بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 19 އޯގަސްޓް 2011 ވީ ހުކުރު ދުވަސް. އިއްޔެގައި އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިއައީ އަވަށްޓެރި ސްރީލަންކާއަށް ކުރި ދަތުރެއް ނިންމާފައި. މި ދަތުރުގައި އަޅުގަނޑަށް ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާއި އަދި ސްރީލަންކާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރްޞަތު ލިބިގެންދިޔަ. އަޅުގަނޑުމެންނަށް ސިލޯނު ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު. އަދި މިދަތުރުގައި ބޭންކް އޮފް ސިލޯނުން ސިލޯނު ސަރުކާރާއެކުގައި ވެފައިއޮތް އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއަށް ސިލޯނުން އިމްޕޯޓްކުރާ ތަކެއްޗަށް ދިހަ މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް މިއަދު މިވަނީ ހަމަޖެހިފައި. އިއްޔެގައި އެކަމުގެ ކުޑަކުޑަ ރަސްމިއްޔާތެއްވެސް ކޮޅުނބުގައި ބޭއްވުނު. އެހެންވީމާ، މިކަމުގެ ސަބަބުން ރާއްޖެއަށް ސްރީލަންކާއިން ތަކެތި އެތެރެކުރާ ފަރާތްތަކަށް ފުރްޞަތުތަކެއް ފަހިވެގެންދާނެ. އަދި ބޭރު ފައިސާގެ ދަތިކަމާއި، މިކަންކަމަށްވެސް ފަސޭހަތަކެއް އެފަރާތްތަކަށް ލިބިގެންދާނެ.

ހަމަ މިއާއެކު، ސިލޯނު ސަރުކާރުންވަނީ ސާކް ސަމިޓަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހަކިލޯ މީޓަރުގެ މަގު ހަދައިދިނުމަށް އެއްބަސްވެވަޑައިގެންފައި. އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ފޭދޫ މައި މަގާއި އަދި މަރަދުއާއި މަރަދޫފޭދޫގެ މައިމަގު ރަނގަޅު ފެންވަރަކަށް ހަދައި ނިންމޭނެގޮތްވާނެ. އެހެންނަމަވެސް، މިދެންނެވި މަގު އެއީ، ހިތަދޫ ބޮޑުމަގު، އެނގިވަޑައިގަންނަވާނެ މިހާރު މިދަނީ ހެދެމުން. މިދެންނެވި ފޭދުއާއި މަރަދޫފޭދުއާއި މަރަދޫގެ މަގު، ސަމިޓާ ހަމައަށް ނިންމާލުމަކީ ވަރަށްބޮޑު މަސައްކަތަކަށްވާނެ. ސްރީލަންކާ ސަރުކާރުން އެބަ ބުނޭ، އެއީ އެބޭފުޅުންގެ އެހީތެރިކަމާއެކީގައި ކުރެވިދާނެ ކަމެއް ކަމަށް. އެހެން ނަމަވެސް، ސަމިޓަށް ނުނިންމުނު ނަމަވެސް، އަޅުގަނޑު މިދެކެނީ އެހެންވީމާ، އައްޑުއަތޮޅުގެ އެތެރޭގެ ބޮޑުމަގު، ހުރިހާ ރަށެއްގައި، ހުޅުދުއާއި މީދޫ ފިޔަވައި ހަދައި ނިމޭނެ. އެ މަގު ހެދުމުގެ ކުރީގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރެވެން ޖެހޭނެ. އެހެންވީމާ، މަގު ހެދުމަށް އަދި އިތުރު ތުރާތަކަކަށް ވެގެންދާނެ. އެހެން ނަމަވެސް، އަޅުގަނޑު މި އުންމީދު ކުރަނީ، އެ މަގުވެސް މި ސަމިޓުގެ ދުވަސްވަރު ނުވަތަ އެއާ ދާދި ގާތަށް ނަމަވެސް ނިންމޭތޯ އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން.

ސްރީލަންކާއާ އެކީގައި އަޅުގަނޑުމެން ސަމިޓުގެ އިތުރު މަޝްވަރާތައްވެސް ކުރިން. އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް އަޅުގަނޑު ސްރީލަންކާގެ ރައީސާ އެކުގައި މަޝްވަރާކޮށް ހެދިން. އަޅުގަނޑުމެންގެ ސާކް ސަމިޓް އެއީ، ކާމިޔާބު ސަމިޓަކަށް ހެދުމަށްޓަކައި ސިލޯނު ސަރުކާރުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް، އެއްބާރުލުމެއް ދެއްވާނެ ކަމަށް ސްރީލަންކާގެ ރައީސް ވިދާޅުވި. ސިލޯނު ސަރުކާރުގެ އެހީތެރިކަމާއި އަދި ސާކްގެ އެހެންވެސް ޤައުމުތަކުގެ އެހީތެރިކަމާއެކުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންނަށް ކާމިޔާބު ސަމިޓެއް އިރާދަކުރެއްވިއްޔާ ބޭއްވޭނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم