بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 12 އޯގަސްޓް 2011 ވީ ހުކުރު ދުވަސް. މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަސް. މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ތަހުނިޔާ އަދާކުރުން. ސަރުކާރުން މިވަގުތު ވަރަށްބޮޑު އިސްކަމެއްދީގެން ހިންގަމުން ގެންދާ މަސައްކަތަކީ، ތަޢްލީމާއި ހުނަރު ދަސްކޮށްދީ، ޒުވާނުން ވަޒީފާގެ މާރުކޭޓަށް، ވަޒީފާގެ ބާޒާރަށް ނެރުމަށް ޒުވާނުންނަށް އެހީތެރިވެދިނުން. އެނގިވަޑައިގަންނަވާނެ، މިދިޔަ ޖުލައި 26 ވަނަ ދުވަހު، މިނިވަންދުވަހު އަޅުގަނޑުވާނީ 8500 ދިވެހިން، ވަޒީފާގެ ފުރްޞަތަށް ފަހިކޮށްދިނުމާއި އަދި ވަޒީފާއަށް ތައްޔާރުކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމުގެ އިޢްލާނެއް ކޮށްފައި. މިވަގުތު މިހާރު މިދަނީ މިދެންނެވި ޕްރޮގްރާމް ކުރިއަށް. އަޅުގަނޑުމެންނަށް އެކަމަށް ބޭނުންވާ ކުދިން ނެގުމުގެ މަސައްކަތް މިހާރު މިވަނީ ފަށައިގަނެވިފައި. މި ޕްރޮގްރާމްގައި ލިބެންހުރި ފުރްޞަތުތަކަކީ ކޮބައިތޯ ބަލައި، ހޯދައި، ވެބްސައިޓްތަކާއި، ނޫސްތަކުގެ އިޢްލާނުތަކާއި އަދި ސަރުކާރުގެ ގެޒެޓްވެސް ބައްލަވައި، މިމަޝްރޫޢުގެ ތެރެއަށް ވަދެވެން އޮތް ގޮތަކަށް ވަނުމުގެ ހުރިހާ ކަމެއް ކުރެއްވުމަކީ، އަޅުގަނޑު މިއަދު ޒުވާނުންގެ ކިބައިން ވަރަށް ބޮޑަށް އެދޭ ކަމެއް.

ހަމައެހެންމެ، މިދިޔަ މިނިވަންދުވަހު ސަރުކާރުން އިޢްލާނުކުރި އަނެއް ޕްރޮގްރާމަކީ، ދެވަނަ ފުރްޞަތެއް ދިނުމުގެ ޕްރޮގްރާމް. މި ޕްރޮގްރާމްގެ ދަށުން އެ ފުރްޞަތުގެ ބޭނުން ހިފުމަށްޓަކައި ފާހަގަކުރެވޭ ކުދިން އަދި މުޖްތަމަޢަށް އަލުން އަނބުރާ އެކުދިން ގެނައުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކުގެ ތެރޭގައިވެސް ހަމަ ހުނަރާއި ތަޢްލީމު ދިނުމުގެ ޕްރޮގްރާމްތަކާއި އަދި މަސައްކަތްތައް އެބަ ހިމެނޭ. އަދި އޭގެއިތުރުން، މިކުދިންނަށް ބޭނުންވާނެ އެކިއެކި ޞިއްޙީ ނުވަތަ މެޑިކަލް ފަރުވާވެސް، ބޭސްވެރިކަމުގެ ފަރުވާވެސް އެކުދިންނަށް ދިނުމުގެ ކަންކަން މިހާރު މިވަނީ ރޭވިފައި. މީގެތެރެއިން ސާޅީހަކަށް ކުދިން މިހާރު މިވަނީ ފުރަތަމަ ބެޗެއްގެ ގޮތުގައި މާފުށިން ނެރެވި، އެމީހުންގެ ޕްރޮގްރާމްތައް، އެމީހުން ފަށާފައި. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، ހަމަ މި ޕްރޮގްރާމްގައި ހިމެނޭ އެހެން ހުރިހާ ކުދިންވެސް ނެރެވި، އެކުދިންނަށްވެސް ފުރްޞަތުތައް ފަހިވެގެންދާނެ.

މިކަންކަން ސަރުކާރުން ހިންގަމުން ގެންދާއިރުގައި، އެކުއްޖެއްގެ ސަބަބުން މުޖްތަމަޢަށް ނުވަތަ ޢާންމު މަޞްލަޙަތަށް އެއްވެސްކަހަލަ ނުރައްކަލެއް، ބުރޫއެއް އަރާނެފަދަ ޢަމަލެއް ހިންގާފާނެ ކުއްޖެއް ކަމަށް ފެންނަނަމަ، ފުރަތަމަ ކަމަކަށް، އެފަދަ ކުއްޖެއް ނުވެސް ނެރެވޭނެ. އަދި ނެރިފައިވާ ކުއްޖެއްގެ ކިބައިން އެފަދަ ކަމެއް ފާހަގަވެއްޖެނަމަ، އެކުއްޖެއް އަލުން އަނބުރާ ވަގުތުން ޖަލަށްވެސްދާންޖެހޭނެ. އަޅުގަނޑު ޔަޤީން ކުރަނީ، ހުރިހާ ކުދިންވެސް، މި ޕްރޮގްރާމްގައި ބައިވެރިވެލައްވާނީ، އިޚްލާޞްތެރިކަމާއެކުގައި އަދި އުންމީދާ އެކުގައި ކަމަށް. ކުރިއަށް އޮތް ތަނުގައި، ތިމަންނާއަށް މިއަދަށްވުރެ އަދި މާރަނގަޅު ގޮތެއް ހޯދެން އޮތްކަން ގަބޫލުކޮށް، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ދެފައިމައްޗަށް ތެދުވެހުރެ، ތިމަންނާގެ އަނބިދަރިންނާއި، ތިމަންނާގެ ޢާއިލާ ބެލޭނެވަރުގެ ފަޚްރުވެރި ދިވެއްސެކޭ، ޒުވާނެކޭ، ތިމަންނާއަކީ ކެރޭ މީހެކޭ ބުނެވޭވަރުގެ ދިވެހި ޖީލެއް ހޯދުން އަޅުގަނޑުމެންގެ މަސައްކަތަކީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެމަސައްކަތް ކާމިޔާބުކަމާ އެކީގައި ކުރިއަށް ގެންދެވޭނެ.

މިއަންނަ ހަފްތާގެ ތެރޭގައި، ސަރުކާރުގެ މާލީ އަދި އިޤްތޞާދީ ޕްރޮގްރާމް، ރަސްމީކޮށް އިޢްލާނު ކުރުން، މިއަންނަ ހޯމަ ދުވަހު މިއޮތީ ބާއްވާގޮތަށް. އަޅުގަނޑު އެދެން، ވީހާވެސް ގިނަ ބޭފުޅުން، މިދެންނެވި ޖަލްސާއަށް ވަޑައިގެންދެއްވުމަށް. އެ ޖަލްސާގައި، ސަރުކާރުގެ މުޅި އިޤްތިޞާދީ ޕްރޮގްރާމް، ވަރަށް ފުރިހަމަކޮށް ހާމަވެގެންދާނެ. އޭގެތެރޭގައި، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ 18 ބިލްގެ މަޢްލޫމާތުވެސް ލިބިގެންދާނެ. ހުށަހެޅިފައިވާ ބިލްތަކުގެ ތެރެއިން ބައެއް ބަޙުޘްގައި، ބައެއްފަހަރަށް، ބައެއް ބޭފުޅުން ކަންބޮޑުވެލައްވާ. ރައްޔިތުންގެ މަޖިލީހުގެވެސް ބައެއް ބޭފުޅުން، ބިލްތަކާ ގުޅޭގޮތުން ކަންބޮޑުވެލައްވައި އެބަ އުޅުއްވާ. އަދި ހަމައެހެންމެ، ބައެއް ވިޔަފާރި ޖަމްޢިއްޔާތަކުން، މި ބިލްތަކާ ގުޅޭގޮތުން ކަންބޮޑުވުން އެބަ ފާހަގަކުރައްވާ. އަޅުގަނޑު ދަންނަވާނީ، ޚާއްޞަކޮށް، ވިޔަފާރި ޖަމްޢިއްޔާތަކުންވެސް މިކަންކަމާ ކަންބޮޑުވެލެއްވުމުގެ އެއްވެސް ސަބަބެއް ނެތޭ. މީގެން އެބޭފުޅުންނަކަށްވެސް އެވިދާޅުވާ އަސަރުތަކެއް ނުކުރާނެއޭ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަނގަޅުވުމާއި، ދިވެހި ދައުލަތް ކުރިއަރައި ދިޔުމާއި، އަޅުގަނޑުމެންނަށް ތަރައްޤީގެ މަގު ފަހިވެގެން ދިޔުން ނޫން ކަމެއް، މި ބިލްތަކުން ވެގެންދާނެ ކަމަކަށް އަޅުގަނޑުމެންނަކަށެއް ނުފެނޭ.

އަޅުގަނޑު މިދެކެނީ އަދި އަޅުގަނޑު ޔަޤީން ކުރަނީ، ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތު ކުރިއަށް މިގެންދެވެނީ، ވިޔަފާރިވެރިންގެ އެތައް ބަޔަކާ މަޝްވަރާ ކުރެވިގެން. އަދި އެބޭފުޅުންގެ ހެޔޮލަފާ ނަޞޭޙަތް އަޅުގަނޑުމެން ގަބޫލުކޮށްގެން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم