ދައުލަތުގެ މާލީ އަދި އިޤްތިޞާދީ އިޞްލާޙުގެ އިފްތިތާޙީ ދަރުބާރު، މި އޯގަސްޓް މަހުގެ 15 ވާ ހޯމަ ދުވަހުގެރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މި އިފްތިތާޙީ ދަރުބާރުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެމަނިކުފާނުގެ އިތުރުން، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، ކައުންސިލްތަކުގެ މެންބަރުންނާއި، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ދާއިރާގެ ވަރަށްގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިދަރުބާރަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އެންމެހާ ކަންކަމާއި އަދި މާލީ ސިޔާސަތަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިސްނަންގަވައި، ސަރުކާރުން ހުށަހަޅުއްވާފައިވާ އެންމެހާ ބަދަލުތަކާއި، އަދި ކަމާގުޅޭ ޤާނޫނީ ބިލްތަކުގެ މައްޗަށް ރައްޔިތުންނާއި އަދި އެންމެހާ ބޭފުޅުން މަޝްވަރާ ކުރައްވައި، ހޭލުންތެރިވުމުގެ ފުރްޞަތު، ޢާންމުކޮށް ހުޅުވާލުމުގެ ދަރުބާރެވެ. މި ދަރުބާރުގައި، މާލީ އަދި އިޤްތިޞާދީ އިޞްލާޙާ ގުޅޭގޮތުން ރައްޔިތުންނަށް ބޭނުންވާނެ އެންމެހާ މަޢްލޫމާތު ހިމެނޭ ގޮތަށް އެކުލަވައިލެވިފައިވާ ފޮތް، ރައީސުލްޖުމްހޫރިއްޔާ ނެރުއްވައިދެއްވާނެއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދާއި މާލިއްޔަތަށް އަންނަ ހެޔޮ ބަދަލުގެ ސަބަބުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުން ފޯރުންތެރިވެދިޔުމަކީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދްމަތްތައް، މިހާރަށްވުރެ އެތައް ގުނައަކުން ހަލުވިވެގެންދާނެ ކަމެއް ކަމުގައި ސަރުކާރުން ދެކެވަޑައިގަންނަވައެވެ. އަދި މިކަމަށް ވިޔަފާރިވެރިންނާއި، މުޖްތަމަޢުގެ ތަފާތު ގިންތިތަކާއި، ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުގެ ވަރަށްބޮޑު ތާއީދާއި އެއްބާރުލުން ދަނީ ލިބެމުންނެވެ.