އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު އައި.ކޭ. ގުޖްރާލްގެ އަނބިކަނބަލުން ޝީލާ ގުޖްރާލް އަވަހާރަވުމާ ގުޅިގެން، އިންޑިޔާގެ ރައީސާ ޕްރަތިބާ ޕާޓިލަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ރައީސާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އެޤައުމުގެ ކުރީގެ ބޮޑުވަޒީރު އައި.ކޭ ގުޖްރާލްގެ އަނބިކަނބަލުން ޝީލާ ގުޖްރާލް އަވަހާރަވި ޚަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. ޝީލާ ގުޖްރާލަކީ، އިންޑިޔާގެ ރައްޔިތުންނަށް މުހިންމު ޚިދްމަތްތަކެއް ކޮށްދެއްވި، ޚާއްޞަ ގޮތެއްގައި ލިޔުންތެރިކަމުގެ ދާއިރާއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި އިންޑިޔާގެ އެކި ޖަމާޢަތްތަކުގެ މެދުގައި ގުޅުން ވަރުގަދަ ކުރައްވައި، އިޖްތިމާޢީ ގުޅުންތައް ހަރުދަނާކުރެއްވުމަށް އެކަމަނާ ކުރައްވާފައިވާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ރައީސާ ޕްރަތިބާ ޕާޓިލަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި ކުރީގެ ބޮޑުވަޒީރު ގުޖްރާލަށާއި، އާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.