ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދު، ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ކުނިއޯ މިކުރިޔާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ކަސްޓަމްސްގެ ދާއިރާ ހަރުދަނާކުރައްވައި، ތަރައްޤީކުރެއްވުމަށް ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާއިން ވެދެއްވަމުން ގެންދަވާ އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކަސްޓަމްސްގެ ދާއިރާއިން މިވަގުތު ހުރި ބައެއް ގޮންޖެހުންތަކުގެ މައްޗަށާއި، އެކަންކަން ޙައްލުކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އެޖަމްޢިއްޔާއިން ރާއްޖެއަށް އިތުރަށް ވެދެއްވިދާނެ އެހީތަކާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙަންމަދު އަސްވާނާއި، ޑިރެކްޓަރ އިސްމާޢީލް ނާޝިދު ބައިވެރިވެވަޑައިގަތެވެ.