ސަރުކާރަށް ބަލައިގަންނަ ހުރިހާ ފީއަކާއި ފައިސާއެއް ބަލައިގަންނާނީ، ދިވެހި ރުފިޔާއިން ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލަ ޙައްލު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރަށް ބަލައިގަންނަ ހުރިހާ ފީއަކާއި ފައިސާއެއް، ދިވެހި ރުފިޔާއިން ބަލައިގަތުމަކީ، ދިވެހި ރުފިޔާގެ އަގު ސަރުކާރުން ވަޒަން ކުރެއްވުމަށްޓަކައިވެސް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.

ސަރުކާރަށް ބަލައިގަންނަ ހުރިހާ ފީއަކާއި ފައިސާއެއް، ދިވެހި ރުފިޔާއިން ބަލައިގަންނަން ފަށްޓަވާނީ، ޤާނޫނީ ގޮތުންނާއި، އިދާރީ ގޮތުން ހަމަޖައްސަވަންހުރި ކަންތައްތައް ހަމަޖެއްސެވުމަށްފަހުގައެވެ.