ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށާއި މީދުއަށާއި ބަނޑިދުއަށް ވަޑައިގެން، އެރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ރިނބުދޫ ކައުންސިލާ ބައްދަލުކުރެއްވީ ރޭގައެވެ. އަދި މީދޫ ކައުންސިލާއި ބަނޑިދޫ ކައުންސިލާ ބައްދަލުކުރެއްވީ މިއަދުއެވެ.
ރައީސުލްޖުމްހޫރިއްޔާ، އެރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައި، ކައުންސިލްގެ ހިންގުން ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން، އެރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލް މެންބަރުންނާ ޚިޔާލު ބަދަލުކުރެއްވިއެވެ.
ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޞިއްޙީ ޚިދްމަތް ތަރައްޤީ ކުރުމާ ބެހޭގޮތުންނާއި، ތަޢްލީމީ ޙާލަތު ހަރުދަނާ ކުރެއްވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.