بســم اللّـه الرّحمـن الرّحيــم

الحمـد للـه ربّ العـالمـين ، والصّـلاة والسّـلام علـى محـمّد وعلى آلـه وصحـبه أجمعـين.

"ޖަރނީ"ގެ ޢިއްޒަތްތެރި ވެރިން، ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުން، ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ، ޑިޕާޓްމަންޓްތަކުގެ ވެރިން އަދި ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކުގެ މަންދޫބުން.

السّــلام عليــكم ورحمـةالله وبركا تـه.

އާދެ! މިރެއަކީ ވަރަށްވެސް އުފާވެރި ރެއެއް. އަޅުގަނޑު އުފާކުރާ އެންމެބޮޑު ސަބަބަކީ، މިފަދަ މުހިންމު މަސައްކަތެއް އަމިއްލަ ޖަމާޢަތެއްގެ ފަރާތުން ކުރައްވަން ފެށްޓެވިކަން. އަޅުގަނޑުމެންނަށް މިހާތަނަށް "ޖަރނީ" އެނގިގެން އައިސްފައިވަނީ މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރާ ކުދިންނަށް އެހީވެދޭ ޖަމާޢަތެއްގެ ގޮތުގައި. އެކިއެކި ފަރުވާދޭ ތަންތަނުން ފަރުވާ ލިބިގެން ނުކުމެ، މުޖުތަމަޢަށް އެނބުރި އައުމަށްޓަކައި މަސައްކަތް ކުރާ ކުދިންނަށް އެހީތެރިވެދީ، އެމަސައްކަތް ކުރަމުން ގެންނަ ޖަމާޢަތެއްކަމަށް. ނަމަވެސް މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަނެއްކާވެސް އެމަސައްކަތުގެ އިތުރުން، އިތުރު މަސައްކަތްތަކެއް ފަށްޓަވާތަން. އެހެންވެ، އެކަމަށްޓަކައި "ޖަރނީ"ގެ ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރާއި މުބާރަކްބާދު ދަންނަވަން.

އާދެ! "އައި ކޮންޓްރޯލް މައިބްރެއިން" ގެ ނަމުގައި މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި، މަސްތުވާތަކެތިން ޙިމާޔަތްވުމަށްޓަކައި މިވަރުގެ ކެމްޕޭނެއް ފަށްޓަވާކަމީ ވަރަށްވެސް އުފާވެރި ކަމެއް. މިކެމްޕޭނުގެ ތެރޭގައި ޕޯސްޓަރާއި ބިލްބޯޑާއި ވީޑިޔޯއާއި ލަވައާއި މިބާވަތުގެ މިފަދަ ކަންތައްތަކެއް ހިމެނިގެން މަލްޓިމީޑިޔާ ކެމްޕޭނެއްގެ ގޮތުގައި މަސައްކަތް މިފަށްޓަވަނީ.

އާދެ! މި މަސައްކަތް ހިންގެވުމުގައި، މިއަށް ތައްޔާރުވެވަޑައިގަތުމަށްޓަކައި މިކަމަށް އެހީވެދެއްވި ވަރަށްގިނަ ފަރާތްތަކެއް އެބަތިއްބެވި. އޭގެ ތެރޭގައި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އަދި އަމިއްލަ ކުންފުނިތައް ހިމެނޭކަން އެއީ، އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭ ކަމެއް. އަޅުގަނޑުގެ އުންމީދަކީ، މިރަނގަޅު ނަމޫނާ ބަލައިގެން އެހެން ޖަމާޢަތްތަކުންވެސް މިބާވަތުގެ މަސއްކަތްތައް ކުރައްވަމުން ގެންދެވުން. އެނގިވަޑައިގަންނަވާނެ ފަދައިން މަސްތުވާތަކެތިން ސަލާމަތްވުމަކީ އެއީ، އެއްބަޔަކު އެކަނި މަސައްކަތް ކޮށްގެން ކުރެވެން އޮތް ކަމެއް ނޫން. އެއަށްވުރެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ އަސަރު ރާއްޖޭގެ ޒުވާނުންނަށް މިހާރުވަނީ ކޮށްފައި. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައި ހުރިހާ އަތޮޅުތަކެއްގައި މިމަސައްކަތް އެބަކުރަންޖެހޭ.

އާދެ! މިރޭ މިފަށްޓަވާ ކެމްޕޭނުގެ އަސަރުވެސް މިދެންނެވި ގޮތަށް ރާއްޖޭގެ އެކިދިމަދިމާލުން ފެނިވަޑައިގަންނަވާނެ. އެހެންނަމަވެސް، އޭގެ އިތުރުން އަދި ރާއްޖެތެރޭގައި އަތޮޅުތަކުގައި މިހާރު އުފެދިފައިވާ އެހީދޭ ޖަމާޢަތްތަކުންވެސް މިކަމުގައި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގައި އަޅުގަނޑު އުންމީދު ކުރަން. އެނގިވަޑައިގަންނަވާނެ، ތިޔަބޭފުޅުންނަށް މަސްތުވާތަކެތިން ސަލާމަތްވުމަކީ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމަކީ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވައުދު. އެގޮތުން މިވޭތުވެދިޔަ ދެއަހަރު ތެރޭގައި ވަރަށްބޮޑު މަސައްކަތްތަކެއް ވަނީ ކުރެވިފައި. އަޅުގަނޑު މިރޭ މިފިޔަވަޅު މަތީގައި ހުރެ ވަރަށް އުފާކުރާ މަންޒަރުތަކެއް މިހާރު ފެނިގެން މިދަނީ. އެނގިވަޑައިގަންނަވާނެ ފަދައިން، މި ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި ޑްރަގްގެ ވިޔަފާރިކުރާ ވަރަށްބޮޑެތި ގްރޫޕްތަކެއް މިހާރުވަނީ ހައްޔަރު ކުރެވިފައި. މިކަން ކުރެވިފައި މިވަނީ، ވަރަށްގިނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސް ޚާއްޞަ ގޮތެއްގައި ކުރައްވަމުން ގެންދެވި މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން. އެންމެފަހުން ރޭވެސް ވަރަށްބޮޑު އޮޕަރޭޝަނެއް ހިންގަވައިފި. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ނުރައްކާތެރި ބަޔަކު މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި. މިމަސައްކަތަކީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން ވަރަށް އުނދަގޫ މަސައްކަތެއް. މިއީ، ވަރަށް ބޮޑެތި ނެޓްވަރކްތައް އެޅިގެން ކުރަމުން ގެންދާ މަސައްކަތް. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރާ މަސައްކަތެއް. އެހެންވީމާ، މިފުރުސަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޚާއްޞަ ގޮތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑްރަގް އެންފޯސްމަންޓް ޑިވިޜަންގެ ވެރިންނަށް ވަރަށް ޚާއްޞަ ގޮތެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުޕްރިންޓެންޑެންޓް ޖިނާހަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ! މަސްތުވާތަކެތި މަދުކުރުމަށްޓަކައި ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމަށްޓަކައި ކުރާ މަސައްކަތަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން، ސަރުކާރުގެ އެހެނިހެން އެކިއެކި އޮފީސްތަކާވެސް ގުޅިގެން ހިނގާ ކަމެއް. އެގޮތުން ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން ކަސްޓަމްސް ސަރވިސް. ކަސްޓަމްގެ ފަރާތުންވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުން. އަދި ހަމައެފަދައިން، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީވެސް ހަމަ މިގޮތަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އެގޮތުން މިހާރު އަޅުގަނޑުމެން މި ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހުރިހާ ބަނދަރުތަކެއްގައި ސަލާމަތީ ފިޔަވަޅުތައް އަޅައި، އެ ބަނދަރުތައް ޑްރަގުން ސަލާމަތް ކުރެވޭނެ ގޮތެއް ހެދުމަށްޓަކއި ރޭވިފައިވާ މަޝްރޫޢެއް މިހާރުދަނީ ހިނގަމުން. އަދި ކޮންމެ ބަނދަރެއްގައިވެސް ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، އޭގެތެރޭގައި ފެންސް ހަރުކުރުމާއި، ސަރވެއިލަންސް ކެމެރާތައް ހަރުކުރުމާ މިހެންގޮސް ކުރަންޖެހޭ ކަންތައްތަކެއް ވަނީ ކަނޑައެޅި އެކަމަށްޓަކައި ތާވަލެއް ހެދިފައި. މިއަންނަ އޮކްޓޯބަރގެ ނިޔަލަށް ހުރިހާ ބަނދަރުތަކެއްގައި އަޅުގަނޑުމެން އެއްބަސްވެފައިވާ ގޮތުގެމަތިން ސަލާމަތީ ފިޔަވަޅުތައް އަޅައި ނިންމަންޖެހޭ. އެއަށް ޢަމަލު ނުކުރާ ފަރާތަށް އަޅުގަނޑުމެން ޖެހޭނީ އެބަނދަރު ބަންދުކުރަން. އެހެންވީމާ، އަޅުގަނޑުމެން އެއްގޮތަކަށްވެސް މިކަމުގައި ދުލެއް ދޭކަށް ނެތީމު. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ކާމިޔާބު ކުރާނަން. އަދި މިހާރު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރާއްޖޭގެ ވަރަށްގިނަ ޒުވާނުންތަކެއް ސަލާމަތް ކުރުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް. އެހެންވީމާ، އެކަމުގައި اللّـه ރަޙްމަތް ލައްވާނެ.

އާދެ! މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި މި ކުރެވޭ މަސައްކަތުގައި އަޅުގަނޑު ކުރިން ދެންނެވި ފަދައިން ވަރަށްގިނަ ކަންތައްތަކެއް އެކުލެވިގެންވޭ. އެގޮތުން މިހާރު އެނގިވަޑައިގަންނަވާނެ ފަދައިން ހަމައެކަނި ލޯއެންފޯސްމަންޓް އޭޖެންސީތަކުން މަސައްކަތް ކުރިއަކަސް އަދި މިކަމުން ސަލާމަތްވެވޭކަށްވެސް ނެތް. އެނގިވަޑައިގަންނަވާނެ ފަދައިން، ދާދިފަހުން ދުނިޔޭގެ ފެންވަރުގައި ހައިލެވެލް ކޮމިޝަނެއް އުފެދި މިޑްރަގްސް ކަންތަކާ ބެހޭގޮތުންވަނީ ދިރާސާތަކެއް ކުރެވިފައި. އެކޮމިޝަންގައި ހިމެނިވަޑައިގަންނަވާ، ކުރީގެ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލާ މިހެންގޮސް ވަރަށްގިނަ ބޭފުޅުން، އެމެރިކާގެ ސަރުކާރުގެ ކުރީގެ ބައެއް ބޭފުޅުންނާއި އަދި އެހެނިހެން ޤައުމުތައް، ބްރެޒިލް، ކޮލަމްބިއާ ފަދަ ތަންތާނގެ ބޭފުޅުން. މިބޭފުޅުންގެ ދިރާސާއިންވެސް އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، މަސްތުވާތަކެތި ހުއްޓުވުމަށްޓަކައި ހަމައެކަނި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅައިގެން އަދި އެކަން ޙައްލެއް ނުކުރެވޭނެކަން. އެކަމުގައި އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، މިއީ ވަރަށް ބޮޑު އިޖްތިމާޢީ މައްސަލައެއްކަން. އިޖްތިމާޢީ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަން. އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައި ހަމަހަމަކަން އިތުރުކުރުވުމާއި، ރައްޔިތުންގެ އުފާވެރިކަން އިތުރުކުރުވުމާއި، މިކަންކަމަކީ އެއީ، މިކަމާ ގުޅީފައި ހުރި ކަންތައް. ވީމާ، ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުން މިއީ، މަސްތުވާތަކެތި ހުއްޓުވުމަށްޓަކައި، މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި އެއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް.

އާދެ! އަނެއް ކަމަކީ މަސްތުވާތަކެތީގައި ޖެހިފައިވާ ކުދިންނަށް ފަރުވާ ދިނުމަކީ އެއީ، ކުރަންޖެހޭ ކަމެއް. ވަރަށްގިނަ އަދަދެއްގެ ކުދިން މިއަދު ދިވެހިރާއްޖޭގައި ވަނީ މިފަރުވާއަށް ބޭނުންވެފައި. މީގެ ޙަޤީޤީ އަދަދުތައް އަޅުގަނޑުމެންނަށް މިއަދަކު މުޅިއަކުން ނޭނގޭ. ވީމާ، އެކަން ސާފު ކުރުމަށްޓަކައި މިޖުލައިމަހު އަޅުގަނޑުމެން ޤައުމީ ފެންވަރުގައި ސަރވޭއެއް އެބަ ފަށަން. މި ސަރވޭ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ކުރެވޭނެ. އެއަށްފަހު އިރާދަކުރެއްވިއްޔާ މިހާރަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް މިކަމުގެ ޙަޤީޤަތްތައް ސާފުވެގެންދާނެ. ނަމަވެސް އެއަދަދުތައް އަޅުގަނޑުމެންނަށް ލިބުމުގެ ކުރިންވެސް އަޅުގަނޑުމެންނަށް އަބަދާއަބަދު މީގެ މަންޒަރުތައް ފެންނަމުން އެބަދޭ. އެހެންވީމާ، މިކަމުގައި އަޅުގަނޑުމެން ކުރާ މަސައްކަތަށް ހަމަ ކުޑަވެސް ލުޔެއް ދެވޭކަށްނެތް.

އާދެ! އެގޮތުން އަޅުގަނޑުމެން މިހާރުވެސް ކުރަމުން މިގެންދަނީ ފަރުވާ ދިނުމަށްވެސް އިތުރު ފުރުސަތުތައް ހުޅުވާލެވޭތޯ. ރާއްޖޭގައި މިވަގުތު ފަރުވާދޭ އެންމެބޮޑު މަރުކަޒަކަށް މިހުރީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރ، ހިންމަފުށީގައި. އެތާނގައި މިހާރު ފަރުވާދެވޭ ކުދިންގެ އަދަދުވެސްވަނީ ކުރިއާ އަޅާބަލާއިރުގައި ވަރަށް ބޮޑުތަން އިތުރު ކުރެވިފައި. އެކަމުގައި މިނިސްޓްރީ އޮފް ހެލްތުންނާއި އަދި އެމިނިސްޓްރީގެ ދަށުން ޑީ.ޑީ.ޕީ.އާރު.އެސް ގެ ފަރާތުން ވަރަށްބޮޑެތި މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުން. ނަމަވެސް އަދިވެސް ކުރަންޖެހޭ މަސައްކަތް ވަރަށްގިނަ. ޑީ.އާރު.ސީ.ގެ ޚިދްމަތް މިހާރަށްވުރެ ފެންވަރު ރަނގަޅު ކުރުމަކީ އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެކަމަށްޓަކައި އިތުރު ހޭދަވެސް ކުރަން އެބަޖެހޭ. މިވަގުތު އަޅުގަނޑުމެން ބަލަމުން މިގެންދަނީ އެތަން މިހާރަށްވުރެ ރަނގަޅަށް ހިންގޭނެ ބަޔަކު ހޯދޭތޯ. އެގޮތުން ޢިއްލާނުކޮށް ހައެއްކަ ފަރާތުންވަނީ އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައި. އަދި އެކަމުގެ ތަޖުރިބާހުރި ބޭރުގެ އެކިއެކި ފަރާތްތަކުން މިކަމަށް މިހާރު އަޅުގަނޑުމެންނާ މަޝްވަރާ ކުރަމުން އެބަގެންދޭ. ވީމާ، އަޅުގަނޑު އުންމީދު ކުރަން، މިކަން ހިންގުމުގައިވެސް އިތުރު ރަނގަޅު ކަމެއް، އަޅުގަނޑުމެންނަށް ހެޔޮ ބަދަލެއް ފެނިގެން ދާނެ ކަމަށް.

ޑީ.އާރު.ސީ.ގެ އިތުރުން އެނގިވަޑައިގަންނަވާނެ ފަދައިން، މި ސަރުކާރުން ވަނީ ޑިޓޮކްސް ސެންޓަރ ދެތަން ހުޅުވިފައި. އެއީ، ވިލިމާލޭގައި އެއް މަރުކަޒު އަދި އައްޑުއަތޮޅުގެ ހުޅުމީދޫގައި އެއް މަރުކަޒު. މިހާރު އަޅުގަނޑުމެންނަށް ފަރުވާދޭން ހެދިފައިހުރި ހުރިހާ ތަނެއް، އޭގެ ފުލް ކެޕޭސިޓީއަށް ބޭނުން ކުރެވެމުން މިދަނީ. އިތުރަށް އަންނަ ކުއްޖަކަށް ފަރުވަދެވޭނެ ތަނެއް މިވަގުތަކު ނެތް. އެހެންވީމާ، ދާދި އަވަހަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންހެން ކުދިންނަށް ޚާއްޞަ ކުރެވިގެން ހުޅުވޭ ކްލިނިކެއް ވިލިނގިލީގައި ހުޅުވޭނެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ގެންދަވަނީ ކުރައްވަމުން. ދެން ހަމައެހެން މިނިސްޓްރީ އޮފް ހެލްތާއި ހަރިޓާސްއާ ގުޅިވަޑައިގަންނަވައިގެން ހުޅުމާލޭގައި ހާފްވޭ ހައުސްއެއް ހެދުމުގެ މަސައްކަތްވެސް މިހަފްތާގެ ތެރޭގައި ފެށިގެންދާނެ.

އާދެ! މިދެންނެވީ ފަރުވާގެ ޚިދްމަތް ފުޅާކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގެ ވާހަކަ. މިވަރުންވެސް އަދި އަޅުގަނޑުމެންނަށް ފުދޭކަށްނެތް. ވީމާ، އަދިވެސް އިތުރު ޚިދްމަތްދޭ ތަންތަން އުފެއްދުމަށްޓަކައި އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.

އާދެ! މިދެންނެވި ތަންތަނުން ފަރުވާ ލިބުމަށްފަހުގައި އެނބުރި މުޖުތަމަޢަށް އައިސް، އަނެއްކާވެސް މިއަންނަން ޖެހެނީ ހަމަ ކުރިންވެސް އުޅުނު ތަނަށް. ކުރީގައިތިބި ރަަޙްމަތްތެރިންނާ އެކީގައި މިއުޅެން ޖެހެނީ. އެހެންވީމާ، ވަރަށްގިނަ ކުދިންނަށް ދިމާވާ ގޮތަކީ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް މަސްތުވާތަކެއްޗަށް އެނބުރި ދަނީ. ވީމާ، ތަކުރާރުކޮށް އެތަކެއް ފަހަރު އެކަމުގެ ތެރެއަށް ވަދެ، އެކަމުން ސަލާމަތް ނުވެވިގެން އުޅޭ ކުދިންތައް އެބައުޅޭ. އެކުދިންނަށް އެހީތެރިކަމެއް ދިނުމަކީ ހަމައެކަނި ފަރުވާދީފައި ދޫކޮށްލުމެއް ނޫން. ފަރުވާދިނުމަށްފަހުގައިވެސް އެކުދިން މުޖުތަމަޢަށް އަނބުރާ ގެނައުމުގައި އިތުރު އެހީތެރިކަމެއް ދީގެން އެކުދިންނާއެކީގައި މަސައްކަތް ކުރާނެ ބަޔަކު އެބަ ބޭނުންވޭ. އެގޮތުން މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާރަ ވަރަކަށް ޖަމްޢިއްޔާއިން އެމަސައްކަތް ކުރަމުން އެބަގެންދޭ. އަދި ސަރުކާރުން އެހުރިހާ ޖަމާޢަތްތަކަށް އެހީތެރިވެދެއްވަމުން އެބަގެންދަވާ.

މިމަސައްކަތް އެންމެ ރަނގަޅަށް ކުރައްވާ އެއް ޖަމާޢަތެއް "ޖަރނީ"އަކީ. އެގޮތުން "ޖަރނީ" މެދުވެރިވެގެން ކިތަންމެ ކުދިންނެއް ފަރުވާ ހޯދައިގެން އެނބުރި އައިސް މުޖުތަމަޢަށް ދިރިގެން އެބަދޭ. އެއީ "ޖަރނީ"ގެ ފަރާތުން ކޮށްދެއްވާ ވަރަށްބޮޑު ޚިދްމަތެއްކަން އަޅުގަނޑު މިރޭ ފާހަގަކޮށް، ތިޔަބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަނބުރާ ގެނައުމަށްފަހުގައި އެކުދިން ކަނޑައަޅަންޖެހޭ ޢަޒުމަކީ، ކޮންމެ ދުވަހަކުވެސް މަސްތުވާތަކެތިން ސަލާމަތްވުން. ކޮންމެ 24 ގަޑިއިރެއްގައި އެކުދިން ސަލާމަތުން ތިބުމުގެ ޢަޒުމް ކަނޑައަޅައިގެން އެކަމުގައި ދެމިތިބުމުގެ ހިތްވަރު އެކުދިންނަށް އެބަލިބެންޖެހޭ. އެ ހިތްވަރު ދޭނެ ބަޔަކުވެސް އެބަ ތިބެންޖެހޭ. އެކަން އެންމެ ރަނގަޅަށް އެނގެނީ، އެކަމުގެ ތަޖުރިބާ ކޮށްފައި ތިބި ކުދިންނަށް. އެހެންވީމާ، އެމަސައްކަތުގައި ރިކަވަރީއަށް އެދި ސަލާމަތްވުމަށްޓަކައި މަސައްކަތްކުރާ މަސްތުވާތަކެތި ބޭނުންކުރި ކުދިން އެއީ، ވަރަށް މުހިންމު ބައެއް. އެމީހުންގެ ޚިދްމަތް އަޅުގަނޑުމެން އެކިގޮތްގޮތުން ހޯދަން އެބަޖެހޭ. ނަމަވެސް އެނގިވަޑައިގަންނަވާނެ ފަދައިން މަސްތުވާތަކެތީގެ ރެކޯޑް އޮތް ކުއްޖަކަށް ސަރުކާރުގެ ވަޒީފާއެއް ލިބުމަކީވެސް އަދި އަމިއްލަ ފަރާތަކުން ވަޒީފާއެއް ލިބުމަކީވެސް އެއީ ވަރަށް އުނދަގޫ ކަމެއް. ވީމާ، އެކަން އަޅުގަނޑުމެން އެބަޖެހޭ އިޞްލާޙްކުރަން. އަޅުގަނޑުމެންގެ ތެރޭގައި އެތަކެއް ހާސް ޒުވާން ކުދިން، މީގެ ތެރެއިން ކިތަންމެ ކުދިންނަކީ ކިޔަވައިގެން ތިބި، ރަނގަޅު އެކިއެކި ހުނަރުތައް ހުރި ކުދިންތަކެއް. މިއަދު އަޅުގަނޑުމެންގެ ވަޒީފާގެ ބާޒާރުގައި، މަގާމުތަކަށް، އެކިއެކި ވަޒީފާތަކަށް ބޭރުގެ މީހުން ގެންނަމުން ދާއިރުގައި އަޅުގަނޑުމެންގެ ތެރޭގައި ތިބި ކުދިން ބޭނުން ކުރެވޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަންޖެހޭ. ވީމާ، ދާދިފަހުން ކެބިނެޓުންވަނީ ނިންމަވާފައި، ކުށުގެ ރެކޯޑަށް ބެލުމުގައި ނުރައްކާތެރި އެކިއެކި ކުށްތައް ފިޔަވައި، ކަނޑައެޅިފައިވާ ކުށްތަކެއް ފިޔަވައި، އެނޫން ކަންތައްތަކުގައި ތިބި ކުދިންގެ ރެކޯޑު، އެކުދިން އެކަމުން ސަލާމަތްވުމަށްފަހުގައި އެރެކޯޑަށް ނުބަލައި ސަރުކާރުގެ ވަޒީފާތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ވަޒީފާތަކަށް އެކުދިންނަށް ފުރުސަތު ދިނުމަށް ކެބިނެޓުން ވަނީ ނިންމަވާފައި.

އާދެ! މިމަސައްކަތުގައި އަޅުގަނޑު ދެންނެވިހެން ވަރަށްގިނަ ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވަނީ. އެގޮތުން ސަރުކާރާއި އަމިއްލަ ޖަމާޢަތްތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ، މިހުރިހާ ފަރާތްތަކުން ގެންދަވަނީ މަސައްކަތް ކުރައްވަމުން. ޤައުމީ ފެންވަރެއްގައި މިއަދު ޑްރަގްގެ މަސައްކަތް ހިންގުމަށްޓަކައި އެންމެ އިސްކޮށް އުފެދިފައިވަނީ ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލް. އަޅުގަނޑު އެކައުންސިލްގެ ހުރިހާ ބޭފުޅުންނަށާއި ހުރިހާ މެންބަރުންނަށް އަދި ޚާއްޞަކޮށް ކައުންސިލަށް ގަވައިދުން ވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިހާރު މިކުރެވެމުންދާ މަސައްކަތަކީ ވަރަށްބޮޑު މަސައްކަތެއް. މިކަން މިގޮތަށް ކުރުމުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާކަން އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން. ނަމަވެސް މިއަށްވުރެ ރަނގަޅަށް އަޅުގަނޑުމެން މިކަން އެބަ ކުރަންޖެހޭ. މިއަށްވުރެ ރަނގަޅަށް އަޅުގަނޑުމެން މިކަން ކޮށްގެން ނޫނިއްޔަކާ އަޅުގަނޑުމެންނަކަށް މިކަން ކާމިޔާބެއް ނުކުރެވޭނެ. ވީމާ، އަޅުގަނޑު މިރޭ ގޮވާލަން، މިކަމުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް އިތުރު ހިތްވަރަކާއެކުގައި މަސައްކަތް ކޮށްދެއްވުމަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ޤައުމީ މައްސަލައެއް. ޤައުމީ ބޮޑު މައްސަލައެއް. އެހެންވީމާ، މިކަން ހިންގުމުގައިވެސް މުސްތަޤްބަލުގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންވެސް މިތާ ތިއްބެވުމާއެކީގައި އަޅުގަނޑު ދަންނަވަން، މިކަމަށް ހަމަ ވަރުގަދަ ތަންފީޒީ އިދާރާއެއް ރާއްޖޭގައި އުފެދިގެން ނޫނީ، މިކަން ފުރިހަމައަށް އަޅުގަނޑުމެންނަކަށް ކާމިޔާބެއް ނުކުރެވޭނެއޭ. އަދި އަޅުގަނޑު ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުންނަށް ދަންނަވަން، މިހާރު މަޖިލީހުގައި އޮތް މަސްތުވާތަކެއްޗާބެހޭ ބިލް، އެއަށް ގެންނަވަން ފެނިވަޑައިގަންނަވާ ރަނގަޅު އިޞްލާޙުތަކެއް ވީހާވެސް އަވަހަކަށް ގެންނެވުމަށްފަހުގައި ފާސްކޮށްދެއްވުން. އެއީ، ވަރަށް މުހިންމު ކަމެއް މިކަން ކުރިއަށް ގެންދިޔުމަށް.

އާދެ! މިރޭ އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން "ޖަރނީ"ގެ ފަރާތުން މިފަށްޓަވާ ޚާއްޞަ މަޝްރޫޢު އާދެ! "އައި ކޮންޓްރޯލް މައިބްރެއިން" ކެމްޕޭނު ފަށްޓަވާ ކަމަށްޓަކައި އަދިވެސް އެއްފަހަރު ތިހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި މިކެމްޕޭނުގައި އަޅުގަނޑުމެން އެންމެންވެސް މިތިބީ ބައިވެރިވާން. ތިޔަބޭފުޅުން ވިދާޅުވި ގޮތަކަށް އަޅުގަނޑުމެން އެމަސައްކަތް ކޮށްދޭން މިތިބީ. އެހެންވީމާ، އަޅުގަނޑުމެން އެންމެންނަށް މިކަމުގައި ހަދަންވީ ގޮތް، ކުރަންވީ މަސައްކަތެއް ތިޔަބޭފުޅުން އެންގެވުމާއެކުގައި، މިކަމުގައި އަޅުގަނޑުމެން އެންމެން ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން. މިކަމުގައި ތިޔަ ކުރައްވާ މަސައްކަތަށް އަޅުގަނޑު ފަށްފަށުން "ޖަރނީ"ގެ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިނަމޫނާއިން ހިތްވަރު ލިބިވަޑައިގަންނަވައިގެން މިރާއްޖޭގައި މިކަމުގެ މަސައްކަތް ކުރައްވާ އެހެނިހެން އަމިއްލަ ޖަމާޢަތްތަކުންވެސް މަސައްކަތްތައް ކޮށްދެއްވަމުން ގެންދަވާނެ ކަމަށްވެސް އަޅުގަނޑު އުންމީދު ކުރަން. ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.

والســّلام عليــكم ورحمـةالله وبركا تـه

________________________