ޑެންގީ ހުން ކޮންޓްރޯލް ކުރެއްވުމަށް އަޅުއްވަން ޖެހިވަޑައިގަންނަވާ އިތުރު ފިޔަވަޅުތައް އެޅުއްވުމަށްޓަކައި ވަރަށް އަވަހަށް ހޯއްދަވަންޖެހޭ މަޢްލޫމާތުތަކެއް ހުރުމާއެކު، ރަށްރަށުގެ ޞިއްޙީ އިދާރާތަކާ ގުޅުއްވައިގެން އެ މަޢްލޫމާތުތައް ހޯއްދެވުމުގެ މަސައްކަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަވާލުކުރައްވައިފިއެވެ. އަދި އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ހޯއްދަވަންޖެހޭ މަޢްލޫމާތުތައް، ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ރަށްރަށުގެ ރަށު ކައުންސިލުތައް މެދުވެރިކުރައްވައި ހޯއްދެވުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށްޓަވާފައެވެ. މިކަންކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުއްވި ނޫސް ބަޔާނެއްގައެވެ.

ޑެންގީ ހުން ކޮންޓްރޯލް ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ބޭނުންފުޅުވާ މަޢްލޫމާތުތައް ދެއްވުމުގައި ހުރިހާ ފަރާތްތަކުންވެސް ޞައްޙަ ތެދު މަޢްލޫމާތު ދެއްވައި، ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް މި ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި އެ ދެއްވާ މަޢްލޫމާތަކީ، ފަހުން ބައްލަވާއިރު، ޞައްޙަ ނޫން މަޢްލޫމާތަކަށް ވެއްޖެނަމަ، އެ މަޢްލޫމާތު ދެއްވި ފަރާތަކާމެދު، ކަމާ ގުޅުން ހުރި އިދާރާތަކުން ފިޔަވަޅު އެޅުއްވުމަށް ނިންމަވާފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެނގިވަޑައިގަންނަވާނެފަދައިން، ރާއްޖޭގައި ޑެންގީ ހުން ވަރަށް ބާރަށް ފެތުރެމުންދާތީ، ޑެންގީ ހުން ކޮންޓްރޯލް ކުރެއްވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އުފެއްދެވި ޤައުމީ ޓާސްކްފޯހުގެ ޢަމަލީ މަސައްކަތްތައް ފެށި، އަދި ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން އެކަންކަން ޤައުމީ ޓާސްކް ފޯހުން ވަރަށް ހަލުވި މިނެއްގައި މިހާރުވަނީ ފަށްޓަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ޤައުމީ ޓާސްކް ފޯހުގެ އިދާރާއަށް ވަޑައިގެން، އެ ޓާސްކް ފޯހުގެ ބޭފުޅުންނާ ބައްދަލުކުރައްވައި، މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވައި، އަޅުއްވަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުން މަޝްވަރާ ކުރައްވައި، ފިޔަވަޅުތައް އަޅުއްވަންވަނީ ފަށްޓަވާފައެވެ.