بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން މިރޭ ބައްދަލުވެމިލީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލޭގައި ބިންކޮޅެއް އޮވެމެ، ތަނަވަސް ބޯހިޔާވަހިކަމެއް ނުވަތަ އެއްވެސްފަދަ ބޯހިޔާވަހިކަމެއް ހޯދެން ނެތް ފަރާތްތަކަށް ގޮތެއް ހޯދައިދިނުމަށް އެކުލަވައިލެވުނު ޕްރޮގްރާމްގެ ދަށުން މިހާރު ސާފުކުރެވިފައިވާ ފޯމްތަކާއި ބޭފުޅުންނަށް އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް ގޮތެއް ހޯދުމުގެ ފެށުން ފާހަގަކުރުމުގެ ގޮތުން.

އެނގިވަޑައިގަންނަވާނެ، ޖުލައި 26 ވަނަ ދުވަހު މީގެ ފުރަތަމަ 10 ބޭފުޅަކަށް އަޅުގަނޑުމެން ވާނީ މިގޮތަށް ކަންތައްތައް ނިންމައި، އެބޭފުޅުންނަށް ގޯތި ލިބޭނޭ ކަމުގެ ލިޔުން ޙަވާލުކޮށްފައި. މި އުޞޫލުން ކަންތައްތައް ގެންދަމުން ގެންދާއިރުގައި ނަގާ ވަގުތު އަޅުގަނޑުމެންނަށް މިހާރު މިއެނގެނީ. މުޅި ޖުމްލަ ހުރިހާ ބޭފުޅުންގެ ފޯމްތައް ސާފުކުރުމަށް ދެންމެ އެޑަމް ވިދާޅުވިފަދައިން، ދުވަސްކޮޅެއް އަދިވެސް ނަގާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ދެކިގެން މިތިބެނީ، ސާފުވީވަރަކުން ކުރިއަށް ގެންދިޔުމަށް. ކޮންމެހެން ހުރިހާ ފޯމް ސާފުވީމާ، އެކުގައި ކުރިއަށް ގެންދިޔުމުގެ ބަދަލުގައި، ހަމަ ވީމިންވަރަކުން އަޅުގަނޑުމެން ކުރަމުން ގެންދިޔުން. އެހެންވީމާ، މިރޭ އަދި މިތަނަށް ވަޑައިނުގެންނެވޭ ބޭފުޅުންނަށް އެއްގޮތަކަށްވެސް ޔަޤީންކަން ގެއްލުނީއަކީއެއް ނޫން. މިރޭ އަޅުގަނޑުމެން ހަމަ މިތިބީ މިހާތަނަށް ސާފުވީ ބޭފުޅުންނާ އެކީގައި. އަދި ވަކިން ޚާއްޞަކޮށް، މިރޭ މިތިބީ ހުޅުމާލެއިން ބިންކޮޅަކަށް އެދިފައިވާ ބޭފުޅުންނާ އެކީގައި. އަދި އެބަތިބި ހަމަ މިގޮތަށް މާލެއިން ފްލެޓަކާ ބަދަލުކުރަން ބޭނުންވާ ބޭފުޅުންވެސް. އަދި ހުޅުމާލެއިން ފްލެޓަކާ ބަދަލުކުރަން ބޭނުންވާ ބޭފުޅުންވެސް.

ދެން މާލޭގައި ބިންކޮޅެއް ނެތް، އެހެން ނަމަވެސް، މާލެއަށް އުފަންވެ، ނުވަތަ މާލޭގައި އެތައް ދުވަހަކު ދިރިއުޅެފައިވާ ކިތަންމެ ފަރާތެއްގެ ފޯމްތައްވެސް އެބަހުރި. އެބޭފުޅުންނަށް ޚާއްޞަވެފައި މިވަނީ، މި އެއްހާސް ފްލެޓް، ހުޅުމާލޭގައި މިހާރު ޢިމާރާތް ކުރެވެމުންދާ. އެހެންވީމާ، އެފްލެޓްތަކަށްވެސް އަދި މާލޭގައި ޢިމާރާތް ކުރެވެމުންދާ ފައްސަތޭކަ ފްލެޓަށްވެސް، މި ޢިމާރާތްކުރާ ފަރާތްތަކުން އެބަ ބޭނުންވޭ، އެތަން ތަނަށް ވަންނަ ޓެނެންޓުން ނުވަތަ ކޮން ބަޔަކަށްތޯ ތަންތަން ދޫކުރެވެނީ، މިހާރުން މިހާރަށް އެނގެން. އެހެންވީމާ، އަޅުގަނޑުމެންނަށްވެސް އެބައޮތް ޕްރެޝަރެއްވެސް އަވަހަށް މިކަން ހިންގަންޖެހޭ. އެއީ ޢިމާރާތް ކުރެވެމުންދާއިރުގައި، އެޢިމާރާތަށް ވަންނަނީ ނުވަތަ ދިރިއުޅެނީ ކޮންބައެއްކަން އެނގިގެން، ޢިމާރާތް ކުރެވެމުން ދިޔައީމާ، އެތައް ތަނެއް ކިތަންމެ ގުނައަކުން ފަސޭހަވެގެންދާ ކަމަށް، ކަމާބެހޭ ހުރިހާ ބޭފުޅުން ފާހަގަކުރައްވާ. އިރާދަކުރެއްވިއްޔާ، ވީހާވެސް އަވަހަކަށް މިމަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

މާލޭގެ ރައްޔިތުން ހުޅުމާލޭގައި ދިރިއުޅޭއިރުގައި ދިމާވާ އެންމެބޮޑު ދައްޗަކީ މާލެއަށް އައުން ދަތިވާތީވެ. ފަސޭހަކޮށް މިތަނަށް ދަތުރުކުރެވެންޖެހޭނެ. އެހެންވީމާ، ފެރީގެ ނިޒާމް މިހާރު މިއޮތްގޮތަށްވުރެ މާބޮޑުތަނުން ތަރައްޤީ ކުރެވެންޖެހޭނެ. މިހާރު މިވަގުތަށްވާނީ ބޮޑު ފެރީއެއް ހިންގުމަށް ބަޔަކު ހޯދުމަށްޓަކައި ޓްރާންސްޕޯޓުން އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި މިހާރުވަނީ އިޢްލާނުކޮށްފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ ގެދޮރު އެޅެންވާއިރަށް، މާފަސޭހަކަމާ އެކީގައި ހުޅުމާލެއަށް ދެވޭނެގޮތެއް ހަމަޖެހިގެންދާނެ. އެހެން ނަމަވެސް، އެވެސް ނުވާނެ އަދި ދާއިމީ ގޮތަކަށް. ފެރީގައި އެކަނި ދަތުރުކޮށްގެނެއް، އަޅުގަނޑުމެންގެ މިހުރިހާ ދަތިތަކެއް ފިލުވާލަން އުނދަގޫވާނެ. އެހެންވީމާ، ފަސޭހަކަމާ އެކީގައި ހުޅުމާލެއަށް ދަތުރުކުރެވޭނެ މަގެއް އުފެއްދުމަކީ، ހެދުމަކީ އަޅުގަނޑުމެންގެވެސް އަމާޒަކަށްވާނެ. އެއީ ކުރަންޖެހޭނެ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ހިންގޭނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި، އެއީ ދިވެހި ސަރުކާރަށް ނުހިންގޭވަރުގެ މަޝްރޫޢަކަށްނުވާނެ.

ހަމަ އެއާއެކީގައި، މިއަންނަ މަހުގެ ތެރޭގައި އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ގުޅީފަޅުގެ ދެވަނަ ފޭސް ފެށޭނެ. އެތަނުގެ ދެވަނަ ފޭސް ފެށުނީމާ، އެތަނުގައި ދެހާސް ފައްސަތޭކަ ގެ ޢިމާރާތް ކުރެވިގެން އަންނާނެ. އެހެންވީމާ، އެމަސައްކަތްވެސް އިރާދަކުރެއްވިއްޔާ، މިއަހަރު ފަހުކޮޅު، މިއަންނަ އަހަރު އަޅުގަނޑުމެންނަށް ފަށައިގަނެވޭވަރުވާނެ. މަޙްޖޫބު އެބަހުންނެވި މިތާނގައި. އެއީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން. އެ ރަށުގައި މިހާރު ޙަޤީޤަތުގައި ބިމެއް ދެނެއް ނެތް. އެކަމަކު ބައެއް ބޭފުޅުންނަށް ފެންނާނެ، ހުޅުމާލޭގައި ވަރަށް ބައިވަރު ބިން، ހުސް ޖާގަ އޮތް ކަމަށް. އެހެން ނަމަވެސް، ހުސް ޖާގަ ދެން ބޭނުންކުރަން މިޖެހެނީ، އެކިއެކި ޢާންމު ބޭނުންތަކަށް. އެހާ ބޮޑަށް ތޮއްޖެއްސުމަކަށެއް ނޫން، ހުޅުމާލެ ޑިޒައިން ކޮށްފައި އޮތީކީއެއް. އަދި އެރަށް އިންތިޒާމް ކޮށްފައި އޮތީކީއެއް. ވަކިގޮތަކަށް އެތަނުގެ ޢިމާރާތްތަކާއި، އެތަނުގެ ދިރިއުޅުމުގެ ކަންކަން ހިނގަމުންދާނެ އުޞޫލަކަށް ހުޅުމާލެ ޑިޒައިން ކޮށްފައި މިވަނީ. ދެން އަޅުގަނޑު ދެކެނީ، ވަރަށް ރަނގަޅު ހަމަތަކެއް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަރަށް ރަނގަޅަށް ހިންގަވާ މަސައްކަތެއް ކަމަށް. އެމަސައްކަތް ހިންގަވާ އެ ކޯޕަރޭޝަންގެ ބޭފުޅުންނަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ތަރުޙީބުދެން. އެބޭފުޅުން އެމަސައްކަތް އެހިންގަނީ، މިދިޔަ ސަރުކާރާއި އަދި މި ސަރުކާރުގައިވެސް ހަމަ ހުއްޓުމެއްނެތި. އެހެންވީމާ، ހުޅުމާލެ ރީތިކޮށް ތަރައްޤީވަމުން އަންނަކަން އެއީ އަޅުގަނޑު ހިތުން އެބޭފުޅުންނަށް އަޅުގަނޑުމެން މިއަދު ޝުކުރު ދަންނަވަންޖެހޭ ވަރަށްބޮޑު އެއްކަންތައް.

އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް މިމަސައްކަތް ކުރިއަށް، ބާރަށް ގެންދެވޭނެ ކަމަށް. އަޅުގަނޑު ދެކެނީ، އެއީ އަޅުގަނޑުމެންގެ ވާޖިބެއް ކަމަށް. ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް. ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ދިމާވެފައި މިއޮތް ދަތި ފިލުވައިދިނުމަކީ، ކޮންމެހެންވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އަދި އަޅުގަނޑު ދެކެނީ، އެއީ އަޅުގަނޑުމެންނަށް ވާނެ ކަމެއް ކަމަށް. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިހާރު އަޅުގަނޑުމެން އަމާޒުކުރި ދިހަހާސް ފްލެޓްގެ ތެރެއިން އަށްހާހަށްވުރެ ގިނަ ފްލެޓް ޢިމާރާތް ކުރުމުގެ އެގްރީމަންޓްތައް އެހެރީ ކުރެވިފައި.

ދެން މިވަގުތު އެހެން ނަމަވެސް، މިހުރިހާ ޢިމާރާތެއް ނުހިނގާ. ނުހިނގަނީ ކޮންޓްރެކްޓް ނުކުރެވޭތީކީވެސް ނޫން މުޅިއަކުން. ކުއްލިއަކަށް ރާއްޖެއަށް އެހާގިނަ ޢިމާރާތް ކުރަން ޖެހުނީމާ، ކޮންކްރީޓް މެޝިންވެސް މަދުވީ. އައްޑުއަތޮޅުގައި ސިމެންތި އެދަނީ މިހާރު ވަރަށް ބޮޑަށް މަދުވަމުން. އެއީ އެތަނަށް ސިމެންތި ބޭނުންކުރާވަރު، މިއިން ޒަމާނަކުން ދުވަހަކު ބޭނުން ނުކުރާހާ ސިމެންތި މިހާރު އެބަ ބޭނުންކުރޭ. ދެން އަދި އަޅުގަނޑުމެންނަށް ފާޑުކިޔުމުގެ ބޭފުޅުން ކޮންމެ ގޮތަކަށް ވިދާޅުވި ނަމަވެސް، އެބަހުރި ސީދާ ފެންނާން ހުރި ހިސާބު ޢަދަދުތަކެއް. މިހާރު ކިހާ ސިމެންތިއެއްތޯ ރާއްޖޭގައި ގަށަނީ. އެއީ އެނގޭ އެއްޗެއް. އެއީ އިއްޔެ އިމްޕޯޓްކުރީ ކިހާ ސިމެންތިއެއްތޯ އަޅުގަނޑުމެންނަށް އެނގޭ. ކިހާ ކޮންކްރީޓް ދަގަނޑެއްތޯ އެބަ ސާފުކޮށް އެނގޭ. ބާރަށް ރެޒޯޓްތައް ހަދަމުން އަންނަ ދުވަސްވަރެއް ނޫން މިއީ. މިހާރަކު ގިނަ ރެޒޯޓް ހެދެނީކީއެއް ނޫން. އެހެން ނަމަވެސް، ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރީގައި ހީނަރުވެފައި އޮވެފައި، މިހާރު އަނެއްކާ ވަރަށް ބާރަށް މިދަނީ. އޭގެ އެންމެބޮޑު އެއް ޙަޤީޤަތަކީ ހަމަ ފޮރިން އިންވެސްޓްމަންޓް ރާއްޖެއަށް މިހާރު އިތުރުވެފައިވާ މިންވަރު. އެއްހާސް އެތައް ޕަސެންޓަކުން ކުރިއާ އަޅާބަލާއިރުގައި ފޮރިން އިންވެސްޓްމަންޓް ނުވަތަ ބޭރު ފަރާތްތަކުން ރާއްޖެއަށް އައިސް އިންވެސްޓް ކުރާ މިންވަރު އިތުރުވެފައި އެބައޮތް.

ދެން މިހިސާބުތަކަކީ ވަރަށް ސާފުކޮށް ފެންނާން ހުންނަ ހިސާބު. ބައެއްފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެވާހަކަތައް ވިދާޅުވާއިރުގައި، އަޅުގަނޑުމެންނަށް ކުއްލިއަކަށް އޮޅޭގޮތްވޭ. އެހެން ނަމަވެސް، މިއީ ހަމަ ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ފެންނާން ހުރި ޙަޤީޤަތްތަކެއް. މި ރާއްޖޭގައި މިހާރު ފޮރިން އިންވެސްޓްމަންޓް ހިނގަމުން އަންނަ މިންވަރާއި އަދި ޑިވެލޮޕްމަންޓް ނުވަތަ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގަމުން އަންނަ މިންވަރު. މީގެކުރީގައި މިސާލަކަށް އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީ އަހަރު، 2008 ވަނަ އަހަރު، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި، ޚަރަދު ކުރެވިފައި އޮތީ ހަތަރުސަތޭކަ އަށްޑިހަ އެތައް މިލިއަން ރުފިޔާއެއް. 2010 ވަނަ އަހަރަކީ ސަރުކާރު ކުޑަކޮށް މަސައްކަތްކުރި އަހަރެއް. އެ އަހަރު އެކެއް ޕޮއިންޓް ދެބިލިއަން ރުފިޔާ ޚަރަދު ކުރެވުނު، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓަށް. މިއަހަރު އަދި އެއަށްވުރެ އެތައް ގުނައެއް ޚަރަދު ކުރެވިގެންދާނެ. އެހެންވީމާ، މަސައްކަތްތައް އެބަ ވަރަށް ބާރަށް ހިނގާ. ދެން އަދި އެކަމާ ގުޅިގެން އެހެންވީމާ، ރައްޔިތުންގެ އާމްދަނީވެސް އެބަ އިތުރުވަމުން އަންނަ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ.

ދެން އަޅުގަނޑު ދެކެނީ، މިހުރިހާ ކަމެއް މެދުވެރިވެގެން ނޫނިއްޔާ، ޙަޤީޤަތުގައި ތިޔަބޭފުޅުންނަށް އަދި ގޯއްޗެއް ލިބުނަސް، އެތަނުގައި ޢިމާރާތެއް ކުރެވެން އަންނާނީ، އާމްދަނީވެސް އިތުރުވެގެން. އަދި ރާއްޖޭގެ ތަރައްޤީގެ ދުވެލިވެސް ބާރުވެގެން. އަދި އިތުރު ވަޒީފާތައްވެސް އުފެދިގެން. އެހެންވީމާ، މިހާރު މިހިންގޭ ހުރިހާ ޕްރޮގްރާމްތައް އެއްކޮށްލީމާ، އަށްހާސް ފައްސަތޭކަ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ޕްރޮގްރާމެއް އެބަ ހިންގޭ. އެއީ އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުގައި، ދިހަހާސް ފްލެޓް ޢާންމު ރައްޔިތުންނަށް ދޫކުރުމަށްޓަކައި އިތުރު އަށްހާސް ފައްސަތޭކަ މީހުން ވަޒީފާގެ މައިދާނަށް ނުކުންނަން އެބަޖެހޭ. އެކަމަށްޓަކައި އެ ދެކޮޅު ޖެއްސުމަށްޓަކައި ހިންގާ ޕްރޮގްރާމެއް. އެހެންވީމާ، ޙަޤީޤަތުގައި ހައުސިންގ ޕްރޮގްރާމް އެއްގޮތަކުން ދަންނަވާނަމަ، ވަޔަބަލް ކުރުމަށްޓަކައި ނުވަތަ ދެކޮޅުޖެއްސުމަށްޓަކައި މި ވަޒީފާގެ ފުރްޞަތުތައް އިތުރުކުރާން މިޖެހެނީ. އަދި ހައުސިންގ ޕްރޮގްރާމް ހިންގާން މިޖެހެނީ، ޑްރަގްގެ އަދި އެހެން ނޫނިއްޔާ، ޢާއިލާ ނުތަނަވަސްކަމުގެ ތެރޭގައި ތިބުމާއި، އެ އުނދަގޫތަކުން ސަލާމަތްކޮށްގެން ނޫނިއްޔާ ނެތް، އަޅުގަނޑުމެންނަށް ދިމާވެފައިވާ މި ޑްރަގްގެ ޝިކާރައަކަށް ޒުވާނުންވެދިޔުން، އެކަމަށްވެސް ޙައްލެއް ގެނެވޭކަށް. އަދި ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް އިތުރުކޮށް، ޒުވާނުންނަށް ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި އުޅެވޭނެ ގޮތްތައް ހޯދައިދިނުމަކީ، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އަޅުގަނޑު ވާހަކަ ދިގެއް ނުކުރާނަން. މިރޭ މިތަނަށް ވަޑައިގެންނެވީތީވެ، ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ!

والحمد للّـه.