އިޤްތިޞާދީ އިޞްލާޙީ ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ބިލްތަކުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅުވުމާއި، ދިވެހި ދައުލަތް ކުރިއަރައިދިޔުމާއި، ރާއްޖެއަށް ތަރައްޤީގެ މަގު ފަހިވެގެން ދިޔުން ނޫން ކަމެއް ވެގެންދާނެ ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މިބިލްތަކާމެދު ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާތީ، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެވެސް ބައެއް ބޭފުޅުން، މިބިލްތަކާ ގުޅޭގޮތުން ކަންބޮޑުވެވަޑައިގެން އެބަ އުޅުއްވާ ކަމަށާއި އަދި ބައެއް ވިޔަފާރި ޖަމްޢިއްޔާތަކުންވެސް މިބިލްތަކާ ގުޅޭގޮތުން ކަންބޮޑުވުން އެބަ ފާޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ވިޔަފާރި ޖަމްޢިއްޔާތަކުން އެ ވިދާޅުވާ އަސަރުތަކެއް، މިބިލްތަކުގެ ސަބަބުން ނުކުރާނެ ކަމަށާއި، ވިޔަފާރި ޖަމްޢިއްޔާތަކުންވެސް މިކަންކަމާ ކަންބޮޑުވެވަޑައިގަތުމުގެ އެއްވެސް ސަބަބެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ މާލީ އަދި އިޤްތިޞާދީ ޕްރޮގްރާމް ރަސްމީކޮށް އިޢްލާނު ކުރެއްވުން، މިއަންނަ ހޯމަ ދުވަހުގެރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ވިދާޅުވެ، މިޖަލްސާއަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި މިޖަލްސާގައި ސަރުކާރުގެ މުޅި އިޤްތިޞާދީ ޕްރޮގްރާމް، ވަރަށް ފުރިހަމަކޮށް ހާމަވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަސް ކަމަށް ވުމާއެކު، މިއަދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ތަހުނިޔާ އަދާކުރެއްވިއެވެ. އަދި ސަރުކާރުން މިވަގުތު ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ތަޢްލީމާއި ހުނަރު ދަސްކޮށްދެއްވައި، ޒުވާނުން ވަޒީފާގެ ބާޒާރަށް، ވަޒީފާއަށް ނުކުތުމަށް އެހީތެރިވެދެއްވުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 8500 ދިވެހިންނަށް ވަޒީފާގެ ފުރްޞަތު ފަހިކޮށްދެއްވައި، ވަޒީފާއަށް ތައްޔާރުކޮށްދެއްވުމުގެ ޕްރޮގްރާމެއް، ސަރުކާރުން ފެށްޓެވުމަށް ހަމަޖައްސަވައި، މިދިޔަ މިނިވަންދުވަހު އެކަން އިޢްލާނު ކުރައްވާފައިވާތީ، މިޕްރޮގްރާމްގެ މަސައްކަތް ކުރިއަށްދާކަމާއި، އެކަމަށް ބޭނުންވާ ކުދިން ނެގުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މި ޕްރޮގްރާމްގައި ލިބެންހުރި ފުރްޞަތުތަކަކީ ކޮބައިތޯ، ވެބްސައިޓްތަކާއި، ނޫސްތަކުގެ އިޢްލާނުތަކާއި އަދި ސަރުކާރުގެ ގެޒެޓްވެސް ބަލައިގެން، މި މަޝްރޫޢުގެ ތެރެއަށް ވަދެވެން އޮތް ގޮތަކަށް ވަނުމުގެ ހުރިހާ ކަމެއް ކުރުމަށް ޒުވާނުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިދިޔަ މިނިވަންދުވަހު އިޢްލާނު ކުރެއްވި ދެވަނަ ފުރްޞަތު ޕްރޮގްރާމްގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްލަވާލެއްވިއެވެ. މިގޮތުން، ފުރަތަމަ ބުރުގައި ސާޅީހަކަށް ކުދިން މިހާރު ވަނީ މާފުށިން ނެރެވި، އެކުދިންގެ ޕްރޮގްރާމްތައް ފެށިފައި ކަމާއި، މިޕްރޮގްރާމްގައި ހިމެނޭ އެހެން ހުރިހާ ކުދިންވެސް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި ނެރެވި، އެކުދިންނަށްވެސް ފުރްޞަތުތައް ފަހިކޮށްދެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިކަންކަން ސަރުކާރުން ހިންގަވަމުން ގެންދަވާއިރުގައި، އެކުއްޖެއްގެ ސަބަބުން މުޖްތަމަޢަށް ނުވަތަ ޢާންމު މަޞްލަޙަތަށް އެއްވެސްކަހަލަ ނުރައްކަލެއް، ބުރުލެއް އަރާފާނެފަދަ ޢަމަލެއް ހިންގާފާނެ ކުއްޖެއް ކަމަށް ފެނިވަޑައިގަންނަވާނަމަ، އެފަދަ ކުއްޖަކު ނުވެސް ނެރުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެވަނަ ފުރްޞަތުގެ ދަށުން ނެރުއްވާފައިވާ ކުއްޖެއްގެ ކިބައިން އެފަދަ ކަމެއް ފާހަގަވެއްޖެނަމަ، އެކުއްޖަކު އަލުން އަނބުރާ ވަގުތުން ޖަލަށްދާންޖެހޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ކުދިންވެސް، މިޕްރޮގްރާމްގައި ބައިވެރިވާނީ ވަރަށް އުންމީދާ އެކީގައި ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.