ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު، އަންނަ އާދީއްތަ ދުވަހު، ހަމަވާނެއެވެ. އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން ކަމާބެހޭ ފޯމް، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހަޅުއްވަންޖެހޭ އެންމެފަހު ވަގުތަކީ، އާދީއްތަ ދުވަހުގެ ހަވީރު 4.00 އެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވާނީ ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ޝަރަފުގެ ޤައުމީ އިނާމު ދެއްވުމުގައި މިއަހަރުން ފެށިގެން ބައްލަވާ މުއްދަތަކީ، ވަކި ފަރުދެއްނަމަ، އެ ދާއިރާއެއްގައި މަދުވެގެން 35 އަހަރު ޚިދްމަތްކޮށްފައިވުމެވެ. ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި، އެ ދާއިރާގެ ޚިދްމަތުގައި އެކު ޖުމްލަ 35 އަހަރުވުމެވެ. މުއައްސަސާއަކުންނަމަ، ހިތްވަރުދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި، ޚިދްމަތުގައި އެކު ޖުމްލަ 35 އަހަރުވުމެވެ. ޝަރަފުގެ އިނާމަށް ކުރިން ބައްލަވަމުން ގެންދެވި މުއްދަތަކީ 25 އަހަރެވެ.

ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވުމުގައި މިހާރު ބައްލަވާ މުއްދަތަކީ، ވަކި ފަރުދެއްނަމަ، އެދާއިރާއެއްގައި މަދުވެގެން 10 އަހަރު ޚިދްމަތް ކުރުމެވެ. އަދި މުއައްސަސާއަކުންނަމަ، ޚިދްމަތް ދިނުމުގައި މަދުވެގެން 10 އަހަރުވުމެވެ. ވަކި ފަރުދެއްނަމަ، ކުރިން ބައްލަވަމުން ގެންދެވި މުއްދަތަކީ 5 އަހަރެވެ.

ޤައުމީ އިނާމު، މިދިޔަ 2 އަހަރު ދެއްވަމުން ގެންދެވީ 23 ދާއިރާއަކުންނެވެ. އެހެންނަމަވެސް، އެކި ދާއިރާތަކުގެ މަސައްކަތްތަކަށް ބައްލަވައި، މިއަހަރު 5 ދާއިރާއެއްވަނީ އިތުރުކުރައްވާފައެވެ. އެއް ދާއިރާއަކީ، ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމެވެ. މި ދާއިރާ، ކުރިން ހިމަނުއްވާފައިވަނީ، އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގެނުމުގެ ދާއިރާގެ ތެރޭގައި ބައްލަވާ ރޮނގެއްގެ ގޮތުގައެވެ. އަލަށް އިތުރުކުރެއްވި އަނެއް 4 ދާއިރާއަކީ، ޤާނޫނީ ދާއިރާއާއި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއާއި، ބޯޓް ބިލްޑިންގގެ ދާއިރާއާއި، އެޕްލައިޑް އާޓްސްގެ ދާއިރާއެވެ.

ކުރީ ދެފަހަރެކޭ އެއްގޮތަށް، މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކުރައްވައި، ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.

މިއަހަރުވެސް ޤައުމީ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.