އެމެރިކާގެ ކުރީގެ ރައީސް ޖެރަލްޑް ފޯޑްގެ އަނބިކަނބަލުން، ބެޓީ ފޯޑް އަވަހާރަވުމާ ގުޅިގެން، އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ބެޓީ ފޯޑު އަވަހާރަވީ ރޭގެ ވަގުތެއްގައި ކެލިފޯނިއާގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 93 އަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، މިސިޒް ފޯޑް، އެމެރިކާގެ ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވައިގެން އެމެރިކާގެ ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވާފައިވެއެވެ. އަދި އިޖްތިމާޢީ ދާއިރާގައި، ޚާއްޞަކޮށް އަންހެނުންގެ ޙައްޤުތަކާއި، ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އެކަމަނާ ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ހިތާމައިގެ މި ދަނޑިވަޅުގައި، އެމެރިކާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ރައީސް އޮބާމާއަށް، ދިވެހި ރައްޔިތުންނާއި، ސަރުކާރާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިސިޒް ފޯޑްގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.