ޤުދްރަތީ އެކި ޙާދިޘާތަކުން ރަށްރަށަށް ލިބޭ ގެއްލުންތަކުގެ މަޢްލޫމާތު، ވީހާވެސް އަވަހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ދެއްވުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ނައިބު ރައީސް މިކަމަށް އެދިވަޑައިގަތީ، ރާއްޖޭގެ ބައެއް ރަށްރަށަށް މިހާރު އުދަ އަރަމުންދާތީ، އެ ރަށްރަށަށް ލިބެމުންދާ ގެއްލުންތަކުގެ މަޢްލޫމާތު ހޯއްދެވުމަށް، އެމަނިކުފާނު މިއަދު އެ ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި، އެތަނުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އުދަ އެރުމާއި އަދި އެފަދަ ޤުދްރަތީ އެހެން ޙާދިޘާތަކުން ލިބޭ ގެއްލުންތަކުގެ މަޢްލޫމާތު އެއްކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމާއި، އެފަދަ މަޢްލޫމާތުތައް ނުލިބޭ ކަމަށްވާނަމަ، ސަރުކާރުން ވަގުތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި ދަތިތަކާ ކުރިމަތިވާނެކަން ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުންނާއި، އަތޮޅު ކައުންސިލްތަކުން މިކަމަށް ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވުމަށާއި، މިފަދަ ޙާދިޘާތަކުގެ ތެދު މަޢްލޫމާތު، ލަސްނުކުރައްވައި ފޮނުއްވައި ދެއްވުމަށް، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން މަސައްކަތް ކޮށްދެއްވުމަށްވެސް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ހަމަ އެފަދައިން އެފަދަ ޙާދިޘާތަކާބެހޭ މަޢްލޫމާތު އެއްކުރުމުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވެސް އިތުރު ހިތްވަރަކާއެކު މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް އެދިވަޑައިގަތެވެ.