ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ޙަސީނާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނުން ކުރަމުންގެންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، އިލްހާމް ޙުސައިން، ޝައިޚް ޙަސީނާއަށް އެރުއްވިއެވެ. އަދި އޯޓިޒަމް ބަލީގެ ކުދިންނަށް، އެކުދިންގެ ޅަފަތުގައި ފަރުވާ ދިނުމާއި، މިބަލީގެ ހޭލުންތެރިކަން އިތުރުކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އޯޓިޒަމްގެ ބައްޔަށް ދޭ އަހަންމިއްޔަތު ފާހަގަކުރައްވައި، ރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަންގެ ރައީސާގެ ހައިސިއްޔަތުން އިލްހާމް ޙުސައިން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަނާއަށް ޝުކުރު އަދާކުރެއްވިއެވެ.

ނައިބު ރައީސްގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ބަންގްލަދޭޝަށް ކުރައްވަމުން މިގެންދަވާ މިދަތުރުފުޅަކީ، އޯޓިޒަމާ ބެހޭގޮތުން މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ބާއްވާ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ދަޢުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ.