މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ޖިއޮގްރަފީއަށް އަންނަ ބަދަލުތައް ދެނެގަތުމަށް ހިންގަވާ މަޝްރޫޢުގެ ދަށުން އެއްކުރެވޭ މަޢުލޫމާތު އާންމުކުރުމަށްޓަކައި ޤާއިމްކުރައްވާފައިވާ ވެބްޕޯޓަލްގެ ބޭނުން، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވޭ ޢަމަލީ މަސައްކަތްތަކުގައި، އެންމެ ފުރިހަމަ ގޮތުގައި ކުރެއްވުމަށް، ސަރުކާރުގެ އިދާރާތަކަށާއި ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ވަޙީދު ގޮވާލައްވައިފިއެވެ. މިކަމަށް އެމަނިކުފާނު ގޮވާލެއްވީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓާއި ފްރެންޗް ޑިވެލޮޕްމަންޓް އޭޖެންސީ ގުޅިގެން ހިންގެވި "މެޕިންގ އޮފް މޯލްޑިވްސް އެންޑް ކްލައިމެޓް ޗޭންޖް"ގެ ވެބް ޕޯޓަލް އިފްތިތާޙު ކުރެއްވުމަށް، ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ވެބް ޕޯޓަލް އިފްތިތާޙް ކޮށްދެއްވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިމަޝްރޫޢުގެ ސަބަބުން، ރާއްޖޭގެ ބިމުގެ ސަރަޙައްދީ މަޢުލޫމާތު އެކުލެވޭ ތަފްޞީލީ ޗާޓެއް ޤާއިމްކުރެވި، ރާއްޖޭގެ ތިމާވެށްޓާބެހޭ ބޭނުންތެރި މަޢުލޫމާތުތަކާއި، މޫސުމަށް އަންނަ ބަދަލުތައް ދިރާސާކުރުމަށް މަގުފަހި ކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން، ރާއްޖޭގެ ރަށްރަށާއި ފަރުތަކަށް ތިމާވެށީގެ ގޮތުން އަންނާނެ ބަދަލުތައް ފަސޭހަކަމާއެކު ދެނެގަނެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިމަޝްރޫޢުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވާ ވަރަށް މުހިންމު މަޢުލޫމާތުތައް ލިބިއްޖެ ކަމަށާއި، އެކަމާ ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ބިމުގެ ސަރަޙައްދާއި ފަރުފަރާބެހޭ ތަފްޞީލީ މަޢުލޫމާތު އަދި މިހާތަނަށް އެއްކުރެއްވިފައި ނެތްކަން ފާހަގަކުރައްވަމުން، މިފަދަ މަސައްކަތެއް ފުރހަމަ ކޮށްދެއްވި ކަމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓަށާއި، ފްރެންޗް ޑިވެލޮޕްމަންޓް އޭޖެންސީއަށާއި، އެފް.އައި.ޓީ ގްރޫޕަށާއި، މިމަޝްރޫޢޫގައި ހަރާތްތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި އެންމެ އެދެވޭ ނަތީޖާ ނެރުމަށް ހުރަސްތަކެއް ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭރުވަމުންދާ ގްރީންހައުސް ގޭހުގެ ނިސްބަތް މަދުކުރުމަށް، ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އެއްބަސްވުމަކަށް އައުމަށް އޮތް ފުރުސަތު ކުޑަކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ގްރީންހައުސްގޭސް މަދުކުރުމަށް ކަނޑައެޅިފައިވާ އަމާޒަށް ވާޞިލު ނުވެވުމުގެ ނޭދެވޭ އަސަރު، ކުރިއަށް އޮތް ފަންސާހަކަށް ނުވަތަ ސަތޭކަ ވަރަކަށް އަހަރުގެ ތެރޭގައި، ރާއްޖެއަށް ފޯރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށްވުމަށް މަސައްކަތް ކުރި ނަމަވެސް، ރާއްޖެފަދަ ކުޑަ ޤައުމަކުން ކުރާ މިފަދަ މަސައްކަތަކުން ބައިނަލްއަޤްވާމީ ފެންވަރުގައި މާ ބޮޑެތި ބަދަލެއް ނުފެންނާނެކަން ފާހަގަކުރައްވަމުން، ރާއްޖެއަށް ކުރިމަތިވާ މޫސުމާގުޅޭ ބަދަލުތަކަކީވެސް، ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.