ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު ދެކުނުބުރީ މާފަރަށް ވަޑައިގެން އެރަށު ކައުންސިލާ މިއަދު ހަވީރު ބައްދަލުކުރައްވައިފިއެވެ.

އެމަނިކުފާނުގެ މާފަރަށް މިކުރެއްވި ދަތުރުފުޅަކީ، ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ހިނގަން ފެށުމުން، ސަރުކާރުގެ ޕްރޮގްރާމްތަކާއި ޚިދުމަތްތައް، ކައުންސިލް މެދުވެރިކުރައްވައި ރަށްރަށުގައި ހިންގެވުމަށް ކައުންސިލްތަކުގައި ހުންނަންޖެހޭ އިންތިޒާމްތަކާ ބެހޭގޮތުން، ކައުންސިލްތަކާ މަޝްވަރާކުރެއްވުމަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ، މާފަރު ރަށު ކައުންސިލާ ބައްދަލުކުރައްވައި، ކައުންސިލްގެ ހިންގުން ހަރުދަނާ ކުރެއްވުމަށާއި، ކައުންސިލުން ރަށުގައި ހިންގެވުމަށް ކަނޑައަޅުއްވާ މަސައްކަތްތަކާއި، ރަށުގެ ހިންގުން ފުރިހަމަކުރެއްވުމަށް ކައުންސިލުން ކުރައްވާ ކަންކަމުގެ ޕްލޭނެއް އެކަށައެޅުއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ އެކި ކަންކަމުގައި ރައްޔިތުންނާ މަޝްވަރާ ކުރައްވަމުން ގެންދެވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ރަށުގެ ބިން ހެޔޮގޮތުގައި ބޭނުން ކުރައްވައި، ބިމުގެ ފުރިހަމަ ފައިދާ ހޯއްދެވުމަށްޓަކައި، ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ކައުންސިލުން އެކުލަވާލެއްވުމުގެ ބޭނުންތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ރަށުގެ ސްކޫލްގެ ފެންވަރު ރަނގަޅު ކުރައްވައި، ރަށުގެ ދަރިވަރުންގެ ތެރެއިން އޯ ލެވެލް އިމްތިޙާނުގައި ފަސް މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް އިތުރުކުރެއްވުމަށް، ކައުންސިލުން ރަށު ސްކޫލާ ގުޅިވަޑައިގެން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ޕްރޮގްރާމްތަކާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލް މެންބަރުންނާ ޚިޔާލު ބަދަލުކުރެއްވިއެވެ. މިގޮތުން، ރަށުގައި ތަރައްޤީ ކުރެއްވުމަށް ހަމަޖައްސަވާފައިވާ އެއަރޕޯޓްގެ މަސައްކަތް ހަލުވި ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ ކައުންސިލާ ޙިއްޞާ ކުރައްވައި، މިކަމުގައި ކައުންސިލްގެ މަޝްވަރާ ހޯއްދެވިއެވެ. މާފަރުގައި އެއަރޕޯޓެއް ތަރައްޤީ ކުރެއްވުމަށް، އަމިއްލަ ކުންފުންޏަކާއެކު ސޮއި ކުރައްވާފައިވަނީ 8 ޖެނުއަރީ 2008 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށްޓަށާއި، މިލަދުންމަޑުލު ކުޑަފަރީއަށާއި، މާފަރަށް އިއްޔެ ފެށްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަރަށް ހަވީރުގެ ވަގުތެއްގައިވަނީ މާލެ ވަޑައިގެންފައެވެ.