بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 1 ޖުލައި 2011 ވީ ހުކުރު ދުވަސް. ޑެންގޫ ހުން ޖެހިގެން މިދިޔަ ހަފްތާގައި 4 ކުއްޖަކު ވަނީ ނިޔާވެފައި. އެކުދިންގެ ފުރާނައަށް މާތްރަސްކަލާނގެ ރަޙްމަތް ލެއްވުމަށް އެދި އަޅުގަނޑު ދުޢާ ކުރަން.

ރާއްޖޭގައި އާދަޔާ ޚިލާފް ބާރުމިނެއްގައި ޑެންގޫ ހުން ފެތުރެމުންދާތީ، މަދިރި ކޮންޓްރޯލް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް މިހާރުވަނީ ފަށާފައި. އެނގިވަޑައިގަންނަވާނެ، މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ޑެންގޫ ހުން ވަރަށް ބާރަށް ރާއްޖޭގައި ފެތުރެމުންދާތީ، އެކަމުގެ ކަންބޮޑުވުން މެންބަރުން ފާޅުކުރައްވައި، ވަޒީރުންގެ ކޮމިޓީއަކުން މި ޕްރޮގްރާމް އެކުލަވާލެއްވުމަށް ނިންމެވި. މި ޕްރޮގްރާމް ހިންގެވުމަށް އަޅުގަނޑު އިއްޔެ ވާނީ ޤައުމީ ޓާސްކްފޯހެއް އުފައްދާފައި. މި ޓާސްކްފޯހުގެ މަސައްކަތްތައް ހިނގަމުންދާނީ، ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން.

މި ޓާސްކްފޯހުން ކުރައްވާނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޑެންގީ ހުމުގެ ނުރައްކާތެރިކަން ޢާންމުންނަށް އޮޅުންފިލުއްވައި ދެއްވައި، މިކަމުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، އެކި ޕްރޮގްރާމްތައް ހިންގެވުމާއި އަދި ބަލިން ރައްކާތެރިވުމަށް މިވަގުތަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް، ސަރުކާރުގެ ކަމާބެހޭ ދާއިރާތައް މެދުވެރިކުރައްވައި އެޅުއްވުން ހިމެނޭ. މީގެތެރޭގައި، ޢާންމު ސާފުތާހިރުކަން ބެލެހެއްޓުމާއި، ޑެންގީ ހުން ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވާތީ، ކުޑަކުދިންނަށް އަމާޒު ކުރައްވައިގެން، ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުންވެސް ހިމެނޭ.

ޑެންގޫ ހުން ފެތުރުނަ ނުދިނުމަށާއި އަދި އެކަމުން މުޅި ރާއްޖޭގެ ކުޑަކުދިންނާއި އެންމެހާ ރައްޔިތުން ސަލާމަތް ކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މިފުރްޞަތުގައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

މާދަމާ، ޝަޢްބާން މަހުގެ 1 ވަނަ ދުވަހަކީ، ރާއްޖޭގެ ޝަހީދުންގެ ދުވަސް. ރާއްޖޭގެ މިނިވަންކަން ދެމެހެއްޓެވުމަށްޓަކައި ބޭރުގެ ދުޝްމަނުންގެ ބަޔަކާ ހަނގުރާމަ ކުރައްވައި، ޢަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަސް. ޢަލިރަސްގެފާނު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތް ކުރައްވައި ރައްކާތެރި ކުރެއްވުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ ހަނދާންތަކަކީ މި ދިވެހި ފަސްގަނޑުން ދުވަހަކުވެސް ފުހެވިގެންދާނެ ހަނދާންތަކެއް ނޫން.

ޝަހީދުންގެ ދުވަސް، އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، ދީނާއި ޤައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ހުރިހާ އަބްޠާލުންގެ ޛިކުރާ އަޅުގަނޑު އާކުރަން. މި ދިވެހިރާއްޖެ، މިނިވަން ޤައުމެއްގެ ގޮތުގައި ޒަމާނުއްސުރެ މިހާތަނަށް ދެމިއޮވެ، ކުރިއަރައި ތަރައްޤީވެ މިދަނީ ހަމަގައިމުވެސް އެބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ ސަބަބުންކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.

ރާއްޖޭގެ ރަށްރަށުގެ ސްކޫލްތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމުގެ ދަށުން، އިންފޮރމޭޝަން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުން ތަޢާރަފް ކުރުމުގެ މަސައްކަތުގައި ސަރުކާރުން ފަށާ ސްމާޓް ސްކޫލް ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ އުފާ މިދިޔަ ބުދަ ދުވަހުގެ ރޭ އަޅުގަނޑަށް ވަނީ ލިބިފައި. ފުރަތަމަ ޤާއިމް ކުރެވޭ ސްމާޓް ސްކޫލް ނ. ކުޑަފަރީގައި ފަށައިދިނުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް.

ސްމާޓް ސްކޫލް ޤާއިމް ކުރެއްވުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން މިއަހަރު 4 ސްކޫލެއްގައި ތަޖުރިބާ ކުރުމުގެ ގޮތުން މި ނިޒާމް ޤާއިމު ކުރުމަށްވަނީ ހަމަޖެހިފައި. ސްމާޓް ސްކޫލަކީ، އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި، މަލްޓިމީޑިއާގެ ވަސީލަތްތައް، ސްކޫލްގެ ކްލާސްރޫމްތަކުގައި ޤާއިމްކޮށް، ތަފާތު ފެންވަރުގެ ކުދިންނަށް، އެކުދިންގެ ފެންވަރާގުޅޭގޮތުން ކިޔެވުމުގެ އިތުރު ފަހިކަން ހޯދައިދީ، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް މަގުފަހިކޮށްދޭ ސްކޫލެއް. ދަރިވަރުންނަށް ސްމާރޓް ބޯޑާއި، މަލްޓިމީޑިޔާގެ އެހީގައި ކިޔަވައިދިނުން، މިކަމުން ފަހިވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________