بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 5 އޯގަސްޓް 2011 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު އެންމެ ބޭފުޅުންނާ ރޭޑިއޯގެ ޛަރީޢާއިން ބައްދަލުވާއިރުގައި، އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިހުރީ ސީޝެލްސްގައި. ސީޝެލްސްގައި މިހާރު މިދަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމުތަކުގެ ކުޅިވަރު މުބާރާތް ކުރިއަށް. މި މުބާރާތުގައި ދިވެހިރާއްޖޭގެ ވަރަށް ގިނަ ޓީމު ބައިވެރިވެފައި އެބަވޭ. އިއްޔެގައި މިކުޅެވުނު ފުރަތަމަ ފުޓްބޯޅަ މެޗް ކުޅެވުނު. އެ މެޗްގައި މޮރިޝަސްއާއި ދިވެހިރާއްޖެއާ ބައްދަލުކޮށް، އަޅުގަނޑުމެންގެ ޓީމު ވަރަށް ފުރިހަމަ ކުޅުމެއް އެ ދެއްކީ. އެކެއް އެކަކުން އެއްވަރުވީ. އަޅުގަނޑު ގާތުގައި އިބްރާހީމް އިސްމާޢީލާއި، ހީނާ ސަލީމާ ދެބޭފުޅުން ވަރަށް ހިނިތުންވެފައި ވިދާޅުވި، 1979 ވަނަ އަހަރު އެބޭފުޅުން ހަމަ މި ޤައުމާ، މޮރިޝަސްއާ ކުޅުނުފަހަރު 8 ލަނޑުން އެބޭފުޅުން އެފަހަރު ބަލިވެގެން މާލެދާން ޖެހުނު ކަމަށް.

ދިވެހިރާއްޖޭގެ ކުޅިވަރާއި، ދިވެހިރާއްޖޭގެ ފުޓްބޯޅަ އިރާދަކުރެއްވިއްޔާ، ދުވަހެއް ދުވަހަކަށް މިދަނީ ރަނގަޅުވަމުން. ފުޓްބޯޅައިގެ އިތުރުން، އެހެން އެތައް ކުޅިވަރެއް، ބާސްކެޓްބޯލް، ވޮލީ، ބެޑްމިންގޓަން، މިހުރިހާ ކުޅިވަރު. އަދި އެތްލެޓިކްސްވެސް އެބައޮތް. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، ވަރަށް ފުރިހަމަ ކާމިޔާބީތަކެއް ރާއްޖެއަށް މިމުބާރާތުން ލިބިގެންދާނެ ކަމަށް.
ހަމައެއާއެކުގައި، ސީޝެލްސްގައި ހުންނައިރު، އަޅުގަނޑުމެންނަށް ހަނދާނުން ކައްސާލައިގެނެއް ނުދާނެ، މިޤައުމަކީ، ދިވެހިރާއްޖެއާ ވަރަށް ގާތުގައި އޮތް، ދިވެހިރާއްޖެއާ ވަރަށް އެއްބާވަތެއްގެ ޤައުމެއްކަން. މިތަނުގައި ކަންތައްތައް ވަމުންދާގޮތާއި، މިތަނުގެ އިޤްތިޞާދާއި އަދި މިތަނުގެ މާލިއްޔަތުގެ ކަންކަން ރޭވެމުން އަންނަ ގޮތް، އަޅުގަނޑުމެންނަށް ބަލައި، ދެނެގަނެ ދަސްކުރުމަކީ، ހަމަކަށަވަރުންވެސް އަޅުގަނޑުމެން ރާއްޖެއަށް އޭގެ އެތައް ފައިދާއެއް ލިބޭނެ ކަމެއް. ހަމަ މިދަތުރުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، އެ ނަޞީބުވެސް ލިބިގެންދާނެ.

ހަމައެހެންމެ، ސީޝެލްސްގެ މަސްކަނޑުތަކުގައި މަސް ބޭނުމާއި އަދި ޓުއަރިޒަމްގެ މަސައްކަތާއި އަދި އެނޫންވެސް އެހެން ކަންކަމުގައި ދިވެހިންނާއި، ދިވެހިރާއްޖެއާއި، ދިވެހި ސަރުކާރާއި، ސީޝެލްސް ސަރުކާރާ ގުޅިގެން ހިންގޭންހުރި ކަންތައްތަކަކީ ކޮބައިތޯ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިދަތުރުގެ ތެރެއިން ދެނެގަނެވޭނެ. އަޅުގަނޑުމެން މި އުންމީދު މި ކުރަނީ، މިއިން އަޅުގަނޑުމެންނަށް ލިބޭ ޢިބްރަތުންނާއި އަދި އުފެދޭ އިތުރު ގުޅުމުން، ރާއްޖެއަށާއި އަދި ރާއްޖޭގެ ރައްޔިތުންނަށް މިކަމުގައި ކިތަންމެ ފައިދާއެއް ވެގެންދާނެ ކަމަށް.

ބަރަކާތްތެރި ރަމަޟާން މަސް މިދަނީ ކުރިއަށް. އަޅުގަނޑުމެންގެ ޓީމުގެ ކުދިންވެސް ތިބެނީ ރޯދައަށް. އެހެންވީމާ، އެކުދިންނަށް ކޮންމެވެސްވަރެއްގެ ހުއްޓުމެއް ހެނދުނު ގަޑީގައި އައިއްސަ ތިބޭ. އެކުދިން އެހެން ނަމަވެސް ކުޅެމުން އަދި ހިތްވަރު ކުރަމުން އެގެންދަނީ ވަރަށް ފުރިހަމަ މިސާލު ދައްކަމުން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް ވީހާވެސް ފުރިހަމަ ކާމިޔާބެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم