ކޮންމެ ކަމެއް ދިމާވިޔަސް، އިތުބާރާއި ޔަޤީންކަމާއެކުގައި އެކަމެއް ކުރެވޭނެ އިންތިޒާމެއް ސިފައިންގެ ތެރޭގައި ހަމަޖެހިފައި އޮންނަންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމް.އެން.ޑީ.އެފްގެ ކޯރ އޮފް އިންޖިނިއަރސް އިފްތިތާޙުކުރުމަށް މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކަމެއްދަމެއް ދިމާވީމާ ސިފައިންނަށް ނުކުރެވޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށާއި، ސިފައިން ތިބެންޖެހޭނީ އެވަރަށް ތައްޔާރުވެގެންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިފަދަ ކޯރއެއް އުފެއްދުމުގެ އެއްބޭނުމަކީ، އެއިރެއްގައި އެވަގުތެއްގައި ބޭނުންވާ ކޮންމެކަމެއް ވަރަށް އަވަހަށް، ވަރަށް ފުރިހަމައަށް ކުރުން ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމީ ކިތަންމެ މަސައްކަތެއްގައި ދިވެހި ސިފައިން ކެރިގެން ކުރިމަތިލާފައިވާ ކަމަށާއި، އެކަން ކޮންމެ ދިވެހި ރައްޔިތަކުވެސް ފަޚުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހި ޤައުމުގެ ޙާލަތު އެއިރެއްގައި އެންމެ ރަނގަޅަށް އެހެން އެންމެންނަށްވުރެ ބޮޑަށް އެނގޭނޭ ބަޔަކީ ސިފައިން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.