މިނިވަންދުވަހުގެ މުނާސަބަތުގައި، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހެވިކަމާއި ޝަރަފްގެ ހިނގާލުމާއި، ކުޅިވަރުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައްލަވާލައްވައިފިއެވެ. މިރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޙަސަން އަފީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަރްޙަތު ޙުސައިން ޚާލިދެވެ.

ޖުމްހޫރީ މައިދާނުން ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. އަދި ސިފައިންގެ ބޭންޑުގައި ޤައުމީ ސަލާން ކުޅުނެވެ.

އޭގެފަހުން، ދިވެހި ސިފައިންގެ ހެވިކަމުގެ ލަޝްކަރު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.

މިރަސްމިއްޔާތުގައި ސްކޫލްތަކުން އެއްކޮށްލާފައިވާ ހެވިކަމުގެ ލަޝްކަރު، ބޭންޕާޓީއާއެކު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގުމުގައި، އެ ލަޝްކަރުތައްވެސް ރައީސުލްޖުމްހޫރިއްޔާއަށް ކުރުނީސް އެރުވިއެވެ. އެއަށްފަހު، ކުޅިވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވީ، މ.ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމާއި، ހަރުބީ ބޮޑުބެރު ގްރޫޕާއި، ދަންމާނު ބޮޑުބެރު ގްރޫޕެވެ.