މަސްވެރިކަމަށް ލުއިފަސޭހަ ގޮތެއްގައި ބަނދެފައިވާ އަދި ޒަމާނީ ވަސީލަތްތައް ޤާއިމް ކުރެވިފައިވާ މަސްދޯންޏެއް ކަމަށްވާ [ލާމަސީލު] ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު އިފްތިތާޙްކޮށްދެއްވައިފިއެވެ. 4 ނަންބަރު ފާލަމުގެ ކުރިމަތީގައި އޮތް މިދޯނި އިފްތިތާޙް ވެގެންދިޔައީ، ދޯނީގެ ނަންބޯޑުގެ ފަރުދާ، ރައީސުލްޖުމްހޫރިއްޔާ ކައްސަވާލަދެއްވުމުންނެވެ. ދޯނީގެ ވެރިފަރާތަކީ ރ. ކަނދޮޅުދޫ ކަނީރުވިލާ އިބްރާހީމް ޢަލިކޮއި އެވެ. މިއީ، އޭނާގެ 14 ވަނަ މަސްދޯންޏެވެ. ދޯނި ބަނދެފައިވަނީ ޕްރިސިޝަން މެރިން އިންނެވެ.

މިދޯނީގައި މަސްވެރިންނަށް ވަރަށް ހިތްފަސޭހަ މާޙައުލެއް ވަނީ ޤާއިމްކޮށްފައެވެ. ދޯނީގައި އައިސް ޕްލާންޓަކާއި، ފެން ޕްލާންޓެއް ބަހައްޓާފައިވެއެވެ. އަދި މަސް ހޯދުމަށް ބޭނުންކުރާ ފިޝް ފައިންޑަރ ސިސްޓަމްސްވެސް ވަނީ މިދޯނީގައި ބަހައްޓާފައެވެ. މިދޯނީގެ އެއްވެސް ތަނެއް، ބޭނުން ނުހިފޭ ގޮތަކަށް ދޫކޮށްލެވިފައެއް ނުވެއެވެ.