ބްރެޒިލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕެޑްރޯ ހެންރިކް ލޮޕެސް ބޯރިއޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ބްރެޒިލްގެ އާ ސަފީރާ ބައްދަލުކުރައްވައި، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މަސްވެރިކަމުގެ ތަރައްޤީއަށްޓަކައި ހިންގިދާނެ މަޝްރޫޢުތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިމާވެށީގެ މައްސަލަތަކަށް ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ ދެއްވި އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.