ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ބަންގްލަދޭޝްގެ ރައީސް، ޒިލްލުރު ރަޙްމާންގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޝިފާ މުޙަންމަދާއި، ދިވެހި ސަރުކާރުގެ ފަރާތުން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން ނައިބު ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝްގެ ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ވެދެއްވެން އޮތް އެހީއެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ބަންގްލަދޭޝަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ، އޯޓިޒަމާ ބެހޭގޮތުން މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ބާއްވާ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ދަޢުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ.