بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލު އަދި އެ މިނިސްޓްރީގެ އިސްވެރިން، މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ޖީ.ޑީ.ޕީ.އާރު.އެސް.ގެ ވެރިންނާއި އެންމެހާ މުވައްޒަފުން.

السّــلام عليــكم ورحمـةلله وبركا تـه.

އާދެ! މިއަދަކީ އަނެއްކާވެސް އަޅުގަނޑުމެން މަސްތުވާތަކެއްޗާ ދެކޮޅަށް މިކުރަމުންގެންދާ މަސައްކަތުގައި އަޅުގަނޑުމެން ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރާ ދުވަހެއް. ސަބަބަކީ، އެނގިވަޑައިގަންނަވާނެ ފަދައިން މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރާ ވަރަށްގިނަ އަދަދެއްގެ ކުދިން މިހާރު ރާއްޖޭގައި އެބަތިބި. އެގޮތުން ހަމައެކަނި ފަރުވާއަށް އެދިގެންވެސް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، މިހާރުވެސް ގާތްގަނޑަކަށް ތިންސަތޭކައެއްހާ ކުދިން އެބަތިބި. މިހުރިހާ ކުދިންނަށް ފަރުވާ ދިނުމަށްޓަކައި ތަފާތު މަޝްރޫޢުތައް ރޭވިގެން މިހާރު ހިންގަމުން އެ ގެންދަނީ. އެގޮތުން އެނގިވަޑައިގަންނަވާނެ ފަދައިން، ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާބެހޭ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ތެރޭގައި މިހާރު އަޅުގަނޑުމެންވަނީ ވަރަށް ތަފާތު ކަންތައްތަކެއް ފަށާފައި. އަދި އެއާބެހޭ ވަރަށްގިނަ މަޢްލޫމާތުތަކެއްވެސްވާނީ އަޅުގަނޑުމެންނަށް ދެންނެވިފައި. އެގޮތުން ފަރުވާގެ ޚިދްމަތް ފުޅާކުރުމަށްޓަކައި މިހާރު އަޅުގަނޑުމެން ދަންނަވާފައިވާނެ ފަދައިން، ރާއްޖޭގައި ފަރުވާދޭ މަރުކަޒަކަށް ހުރީ އެންމެ ބޮޑު މަރުކަޒަކަށް ހުރީ ޑީ.އާރު.ސީ. ޑީ.އާރު.ސީ.ގެ ޚިދްމަތް ފުޅާކޮށް، އެތަނުން ޚިދްމަތް ދެވޭ ކުދިންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރު ކުރެވިފައި. އަދި އަޅުގަނޑުމެން އުންމީދު ކުރަނީ ކުރިއަށްއޮތްތާނގައިވެސް އަދިވެސް އިތުރު ކުދިންނަށް އެތާނގެ ޚިދްމަތް ލިބެމުންދާނެ ކަމަށް.

މީގެއިތުރުން، އެނގިވަޑައިގަންނަވާނެ ފަދައިން ދާދިފަހުން ވިލިމާލޭގައިވަނީ އަންހެން ކުދިންނަށް ޚާއްޞަކޮށް ރިހެބް ސެންޓަރެއް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވާފައި. އެހެންވީމާ، އެތާނގެ ޚިދްމަތްތައްވެސް މިހާރު ފެށިގެން ދިޔުމުގެ މަގުމަތީގައި އެ އުޅެނީ. ދެން މި ސިލްސިލާގެ ތެރޭގައި ކުރެވޭ އިތުރު މަސައްކަތެއް މިއީ، ހާފްވޭ ހައުސްއެއް ބިނާކުރުންވެސް. ހާފްވޭ ހައުސްއެއް ބިނާކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ފަރާތުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތާ މިހާރު ދުވަސްތަކެއްވެއްޖެ. އެގޮތުން، އެމިނިސްޓްރީގެ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން ހެރިޓަސް އިޓާލިއާނާގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީގެ ޕްރޮގްރާމްގެ ތެރޭގައި ހާފްވޭ ހައުސްއެއް އިމާރާތްކުރުން ހަމަޖެހިގެން ދިޔައީ. އެހެންވީމާ، މިކަން ފަހިކުރުމަށްޓަކައި ހެލްތް މިނިސްޓްރީން، ހެލްތް މިނިސްޓްރީގެ މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރާއި އަދިވެސް އެހެން ޢިއްޒަތްތެރިވެރިން އެކުރައްވަމުން ގެންދަވާ މަސައްކަތަށްޓަކައި، އަޅުގަނޑު އެބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރާއި ތައުރީފް ދަންނަވަން.

އާދެ! ހާފްވޭ ހައުސްއެއް އެޅޭ މިއީ، ފުރަތަމަ ފަހަރު ރާއްޖޭގައި. ހާފްވޭ ހައުސްއެއްގެ މުހިންމުކަމާ ދޭތެރޭގައި ވިސްނާއިރުގައި، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރާ ކުދިންނަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ ފަރުވާއަށް ފަހުގައި، އެނބުރި އަނެއްކާވެސް މުޖުތަމަޢަށް އެނބުރި އަންނައިރުގައި މިދިމާވަނީ ހަމަ ކުރިންވެސް އެކު އުޅުނު ކުދިންނާއެކު، އެއުޅެން ޖެހުނު މާޙައުލަށް އެނބުރި އަންނަން މިޖެހެނީ. އަންނައިރުގައި ފަރުވާ ލިބިގެން އައިސް އަނެއްކާވެސް އެމާޙައުލަށް ވަނުމުން ބައެއް ކުދިންނަށް، ހުރިހާ އެންމެންނަކަށް ނޫން. އެހެންނަމަވެސް، ބައެއް ކުދިންނަށް ދިމާވާ ގޮތަކީ، އަނެއްކާވެސް ހަމަ މަސްތުވާތަކެތީގެ ތެރެއަށް ރުޖޫޢަވެވެނީ.

މިކަން މިގޮތަށް ވިޔަނުދިނުމަށްޓަކައި އަދި އެގޮތަށް އެހެން ރިލެޕްސްވާ ކުދިން ރިލެޕްސްވުމަށް އެކަން މަދުކުރުމަށްޓަކައި ކުރަންޖެހޭ އެއް މަސައްކަތް، ހާފްވޭ ހައުސްއެއްގެ ޚިދްމަތް ދިނުމަކީ. އިރާދަކުރެއްވިއްޔާ މިހާފްވޭ ހައުސް ޢިމާރާތް ކުރެވި، މިތާނގެ ޚިދްމަތް ދެވެން ފެށުމުން ފަސޭހަވުމަށްޓަކައި މަސައްކަތްކުރާ ކުދިން، ފަރުވާ ލިބިގެން ފުރަތަމަ އަންނާނީ މިހާފްވޭ ހައުސްއަށް. އައިސް ހާފްވޭ ހައުސްގައި ހިންގާ ޕްރޮގްރާމްތަކެއްގެ ދަށުން މަޑުމަޑުންގޮސް މުޖުތަމަޢުގެ ތެރެއަށް އަލުން އެކުދިން ތަޢާރަފް ވެގެންދާނީ. އެގޮތަށް ޕްރޮގްރާމް ރޭވުމުން، އަޅުގަނޑުމެން އުންމީދު ކުރަނީ މަސްތުވާތަކެއްޗަށް އެނބުރިދާ ކުދިން މަދުވެގެންދާނެ ކަމަށް.

މިއީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށްވެސް މުހިންމު ޚިދްމަތެއް. އަދި މިކަމަކީ މުސްތަޤްބަލްގައި މިހާރަށްވުރެ ފުޅާކުރަންވެސް ޖެހިދާނެކަމެއް. ނަމަވެސް މިހާރުން މިހާރަށްވެސް މިތަން ޢިމާރާތް ކުރެވި، މިތަނުގެ ޚިދްމަތް އަޅުގަނޑުމެންނަށް އުންމީދު ކުރެވޭ ގޮތުގައި ފުރަތަމަ ފަށައިގަންނައިރުގައި ދެވޭނީ ފަންސަވީހަކަށް ތިރީހަކަށް ކުދިންނަށް. އެހެންނަމަވެސް، މާލަސްތަކެއްނުވެ އެއަދަދުވެސް ފުޅާވެގެންދާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

އެނގިވަޑައިގަންނަވާނެ ފަދައިން މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި ކުދިން ކުރާ މަސައްކަތަކީ ވަރަށް އުނދަގޫ މަސައްކަތެއް. މަސްތުވާތަކެއްޗަށް ދެވި ހިފުމުގެ މައްސަލައަކީ، މިއީ ވަރަށްބޮޑު ނަފްސާނީ އަދި ޖިސްމާނީ ބައްޔެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިހާރު ފެނިގެން އެދަނީ. މިބަލިން ސަލާމަތްވުމަށްޓަކައި ކުރެވޭ މަސައްކަތް އެއީ، ވަރަށް އުނދަގޫ މަސައްކަތެއް ކަމަށް މިކަމުގެ ތެރޭގައި އުޅޭ ކުދިން އަޅުގަނޑުމެންނަށް ތަކުރާރުކޮށް ކިޔާދެމުން، ހަނދާންކޮށްދެމުންދަނީ. އެހެންވީމާ، އެކުދިންނަށް ދޭންޖެހޭ ފަރުވާއާއި ޚިދްމަތް ދިނުމުގައި އަޅުގަނޑުމެންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް، ޚިދްމަތުގެ ފެންވަރު ރަނގަޅުކޮށް، މިބާވަތުގެ ތަފާތު ޚިދްމަތްތައް އިތުރު ކުރުމަކީ، އެއީ މިމަސއްކަތުގައި އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް. އަދި މިތާނގެ އިތުރުން، އަޅުގަނޑުމެން މިއުންމީދު ކުރަނީ އަތޮޅުތެރޭގައިވެސް ތަފާތު ޚިދްމަތްތައް ރޭވިގެންދާނެ ކަމަށް. އެގޮތުން އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި ދާދި އަވަހަށް ފުވައްމުލަކުގައިވެސް އަޅުގަނޑުމެންނަށް ކުދިންނަށް ފަރުވާ ދިނުމުގެ އިތުރު މަރުކަޒެއް ޤާއިމުކުރެވި، އެތާނގެ މަސައްކަތްވެސް މާލަހެއްނުވެ ފެށިގެންދާނެ.

އާދެ! މިހުރިހާ ކަމަކީވެސް މިއީ، އެނގިވަޑައިގަންނަވާނެ ފަދައިން ސަރުކާރުގެ ފަރާތުން މަސްތުވާތަކެތީގެ ދޮރުތައް ބަންދުކުރުމަށްޓަކައި އަދި މަސްތުވާތަކެތީގެ އުނދަގޫ ޖެހިފައިވާ ޒުވާނުން އެކަމުން ސަލާމަތް ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރާވައިގެން ހިންގާ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ކަންކަން. އެހެންވީމާ، މިކަންކަން ވަރަށް ހަލުވިކަމާއެކީ ކުރިއަށް ގެންދިޔުން އަޅުގަނޑުމެންގެ މަޤްސަދަކީ. އަދި ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމުގެ ރަނގަޅު ނަތީޖާތައް މިހާރު ދަނީ ފެންނަމުން. މިކަމުގައި މަސައްކަތް ކޮށްދެއްވަނީ ވަރަށް ގިނަ ފަރާތްތަކެއް. އަޅުގަނޑު، ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލްގެ ރިޔާސަތު ބެލެހެއްޓި ކަމުގައިވީނަމަވެސް އެކައުންސިލްގައި ހިމެނިވަޑައިގަންނަވާ ތަފާތު އެކިއެކި ވުޒާރާތަކާއި، ޑިޕާޓްމަންޓްތަކާއި، އޭޖެންސީތަކާ، މިހުރިހާ ތަނެއްގެ ބޭފުޅުން މަސައްކަތް ކުރައްވައިގެން ނަތީޖާއެއް ނެރެވޭގޮތް މިވަނީ. މިކަމަކީ މިއީ، ހުރިހާ ދާއިރާއަކާ ގުޅިފައި ހުރި ކަމެއް. އެހެންވީމާ، އެގޮތުން އެނގިވަޑައިގަންނަވާނެފަދައިން މިކަން ބައްލަވަމުން ގެންދަވާ ބޭފުޅުންނަށް މިކަން ރަނގަޅަށް ސާފުވެވަޑައިގަންނަވާނެ. މިކަމުގައި ވަރަށްގިނަ ފަރާތްތަކެއްގެ މަސްއޫލިއްޔަތު އެބަ ހިމެނޭ. ވަރަށް ގިނަ ފަރާތްތަކެއްގެ މަސައްކަތްވެސް އެބަ ހިމެނޭ. އެހެންވީމާ، އެހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

ދެން މިއަދު މިހާފްވޭ ހައުސް އެޅުމަށްޓަކައި މި ބިންކޮޅު ހޯދުމަށްޓަކައި އަޅުގަނޑު ދަންނަވާނީ، ވަރަށްގިނަ ފަރާތްތަކެއް ހަމަ ވަރަށް ކުރުކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ކޮށްދެއްވައިގެން މިކަން އަޅުގަނޑުމެންނަށް ވާގޮތް މިވަނީ. މިހާރު ރާއްޖޭގެ އެއްވެސް ތާކުން ބިންކޮޅެއް ހޯދުމަކީ ފަސޭހަކަމެއް ނޫން. އެހެންވީމާ، ކެބިނެޓްގެ ނިންމެވުމަކާއެކުގައި، އަޅުގަނޑުމެން މިނިސްޓްރީ އޮފް ފިނޭންސްގައި ދަންނަވައިގެންމ މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ޚާއްޞަކޮށް ސްޓޭޓް މިނިސްޓަރ މިކަމުގައި ވަރަށް އިސްކޮށް މަސައްކަތް ކޮށްދެއްވައިގެން، ފިނޭންސް މިނިސްޓްރީއާއި އަދި އެޗް.ޑީ.ސީ.އާ ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު އަޅުގަނޑުމެންނަށް މިމަސައްކަތް ކުރެވޭ ގޮތަށް ހަމަޖެހިގެން މިދިޔައީ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ހެލްތް މިނިސްޓްރީއަށް އަދި ޚާއްޞަކޮށް އެޗް.ޑީ.ސީ.އަށް، އެޗް.ޑީ.ސީ.ގެ ހުރިހާ އިސްވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމައެހެން، މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން، މިކަން އަޅުގަނޑުމެންނަށް ފަހިކޮށްދެއްވީތީ.

އަޅުގަނޑު އެދެނީ، މިތަނަކީ މިއީ އަޅުގަނޑު ދެކޭގޮތުގައި، ވަރަށް އަވަހަށް ޚިދްމަތްތަކެއް ދެވި، ބޭނުންކުރެވޭނެ ތަނެއްކަމަށް ވެގެންދާނެ ކަމަށް. އެހެންވީމާ، އެކަމުގައި އަނެއްކާވެސް ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތަށް، ޑީ.ޑީ.ޕީ.އާރު.އެސް.އަށް އަދި ޚާއްޞަކޮށް ހެލްތް މިނިސްޓްރީއަށް މިކަމުގައި އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވައި، ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތަށް އަޅުގަނޑު ހިތްވަރު ދެން. ވަރަށްބޮޑަށް ޝުކުރިއްޔާ.

والســّلام عليــكم
___________________