ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮލަމްބޯ ޕްލޭންގެ އާ ސެކްރެޓަރީ ޖެނެރަލް މައިޒާން އާދަމް މަނިކާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮލަމްބޯ ޕްލޭންގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އާދަމް މަނިކަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އޭޝިޔާ އަދި ސައުތް އީސްޓް އޭޝިޔާ ސަރަޙައްދުގައި، ރާއްޖެގެ އިޤްތިސާދީ އަދި އިޖްތިމާޢީ ގުޅުން ހަރުދަނާކުރުމަށްޓަކައި ހިންގިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބައެއް މަޝްރޫޢުތަކާބެހޭ މަޢްލޫމާތު، ކޮލަމްބޯ ޕްލޭންގެ ސެކްރެޓަރީ ޖެނެރަލާ ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިޒާން އާދަމް މަނިކު ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ އެއްބާރުލުން އިތުރުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ތަރައްޤީގެ ރޮނގުން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެކަމަށް ކޮލަމްބޯ ޕްލޭންގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.