އަދި މިފަދަ މަސައްކަތް ކުރަމުންގެންދާ އެހެނިހެން ޖަމްޢިއްޔާތަކަށްވެސް ކާމިޔާބު ލިބުން. އަޅުގަނޑުމެންގެ ދަރިންނަކީ، ރަނގަޅަށް ޙިމާޔަތް ކުރެވިގެން އަޅުގަނޑުމެން ލޯތްބާއި، އަޅުގަނޑުމެންގެ އެހީތެރިކަން ލިބޭ ބަޔަކަށްވުން.

والســّلام عليــكم