ލީބިޔާގައި މިނިވަން ޑިމޮކްރަސީއެއް ޤާއިމްކުރުމަށްޓަކައި، އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ވަގުތީ ސަރުކާރުގެ ގޮތުގައި މަސައްކަތްކުރަމުންދާ ލީބިޔަން ނޭޝަނަލް ޓްރާންސިޝަނަލް ކައުންސިލް (އެން.ޓީ.ސީ)އިން ކުރަމުން ގެންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، އެން.ޓީ.ސީގެ ޗެއަރމަން މުސްޠަފާ ޢަބްދުލްޖަލީލަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ. މި ސިޓީފުޅުގައި، ލީބިޔާގެ ޒަމާންވީ ލީޑަރު ކާނަލް މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެން.ޓީ.ސީ.އިން ސާބިތުކަމާއެކު ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢުރީފް ކުރައްވައި، އެޤައުމުގައި ކާމިޔާބު، ޒަމާނީ މުސްލިމް ޑިމޮކްރެސީއެއް ޤާއިމްކުރުމަށް ދިވެހިރާއްޖޭގެ އެއްބާރުލުން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ލީބިޔާގެ ރައްޔިތުން ތަމްސީލްކުރާނެ ހަމައެކަނި ޤާނޫނީ ފަރާތަކީ، އެން.ޓީ.ސީކަމަށް ފުރަތަމަ އެއްބަސްވި ތިން ޤައުމުގެ ތެރޭގައި، ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް ތަނުގައި އެޤައުމަކީ މިނިވަން ޑިމޮކްރަސީއެއް އޮތް، އިންސާނީ ޙައްޤުތައް ހިމާޔަތްކުރެވިފައިވާ ޤައުމަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.