ފަސޭހަކަމާއެކު ހުޅުމާލެއަށް ދަތުރުކުރެވޭނެ މަގެއް އުފެއްދެވުމަކީ، އަމާޒެއް ކަމަށާއި، އިރާދަކުރެއްވިއްޔާ އެކަން ހިންގޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބޭ ބައެއް ފަރާތްތަކަށް ލިޔުން ޙަވާލު ކުރުމަށް މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހުޅުމާލެއިން ގޯތި ލިބޭ ފަރާތްތަކުން ހުޅުމާލޭގައި ގެދޮރު އެޅެންވާއިރަށް، ފަސޭހަކަމާ އެކީގައި ހުޅުމާލެއަށް ދެވޭނެގޮތް ހަމަޖެހިގެންދާނެ ކަމަށާއި، އެހެން ނަމަވެސް، ފެރީގައި އެކަނި ދަތުރުކޮށްގެން މިހުރިހާ ދަތިތައް ފިލުވާލަން އުނދަގޫވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ހުޅުމާލެއަށް ދަތުރުކުރެވޭނެ މަގެއް ހެދުމަކީ، ކުރަންޖެހޭ ކަމެއް ކަމަށާއި، އެއީ ދިވެހި ސަރުކާރަށް ނުހިންގޭވަރުގެ މަޝްރޫޢަކަށް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގޯއްޗަށާއި ފްލެޓަށް އެދިފައިވާ ފަރާތްތަކަށް ގޯއްޗާއި ފްލެޓް ދޫކުރެއްވުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ގުޅީފަޅުގެ ދެވަނަ ފޭސް، މިއަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި، ދެވަނަ ފޭސް ފެށުނީމާ، ގުޅީފަޅުގައި ދެހާސް ފައްސަތޭކަ ގެ ޢިމާރާތް ކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ދިމާވެފައި މިއޮތް ދަތި ފިލުވައިދިނުމަކީ، ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، ސަރުކާރުން އަމާޒު ކުރެއްވި ދިހަހާސް ފްލެޓްގެ ތެރެއިން އަށްހާހަށްވުރެ ގިނަ ފްލެޓް ޢިމާރާތް ކުރުމުގެ އެގްރީމަންޓްތައް މިހާރު ކުރެވިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގޯއްޗެއް ލިބުނަސް އަދި އެތަނުގައި ޢިމާރާތެއް ކުރެވެން އަންނާނީ، އާމްދަނީވެސް އިތުރުވެގެން ކަމާއި، ރާއްޖޭގެ ތަރައްޤީގެ ދުވެލިވެސް ބާރުވެ، އިތުރު ވަޒީފާތައްވެސް އުފެދިގެންކަން ފާހަގަކުރެއްވިއެވެ. އެހެންވީމާ، ޢާންމު ރައްޔިތުންނަށް ދިހަހާސް ފްލެޓް ދޫކުރުމަށްޓަކައި އިތުރު އަށްހާސް ފައްސަތޭކަ މީހުން ވަޒީފާގެ މައިދާނަށް ނުކުންނަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް އިތުރުކޮށް، ޒުވާނުންނަށް ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި އުޅެވޭނެ ގޮތްތައް ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މަރްޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ޑިރެކްޓަރ އާދަމް މަނިކެވެ.