ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޓެކްސްގެ ބިލްތަކަށް އިދިކޮޅު ޑީ.އާރު.ޕީ.ގެ ތާއީދު ހޯއްދެވުމަށްޓަކައި، އެ ޕާޓީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިރޭ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި، މިބައްދަލުކުރެއްވުމުގެ ތަފްޞީލު، ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން، ޑީ.އާރު.ޕީ.ގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ފަންނީ ބޭފުޅުންނާ މަޝްވަރާ ކުރައްވައި، ގެންނެވެން އޮތް ބަދަލެއް ގެންނެވޭތޯ ބައްލަވާނެ ކަމުގައި ވިދާޅުވިއެވެ.

އަޙްމަދު ތަސްމީން ޢަލީ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ޚާއްޞަކޮށް، ދައުލަތުގެ ޚަރަދުތައް އެތައް ތަނަކުން ބޮޑުވެގެންދާތީ، އެކަމާ ކަންބޮޑުވެވަޑައިގަތުން ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ ބަޖެޓް 7 ބިލިއަން، 8 ބިލިއަނަށް ހުރެފައި، ސުނާމީއަށްފަހު ކުއްލިއަކަށް ބަޖެޓް ބޮޑުވެގެންދިޔައީތީ، އެކަން އަޙްމަދު ތަސްމީން ޢަލީ ފާހަގަކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސުނާމީގެ ޚާއްޞަ ޙާލަތު ދިމާވެގެން ބޮޑުވި ބޮޑުވުމަށް، މިހާތަނަށް އައިއިރުވެސް ބަދަލެއް ގެނެވިފައިނުވާކަން ތަސްމީން ފާހަގަކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ދައުލަތުގެ ޚަރަދުތައް، ދެފުށް ފެންނަ ގޮތަށް ކުރަމުން ގެންދިޔުމަށްވެސް ތަސްމީން ބާރުއެޅުއްވި ކަމަށާއި، ތަސްމީން ބޭނުންފުޅުވަނީ، ސަރުކާރުން އެކަން ޢަމަލީގޮތުން ކުރައްވަމުން ގެންދަވާތަން ފެނިވަޑައިގަތުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޓެކްސްގެ ބިލްތަކާ ގުޅޭގޮތުން ތަފާތު އެތައް ސުވާލުތަކެއް ނޫސްވެރިން ދެންނެވިއެވެ. ޓެކްސްގެ ނިޒާމަކީ، އެންމެ ދުވަހަކުން ފުރިހަމަކުރެވޭނެ ނިޒާމެއް ނޫން ކަމަށާއި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ނިޒާމު ފުރިހަމަވާނީ، ކޮންމެވެސް މިންވަރެއްގެ ޓެކްހެއް އާމްދަނީން ނެގިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޭނުންފުޅުވަނީ ޑީ.އާރު.ޕީ.އާއެކު އިތުރަށް މަޝްވަރާ ކުރެވޭނެ މަގުތައް ފަހިވުން ކަމަށާއި، ޑީ.އާރު.ޕީ.އާއެކު މިމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ޑީ.އާރު.ޕީ.ގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީއަށް އެމަނިކުފާނު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްވި ޕްރެސް ކޮންފަރެންސް ނިންމަވާލައްވަމުން، އެމް.އެމް.އޭ.ގެ ގަވަރނަރ ފަޒީލް ނަޖީބް، އެމަގާމުން ވަކިކުރެއްވުމަށް ސަރުކާރުން ހުށަހަޅުއްވާ ހުށަހެޅުއްވުން ކުރިއަށް ނުގެންދަވަން ނިންމެވިކަން ހާމަކުރެއްވިއެވެ. އަދި މިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ސިޓީފުޅަކުން މާދަމާ ދަންނަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދަށާއި މާލީ ނިޒާމަށް މިހާ ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު، ފަޒީލް ނަޖީބްގެ ތަޖްރިބާއާއި އަދި އެބޭފުޅާގެ މަސައްކަތްތައް ބަލައިގަންނަންޖެހޭނެ ކަމަށާއި، އަދި އެބޭފުޅާއާ އެކީގައި މަސައްކަތް ކުރައްވައިގެން ކުރިއަށް ދެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.