ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އުފައްދަވައިފިއެވެ. ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ ހިނގަމުންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖައްސަވާފައިވާ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުންނެވެ.

މި އޮތޯރިޓީ މި އުފެއްދެވީ، ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގގެ މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި މުއައްސަސާއެއް ރާއްޖޭގައި ޤާއިމްކުރުމަކީ ބޭނުންތެރިކަމެއްކަމަށް ފެނިވަޑައިގަންނަވާތީއެވެ.

"ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ"ގެ މަސައްކަތްތައް ތިރީގައިމިވަނީއެވެ.

1. ދިވެހިރާއްޖޭގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ (ޓިވެޓް) ނިޒާމެއް ޤާއިމުކޮށް ތަރައްޤީކުރުމާއި، ދިވެހިރާއްޖޭގެ ޓިވެޓް ނިޒާމަށް ބޭނުންވާ ސިޔާސަތުތައް ހިންގުން.

2. އެޕްރެންޓިސްޝިޕް ސްކީމް ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީކުރުމާއި، އެ މަޢްލޫމާތު އެއްކޮށް، ރައްކާކުރުމާއި، އެ މަޢްލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މަޢްލޫމާތު ފޯރުކޮށްދިނުން.

3. ޓިވެޓް ނިޒާމުގައި ބައިވެރިވާ ތަމްރީނުދޭ ފަރާތްތަކާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގައި ބައިވެރިވާ ވަޒީފާދޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި، މި ދެފަރާތުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން.

4. އެމްޕްލޯޔަރ ބޭސްޑް ޓްރޭނިންގ ހިންގާނެ ނިޒާމެއް ކަނޑައެޅުން.

5. ރަސްމީ ނިޒާމެއްގެ ތެރެއިން ސަރޓިފިކެޓެއް ނެތި އެއްބާވަތެއްގެ މަސައްކަތުގައި ދެމިތިބޭ މުވައްޒަފުންނަށް މަތީހަރުފަތަކަށް ވާސިލްވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، ޓިވެޓް ނިޒާމުގެ ތެރެއިން ޓްރޭޑް ޓެސްޓިންގ ނިޒާމެއް ޤާއިމުކޮށް، އެފަރާތްތަކަށް ޓްރޭޑް ސަރޓިފިކެޓް ދެވޭނެ އިންތިޒާމް ހަމަޖެއްސުން.

6. ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާތަކަށް މީހުން ބިނާކުރުމަށް ބޭނުންވާނެ އޮކިއުޕޭޝަނަލް މިންގަނޑުތައް އެކުލަވާލުމާއި، ޓްރޭނިންގ މެޓީރިއަލް އުފެއްދުމާއި، އެތަކެތި މުރާޖަޢާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

7. ކޮންޕީޓެންސީ ސްޓޭންޑަރޑްތަކުގައި ބަޔާންކުރާ ލެވެލްއާއި ޕަރފޯމަންސް ކްރައިޓީރިއާ އެއްގޮތްވާގޮތުގެ މަތީން، ބައިވެރިންގެ ސްކިލް އެސެސްކުރާނެ މިންގަނޑުތައް އެކުލަވާލުމާއި، އެސެސްމެންޓްތައް ކުރިއަށް ގެންދިޔުން.

8. ރާއްޖޭގެ އެކިއެކި ރަށްރަށުގައި ނުވަތަ ސަރަޙައްދުތަކުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި ޚާއްޞަ ފަންނުތައް (މިސާލު: ކިއްސަރު ވަޑާން، އަތްކަން ކުރުން، ލިޔެލާޖެހުން، ވިޔުމާއި ޖަރީކުރުމުގެ މަސައްކަތް) ފާހަގަކޮށް، މި ދާއިރާތަކުން މީހުން ތަމްރީން ކުރަންޖެހޭ މިންވަރާއި ފެންވަރު ކަނޑައެޅުން.

9. ޓިވެޓް ޕްރޮގްރާމްތައް ހިންގާނެ ޓްރޭނިންގ ޕްރޮވައިޑަރުންނާއި، އެސެސަރުންގެ ދަފްތަރެއް ޤާއިމުކުރުމާއި، މި ދަފްތަރުގައި ހިމެނޭ ޓްރޭނިންގ ޕްރޮވައިޑަރުންނާއި، އެސެސަރުންގެ ޤާބިލުކަން އިތުރުކޮށްދިނުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން.

10. އޮކިއުޕޭޝަނަލް ދާއިރާތަކުން ފަންނީ މާހިރުންގެ ޕެނަލްތައް އެކުލަވާލުމާއި، އެ ޕެނަލްތަކުގެ ފަންނީ އެހީގައި ތައްޔާރުކުރެވޭ ކޮންޕީޓެންސީ ސްޓެންޑަރޑްތައް އެންޕްލޯއިމްންޓް ސެކްޓަރ ކައުންސިލަށާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅައި ފާސްކުރުމާއި، ސްޓޭންޑަރޑްތަކަށް ފެތޭގޮތަށް ހިންގޭ ޕްރޮގްރާމްތައް ފުރިހަމަކުރާ ބައިވެރިންނަށް ސަރޓިފިކެޓް ދިނުމާއި، މިފަދަ ޕްރޮގްރާމްތަކުގެ ބައިވެރިންގެ މަޢްލޫމާތު ޓްރޭނިންގ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (ޓީ.އެމް.އައި.އެސް) ގައި ހިމެނުން.

11. ޓިވެޓް ނިޒާމުން ހިންގާ ތަމްރީން ޕްރޮގްރާމްތަކާ ގުޅޭގޮތުން އެކިފަރާތްތަކަށް ފަންނީ ލަފާދިނުން.

12. ވަޒީފާދޭ ފަރާތްތަކާއި، ދަރިވަރުންނާއި، ސަރުކާރާއި މިނިވަން މުއައްސަސާތައް ގުޅިގެން ޓިވެޓް ނިޒާމް ހަރުދަނާކޮށް، ދެމެހެއްޓެނިވިގޮތުގައި ހިންގުމަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމެއް ޤާއިމްކުރުން.

13. ޓިވެޓް ޕްރޮގްރާމްތަކާ (އިންސްޓިޓިއުޝަން ބޭސްޑް ޓްރޭނިންގ، އެމްޕްލޯޔަރ ބޭސްޑް ޓްރޭނިންގ، ޓްރޭޑް ޓެސްޓިންގ، އެޕްރެންޓިސްޝިޕް ޕްރޮގްރާމް)ބެހޭ މަޢްލޫމާތު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީ، ތަމްރީން ދޭނެ ފަރާތްތަކާއި ތަމްރީން ލިބިގަންނާނެ ފަރާތްތައް ހޯދުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައި މާކެޓްކުރުން.

14. ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބެންޗްމާރކްކުރެވިގެން ދިވެހިރާއްޖޭގެ ޓިވެޓް ނިޒާމް ފަރުމާކުރުމާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައި ޓިވެޓް ނިޒާމު ހިންގާގޮތް ބަލައި، އެ ޤައުމުތަކުގެ ޓިވެޓް ނިޒާމް ހިންގާ ފަރާތްތަކާ ގުޅުން ބަދަހިކުރުން.