ރާއްޖޭގެ ރައްޔިތުންނަށް ފޯރުވައިދެވޭ އަސާސީ ޞިއްޙީ ޚިދްމަތް ތަރައްޤީކޮށް، ރައްޔިތުން ބޭނުންވާ ފެންވަރާއި މިންވަރުގައި، ލާމަރްކަޒީ އުޞޫލުން ޞިއްޙީ ޚިދްމަތް ފޯރުވައިދޭން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ކުރިއަރުވަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ އަސާސީ ޞިއްޙަތާއި އާންމު ޙާލަތު ތަރައްޤީ ކުރުމަށްޓަކައި ލާމަރްކަޒީ އުޞޫލުން އަސާސީ ޞިއްޙީ ޚިދްމަތް ފޯރުވައިދިނުމާ ބެހޭގޮތުން، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި، ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔޫ.އެޗް.އޯ) އާއި، ކަމާބެހޭ އެހެން ދާއިރާތައް ގުޅިވަޑައިގެން ހިންގަވާ ވަރކްޝޮޕް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި، މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ބޭއްވުނު މި ވަރކްޝޮޕްގައި، ސަރުކާރުގެ ޞިއްޙީ ދާއިރާގެ ލާމަރުކަޒީ މިންގަނޑާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ލޯކަލް ކައުންސިލްތަކާ ޙަވާލު ކުރެވުނު ޞިއްޙީ ދާއިރާގެ މަސައްކަތްތަކަށް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަސާސީ ޞިއްޙީ ޚިދްމަތަކީ، ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްދޭ ޞިއްޙީ އަދި ޞިއްޙަތާ ގުޅުންހުރި ޚިދްމަތްތަކެއްކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ލާމަރްކަޒީ އުޞޫލުން ޞިއްޙީ ޚިދްމަތް ފޯރުވައިދިނުމުގެ ސަބަބުން، ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދްމަތުގެ ފެންވަރު ރަނގަޅުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަސާސީ ޞިއްޙީ ޚިދްމަތުގެ އުޞޫލުން ކުރެވޭ މިމަސައްކަތުގައި، ލަނޑުދަނޑިތަކާއި، ސްޓްރެޓެޖީތަކާއި، އަމާޒު ކުރެވޭ ކަންކަންވެސް ހިމެނިފައިވާކަން އެމަނިކުފާނު ބަޔާން ކުރެއްވިއެވެ. އެގޮތުން ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ޢާންމު ބަލިތަކުން ރައްކާތެރިވުމާއި، ފަރުވާ ދިނުމާއި، ޢާންމުކޮށް ބޭނުންކުރާ ބޭސް ލިބެން ހުރުމާއި، މައިންނާއި ކުޑަކުދިންނަށް ދެވޭ ޢާންމު ފަރުވާއާއި، ވެކްސިން ދިނުމާއި، ގައިން ގަޔަށްއަރާ ބަލިތަކުން ރައްކާތެރިވުންފަދަ ކަންތައްތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަކީ، ރާއްޖޭގެ ތަރައްޤީއާއި އާންމު ރައްޔިތުންގެ ޙާލަތު ރަނގަޅުވާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.