ރޯދަމަހު ވީހާވެސް ގިނަ ހެޔޮކަންތަކެއްކޮށް، އެކަކު އަނެކަކާ އަޅާލައި، އިޚްލާޞްތެރިވެ، އިޙްސާންތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރޯދައިގެ ބޭނުންތައް ކިތަންމެ ގުނައަކަށްވާއިރު، ބަނޑުހައިހޫނު ކަމުގައި ތިބި ނިކަމެތި ފަޤީރުންނާއި، އެއްވެސް ގޮތެއްނެތިފައި އަދި ބަދުނަސީބު ގޮތްތައް ދިމާވެފައިތިބި މީހުންގެ މަތިން ހަނދާންކޮށް، މާތްރަސްކަލާނގެ ކިބައަށް، ޝުކުރުވެރިވުން އެއީ، ރޯދައިގެ ވަރަށްބޮޑު އެއް ބޭނުންކަމުގައި ވިދާޅުވިއެވެ.

ރޯދަމަސް އަޅުގަނޑުމެންނަށް ކިތަންމެ ސަބަބަކާއެކު މުހިންމުވެގެންދާކަން ބަޔާންކުރައްވަމުން، މި މަހާ ގުޅޭގޮތުން ދީނީ ދަންނަ ބޭކަލުން ދެއްވާފައިވާ ހެޔޮލަފާ އިރުޝާދާއި ނަސޭހަތް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ނަސޭހަތްތަކާ އެއްގޮތަށް ރޯދަމަހުގައި އަޅުގަނޑުމެންގެ ކަންކަން ބެހެއްޓުމަކީ، ކޮންމެހެން ބޭނުންތެރިކަމެއްކަންވެސް ފާހަގަކުރެއްވިއެވެ. ރޯދައިގެ އެއްބޭނުމަކީ، ކެތްތެރިކަން ލިބިގަތުން ކަމަށާއި، އެހެންވީމާ، ރުޅިވެރިކަން ތިރިކޮށް، ކެތްތެރިވެ، މި މަހުގައި ވީހާވެސް ހެޔޮކޮށް އުޅުމަކީ، އަޅުގަނޑުމެން އެންމެންނަށްމެ، މަންފާއާއި ލާބަ ލިބޭނެ ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.