ރާއްޖޭގެ އިޤްތިޞާދަށް ގެންނަވަމުން ގެންދަވާ ބަދަލުތަކުގެ އެއްވެސް ކަމެއް ފުރިހަމަނުވެ އޮވެއްޖެނަމަ، އިޤްތިޞާދަށް އަބަދުވެސް ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ސީޝެލްސްއަށް ފެށްޓެވި ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ތަކެތީގެ އަގަށް މިއަންނަ ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ޓެކްސްގެ ބިލްތައް ނިންމުން ވަރަށް މުހިންމު ކަމަށާއި، ޓެކްސްގެ ބިލްތައް ނިމުމުން، ބަޖެޓްގެ ޑެފިސިޓް ކުޑަވަމުންދިޔުންވެސް އެހާ މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ އިޤްތިޞާދީ ޕްރޮގްރާމަކީ، ސަރުކާރުގެ ވަޢުދުތައް ކަމުގައިވާ ތަކެތީގެ އަގުތައް ތިރިކުރެއްވުމާއި، ދިރިއުޅުމުގެ ޚަރަދު ކުޑަކުރެއްވުމަށް ހުށަހެޅިފައިވާ ޕްރޮގްރާމެއްކަން ހާމަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އާމްދަނީ އިތުރުކުރެއްވުމަށް މަސައްކަތް ކުރުމާއެކު، ޚަރަދު ކުޑަކުރުމުގެ މަސައްކަތް ކުރުމަކީވެސް ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ، ވަޒީފާގެ ފުރްޞަތުތައް ކަމަށާއި، ވަޒީފާނެތި އާމްދަނީ ނުލިބުނީމާ، ތަކެތީގެ އަގުބޮޑުކަން އިޙްސާސް ކުރެވެމުންދަނީ ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، އަށްހާސް ފައްސަތޭކަ މީހުންނަށް އަމާޒު ކުރައްވައިގެން، ތަމްރީނު ޕްރޮގްރާމްތަކެއް ފެށްޓެވުމަށް ސަރުކާރުން ނިންމެވީ، އެކި ތަމްރީނުތައް ފުރިހަމަކޮށްގެން، ވަޒީފާގެ ފުރްޞަތުތައް ހޯއްދަވައިދެއްވުމަށްޓަކައި ކަމުގައި ވިދާޅުވިއެވެ.