ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެއްޔަށް ވަޑައިގެން، އެރަށު ކައުންސިލާ މިއަދު ހަވީރު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ހުޅުދެލީ ކައުންސިލާ ބައްދަލުކުރައްވައި، ކައުންސިލްގެ ހިންގުން ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން، ރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލް މެންބަރުންނާ ޚިޔާލު ބަދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޞިއްޙީ ޚިދްމަތް ތަރައްޤީކޮށް، އެކަމަކީ ރަށު ކައުންސިލްގެ ސީދާ ބެއްލެވުމުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުދެލީ ކައުންސިލާ ބައްދަލުކުރެއްވުމަށްފަހު، އެރަށު އިންޖީނުގެއަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވިއެވެ. އަދި އެއަށްފަހު، ހުޅުދެލީ ސްކޫލާއި ހުޅުދެލީ ޞިއްޙީ މަރްކަޒަށް ވަޑައިގެން، އެތަންތަނުގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުދެއްޔަށް ކުރެއްވި މިޒިޔާރަތުގައި، އެރަށު ކުނިކޮށި ސަރަޙައްދަށާއި، ރަށް ގިރަމުންދާ ސަރަޙައްދަށް ވަޑައިގެން އެތަންތަން ބައްލަވާލެއްވިއެވެ.