ކުޑަކުދިންނަށް ގޯނާތައް ކުރާ މީހުންނަކީ، މުޖްތަމަޢުގެ ތެރޭގައި ޤަބޫލުކުރެވޭ މީހުންނަށް ވެގެން ނުވާނެ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޗައިލްޑް އެބިއުސިންގ ޕްރިންވެންޝަން ސޮސައިޓީގެ 2 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރޭ ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބައެއް އެހެން ޤައުމުތަކުގައި، ކުޑަކުދިންނަށް އެކި ގޯނާތައް ކުރާ މީހުން، މުޖްތަމަޢުން ވަކިކުރެވޭތަންވެސް އެބަ ފެންނަ ކަމަށާއި އަދި އެމީހަކު އެ އަދަބަކުން ސަލާމަތްވުމަށްފަހުވެސް، ކުޑަކުދިން އުޅޭ ހިސާބުގައި ނޫޅެވޭ ގޮތަކަށް، ބައެއް ޤައުމުތަކުން ފިޔަވަޅު އަޅާފައި ހުންނަކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުޑަކުދިންނަށް ކުރާ ގޯނާތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ޗައިލްޑް އެބިއުސިންގ ޕްރިވެންޝަން ސޮސައިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެ ޖަމްޢިއްޔާގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، ކާމިޔާބު ވަރަށް ބޮޑެތި މަސައްކަތްތަކެއް، އެޖަމްޢިއްޔާއިން ކުރައްވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އިޖްތިމާޢީ މައްސަލަތައް، ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ބަޔާންކުރައްވަމުން، އިޖްތިމާޢީ ކަންކަން އިތުރުވަމުންދިޔަވަރަކަށް އިޖްތިމާޢީ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ މީހުންގެ ޢަދަދުވެސް އިތުރުވާންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އިޖްތިމާޢީ މަސައްކަތްތަކުގައި ޙަރަކާތްތެރިވާން ބޭނުންވާ ކުދިން، މުސްތަޤްބަލުގައި އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އުފެދިފައިވާ އެކިއެކި އަމިއްލަ ޖަމްޢިއްޔާތަކުން ކުރައްވަމުން ގެންދަވާ ތަފާތު މަސައްކަތްތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވައިލައްވަމުން، އެ ޖަމާޢަތްތަކުން ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދެވޭނީވެސް ސަރުކާރުން އެހީތެރިކަން ދެވިގެން ކަމަށާއި، ސަރުކާރުގެ މަޤްޞަދަކީވެސް އަމިއްލަ ޖަމްޢިއްޔާތަކަށް ވީހާވެސް ބޮޑަކަށް އެހީތެރިވެދެއްވުން ކަމުގައި ވިދާޅުވިއެވެ.
ރޭގެ ޙަފްލާގައި، ޗައިލްޑް އެބިއުސިންގ ޕްރިވެންޝަން ސޮސައިޓީއަށް ބޮޑެތި އެހީތައް ވެދެއްވާފައިވާ ފަރާތްތަކަށް، ހަނދާނީ ފިލާ ދެއްވުންވެސް އޮތެވެ. އެ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.