ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން، މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ތަނަވަސް ބޯހިޔާވަހިކަމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާތަނަށް ދިޔައިރު މިދަންނަވާ ކަންކަން ހިނގަމުން އެބަދެއެވެ.

ތަނަވަސް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 19,900 އަށްވުރެގިނަ ފޯމް ބަލައިގަނެ، މިހާރު ގެންދަނީ އެމަޢުލޫމާތުތައް ކޮމްޕިއުޓަރަށް އަޅަމުންނެވެ. މިހާރު ފުރަތަމަ ފިޔަވަހީގެ A ކެޓަގަރީގެ (މާލެއިން ކުދިކުދި ބިންކޮޅު ދޫކޮށްލާ ފަރާތްތަކަށް ނިސްބަތްވާ ކެޓަގަރީގެ) ފޯމުތައް އެންޓަރކޮށް ނިމިފައިވެއެވެ. މިފަރާތްތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ 250 ގޯތި، ހުޅުމާލެއިން ފާހަގަކޮށް، ލޭންޑް ޔޫސް ޕްލޭން ވަނީ ނިމިފައެވެ. ހުޅުމާލޭގައާއި މާލޭގައި ފްލެޓް އެޅުމުގެ މަސައްކަތް ޢަމަލީގޮތުން ފެށިފައިވާތީ، އެ ކެޓަގަރީއަށް ހުޅުމާލެއިން ބޭނުންވާ 250 ފްލެޓާއި، މާލެއިން ބޭނުންވާ 500 ފްލެޓް މާލަސްތަކެއްނުވެ، އިމާރާތްކޮށް ނިމޭނެއެވެ.

މިކަންކަން މިހެން ހުރުމުގެ ސަބަބުން، ފޯމުތައް ދިރާސާކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ފެށިފައެވެ. ވެށިފަހި މާލެ ޕްރޮގްރާމްގެ ސްޓިއަރިންގ ކޮމިޓީން ނިންމާފައިވާ ގޮތުގެމަތިން، ފޯމުތައް ދިރާސާކުރާއިރު، އެކަން ހިނގާނުހިނގާގޮތް ބެލުމަށް ހަމަޖައްސަންޖެހޭ އޯވަރސައިޓް ކޮމިޓީއަށް ބޭނުންވާ އާންމު ރައްޔިތުންގެ ތެރެއިން ހޮވާ 2 މެންބަރުންވެސް 4 ޖުލައި 2011 ވި ހޯމަދުވަހު ގުރުއަތުން ހޮވިފައިވެއެވެ. އެދެބޭފުޅުންނަކީ:

1. އަލްފާޟިލާ އާއިޝަތު ޙުސައިންމަނިކު ހ.ރީނދޫކޮކާގެ
2. އަލްފާޟިލް މުޙަންމަދު ޢަފީފު މއ.ރެޑްރޯސް ހުޅަނގުބައި

މިކޮމިޓީގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުން ހިމަނާ ފަރާތްތައްވެސް މިހާރުވަނީ ހަމަޖެހިފައެވެ. އެބޭފުޅުންނަކީ:

1. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ: އަލްފާޟިލާ ފާޠިމަތު ނުޒުހާ
2. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް:އަލްފާޟިލް އަކްރަމް ކަމާލުއްދީން
3. މޯލްޑިވްސް ޕޮލިސް ސަރިވިސް: އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ސާދިޤް
4. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: އަލްފާޟިލް ޝުޢައިބު ޢަލީ
5. މާލެސިޓީ ކައުންސިލް: (6 ޖުލައި 2011 ގައި އޮންނަ ކައުންސިލް ޖަލްސާއިން ބޭފުޅަކު ހޮވާގޮތަށް ހަމަޖެހިފައި)

މިމަސައްކަތް ހިނގާނެ ދާއިމީ އޮފީހެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދެއެވެ. 10 ޖުލައި 2011 ވާ އާދިއްތަދުވަހު މިއޮފީސް ހުޅުވޭނެއެވެ.

ވުމާއެކު، ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ A ކެޓަގަރީއަށް ނިސްބަތްވާ ގޯތި އަދި ހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެތަންތަން ލިބޭނެކަމުގެ ޔަޤީންކަން އަންނަ ހަފްތާގައި ދެވެންފަށާނެކަމަށް ބެލެވެއެވެ. އަދި އަންނަ ހަފްތާގައި B އަދި C ކެޓަގަރީގެ ފޯމުތަކުގެ މަސައްކަތް ފެށިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.