ގދ. ތިނަދޫގެ ނަން ބަދަލުކުރުމުގައި، ރައްޔިތުންނަށް ފެންނަ ގޮތެއް ހޯއްދެވުމަށް އެރަށުގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު މެންދުރުފަހު ތިނަދޫގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ތިނަދޫގެ ނަން [ހަވަރުތެނަދޫ]ގެ ނަމަށް ބަދަލުކުރުމަށް ތިނަދޫ ރަށު ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތިނަދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، މަތި ދެކުނު ސަރަޙައްދުގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރައްވައި، މި މަޝްރޫޢުތައް އެގޮތަށް ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. 

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުން ތިނަދޫގައި މިއަދު ބޭއްވެވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ އިތުރުން، ބައެއް ސްޓޭޓް މިނިސްޓަރުންނާއި ނައިބުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހުވަދުއަތޮޅު އުތުރުބުރިއާއި، ހުވަދުއަތޮޅު ދެކުނުބުރީގެ އަތޮޅު ކައުންސިލްތަކުގެ މެންބަރުންނާއި، ރަށްރަށުގެ ކައުންސިލުތަކުގެ ރައީސުންނާއި، ސަރަޙައްދުގެ ކޯޕަރޭޝަންތަކުގެ ޑިރެކްޓަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ، ތިނަދުއާއި މަތި ދެކުނު ސަރަޙައްދުގައި ހިންގަވަން ރާއްވަވާފައިވާ އެކި މަޝްރޫޢުތަކާ ބެހޭގޮތުންނެވެ.