1983 ވަނަ އަހަރު، ސްރީލަންކާ ސަރުކާރުން އިޢުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނެވުމަށް ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ކަނޑައެޅުއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައީސް ރާޖަޕަކްސައަށް މަރްޙަބާ ވިދާޅުވެއްޖެއެވެ.

މިކަމަށް މަރްޙަބާ ވިދާޅުވެ، ނެރުއްވި ބަޔާނުގައި ރައީސް ރާޖަޕަކްސަގެ ދުރުވިސްނުންފުޅާއި ކެރިވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ތަޢުރީފް ކުރައްވާފައިވެއެވެ. އަދި މި ނިންމެވި ނިންމެވުމަކީ، ރައީސް ރާޖަޕަކްސައާއި ސްރީލަންކާ ސަރުކާރުން އެޤައުމަށް އިތުރު ތަރައްޤީ ގެންނެވުމަށާއި، އެޤައުމު އަލުން އާރާސްތު ކުރެއްވުމަށް ދެއްވާ އަހަންމިއްޔަތު ހާމަވެގެންދާ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ސްރީލަންކާ ސަރުކާރުން އިޢުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނެވިކަން ރައީސް މަހިންދަ ރާޖަޕަކްސަ އިޢްލާން ކުރެއްވީ ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.