ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނެދަރލެންޑްސްގެ ޕްރިންސް ޕިއެޓަރ-ކްރިސްޓިއާން އާ މިއަދު ބައްދަލުކުރައްވައިފިއެވެ. ޕްރިންސް ޕިއެޓަރ-ކްރިސްޓިއާންއަކީ، ނެދަރލެންޑްސްގެ ރާނީ ބީޓްރިކްސްގެ ކޮއްކޯފުޅު، ޕްރިންސަސް މާގަރީޓް އޮފް ދަ ނެދަރލެންޑްސްގެ ތިންވަނަ ދަރިކަލުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނެދަރލޭންޑްސްގެ ކުންފުނިތަކުން ރާއްޖޭގައި ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުން ގެންދާކަން ފާހަގަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ނެދަރލޭންޑްސްގެ ދެ ކުންފުނި ކަމުގައިވާ ބޮސްކާލިސްއިން ހިންގަމުން ގެންދާ މަޝްރޫޢުތަކާއި، ރާއްޖޭގައި ފްލޯޓިން ފެސިލިޓީޒްތަކެއް ބިނާކުރުމަށް ޑަޗް ޑޮކްލެންޑްސްގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ މަސްވެރިކަމާއި، ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީ އިތުރަށް ފުޅާ ކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޕްރިންސް ޕިއެޓަރ-ކްރިސްޓިއާން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާބެހޭ މަޢުލޫމާތު ޕްރިންސް ޕިއެޓަރ-ކްރިސްޓިއާން، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ. އަދި ނެދަރލޭންޑްސްގެ ކުންފުންޏަކުން ރާއްޖޭގައި ހިންގެވުމަށް ހަމަޖައްސަވާފައިވާ އިޢާދަކުރަނިވި ހަކަތައިގެ ޕްރޮގްރާމާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މި ޕްރޮގްރާމް ހިންގެވުމަށް ކުރައްވަންޖެހޭ ދިރާސާގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމުގައިވެސް ޕްރިންސް ޕިއެޓަރ-ކްރިސްޓިއާން ވިދާޅުވިއެވެ.