ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާލޭސިޓީ ކައުންސިލްގެ އިދާރާ މިއަދު ހުޅުއްވައިދެއްވައިފިއެވެ. މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ގަލޮޅު ބިއްލޫރިޖެހިގޭ ޢިމާރާތުގައެވެ. ޤައުމީ ކުތުބުޚާނާ ކުރިން ހިނގަމުންދިޔައީ މި ޢިމާރާތުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މަސައްކަތްތައް ހިނގަނީ، މާލޭގައިކަން ފާހަގަކުރައްވަމުން، ރާއްޖޭގެ އާބާދީގެ ތިންބައިކުޅައަށްވުރެ ގިނަ މީހުން މާލޭގައި ދިރިއުޅެމުންދާ ކަމަށް ވިދާޅުވިއެވެ. އެހެންވީމާ، ސިޓީ ކައުންސިލްގެ ވާޖިބަކީ، މާލޭގައި ދިރިއުޅޭ އެންމެންނަށް، ވީ އެންމެ ރަނގަޅަކަށް މާލޭގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ލާމަރްކަޒީ އުޞޫލުން ސިޓީ ކައުންސިލް ހިންގުމުގެ އޮނިގަނޑުގައިވާ ގޮތުގެ މަތިން، އިރާދަކުރެއްވިއްޔާ، މާލޭގެ ކަންތައްތައް، އެކައުންސިލުން ފުރިހަމައަށް ބަލަހައްޓަވަމުން ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިޓީ ކައުންސިލްގައި ތިއްބެވި ހުރިހާ މެންބަރުންނަކީވެސް، ވަރަށް ވާދަވެރި އިންތިޚާބެއް ކާމިޔާބު ކުރައްވައިގެން، ގޮނޑި ފުރުއްވަމުން ގެންދަވާ ބޭފުޅުންކަން ފާހަގަކުރައްވަމުން، މާލެއާ ގުޅޭގޮތުން އެބޭފުޅުންނަށް ނުވިކަމެއް، އެހެން ސަރުދާރަކަށް އަދި އެހެން މީހަކަށްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.