ރާއްޖޭގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ޑެންގޫ ހުން ފެތުރެމުންދާތީ، އެބަލި ފެތުރުނަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، މިއަދު އެމަނިކުފާނު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ޑެންގޫ ހުން ފެތުރުނަ ނުދިނުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑެންގޫ ހުން ވަރަށް ބާރަށް ރާއްޖޭގައި ފެތުރެމުންދާތީ، މިކަމާބެހޭގޮތުން މިދިޔަ އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، މަދިރި ކޯންޓްރޯލް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް އެކުލަވާލެއްވުމަށް ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމް ހިންގެވުމަށް ޤައުމީ ޓާސްކްފޯހެއް އިއްޔެ އުފައްދަވާފައިވާކަން ބަޔާންކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ، މި ޓާސްކްފޯހުގެ މަސައްކަތްތައް ހިނގަމުންދާނީ، ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

މި ޓާސްކްފޯހުން ކުރައްވާނެ މައިގަނޑު މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދިވެހިރައްޔިތުންނާ ޙިއްޞާކުރެއްވިއެވެ. މިގޮތުން، ޑެންގީ ހުމުގެ ނުރައްކާތެރިކަން ޢާންމުންނަށް އޮޅުންފިލުއްވައި ދެއްވުމާއި، މިކަމުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި އެކި ޕްރޮގްރާމްތައް ހިންގެވުމާއި އަދި ބަލިން ރައްކާތެރިވުމަށް މިވަގުތަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް، ސަރުކާރުގެ ކަމާބެހޭ ދާއިރާތައް މެދުވެރިކުރައްވައި އެޅުއްވުން ހިމެނޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މާދަމާއަކީ، ރާއްޖޭގެ ޝަހީދުންގެ ދުވަސްކަމަށްވުމާއެކު ދުވަހުގެ ބަޠަލު ޢަލީ ރަސްގެފާނުގެ މަތިވެރި ޖިހާދުގެ މައްޗަށް ބައްލަވާލައްވަމުން، ޢަލި ރަސްގެފާނު ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ ހަނދާންތަކަކީ، މި ދިވެހި ފަސްގަނޑުން ދުވަހަކުވެސް ފުހެވިގެންދާނެ ހަނދާންތަކެއް ނޫންކަމުގައި ވިދާޅުވިއެވެ. އަދި، ދީނާއި ޤައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ހުރިހާ އަބްޠާލުންގެ ޛިކުރާ މި މުނާސަބަތުގައި، އެމަނިކުފާނު އާކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ރަށްރަށުގެ ސްކޫލްތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމުގެ ދަށުން، އިންފޮރމޭޝަން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުން ތަޢާރަފް ކުރުމުގެ މަސައްކަތުގައި، ފުރަތަމަ ޤާއިމް ކުރެވުނު ސްމާޓް ސްކޫލް، ނ. ކުޑަފަރީގައި އިފްތިތާޙްކޮށްދެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނުހަނު ބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ހަމަ މި ޕްރޮގްރާމްގެ ދަށުން، މިއަހަރު 4 ސްކޫލެއްގައި، ތަޖުރިބާ ކުރެއްވުމުގެ ގޮތުން މި ނިޒާމް ޤާއިމު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސްމާޓް ސްކޫލަކީ، އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި، މަލްޓިމީޑިއާގެ ވަސީލަތްތައް، ސްކޫލްގެ ކްލާސްރޫމްތަކުގައި ޤާއިމްކުރައްވައި، ތަފާތު ފެންވަރުގެ ކުދިންނަށް، އެކުދިންގެ ފެންވަރާ ގުޅޭގޮތުން ކިޔެވުމުގެ އިތުރު ފަހިކަން ހޯއްދަވައިދެއްވައި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް މަގުފަހިކޮށްދެއްވާ ސްކޫލެކެވެ.