ތައިލެންޑްގައި ބޭއްވި އެ ޤައުމުގެ ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި، ތައިލެންޑްގެ ބޮޑުވަޒީރުކަމަށް އިންތިޚާބު ވެވަޑައިގެންނެވި ޔަންގލަކް ޝިނަވަޓްރާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޔަންގލަން ޝިނަވަޓްރާއަށް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، އެކަމަނާއަކީ ތައިލެންޑުގެ ބޮޑުވަޒީރަށް ވެވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެކަމަނާއަށް މަރުހަބާ ވިދާޅުވެފައިވެއެވެ. އަދި އެކަމަނާގެ ބޮޑުވަޒީރު ކަމުގައި ތައިލެންޑަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބިގެންދާނެކަން ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވެ، މި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިޙްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

މީގެއިތުރުން، ރާއްޖެއާއި ތައިލެންޑާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހްމަތްތެރިގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.