މިއަހަރުގެ ނޮވެމްބަރުމަހު އައްޑޫ ސިޓީގައި ބާއްވަވާ 17 ވަނަ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްގެ ދެކަނބަލުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ފޮނުއްވި ދަޢުވަތުގެ ސިޓީފުޅު، ބޮޑުވަޒީރަށް އަރުވައިފިއެވެ. މިސިޓީފުޅު ބޮޑުވަޒީރަށް އެރުވީ، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ، އިންޑިޔާގެ ބޮޑުވަޒީރުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

މި ޒިޔާރަތުގައި، ރާއްޖޭގައި ބޭއްވޭ 17ވަނަ ސާކް ސަމިޓާ ގުޅޭގޮތުންނާއި، ސާކްގެ ހަރަކާތްތަކާގުޅޭގޮތުންނާއި ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާދެމެދު އުފެދިފައިވާ ގާތް އިޚްލާޞްތެރި ގުޅުންތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ސްޕެޝަލް އެންވޯއީގެ މިދަތުރުފުޅުގައި، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް އެސް.އެމް.ކްރިޝްނާއާ ބައްދަލުކުރައްވައި، 17 ވަނަ ސާކް ސަމިޓަށް ރާއްޖެ ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުންނާއި ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

އިބްރާހިމް ޙުސައިން ޒަކީގެ މިދަތުރުފުޅުގައި، އިންޑިޔާގެ މުހިންމު ދެ އެން.ޖީ.އޯ. އެއްކަމަށްވާ "އޮބްޒަރވަރ ރިސަރޗް ފައުންޑޭޝަން (އޯ.އާރް.އެފް) ގެ ޗެއަރމަން އެމްބެސެޑަރ އެމް.ކޭ. ރަސްގޮތްރާ އާއި "ރިސަރޗް އެންޑް އިންފޮރމޭޝަން ސިސްޓަމް ފޮރ ޑިވެލޮޕިންގ ކަންޓްރީޒް" (އާރް.އައި.އެސް) ގެ ޗެއަރމަން އެމްބެސެޑަރ ޝާމް ސަރަންއާ ބައްދަލުކުރައްވައި، ރާއްޖޭގެ އެން.ޖީ.އޯ.ތައް ހަރުދަނާކުރުމާގުޅޭ ގޮތުން ޚިޔާލުބަދަލުކުރައްވައި މަޝްވަރާ ކުރެއްވިއެވެ.