ރާއްޖޭގައި ޑެންގީ ހުން ވަރަށް ބާރަށް ފެތުރެމުންދާތީ، ޑެންގީ ކޮންޓްރޯލް ކުރެއްވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޤައުމީ ޓާސްކްފޯހެއް މިއަދު އުފައްދަވައިފިއެވެ. މި ޓާސްކްފޯހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޞިފާ މުޙަންމަދާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އިނާޒާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޠަލްޙަތު އިބްރާހީމް ކަލޭފާނާއި، މާލޭސިޓީގެ މޭޔަރ ސަރަނގު އާދަމް މަނިކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އިބްރާހީމް މުޙަންމަދު ރަޝީދެވެ.

މި ޓާސްކްފޯހުން ކުރައްވާނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޑެންގީ ހުމުގެ ނުރައްކާތެރިކަން ޢާންމުންނަށް އޮޅުންފިލުއްވައި ދެއްވައި، މިކަމުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، އެކި ޕްރޮގްރާމްތައް ހިންގެވުމަށް އަދި ބަލިން ރައްކާތެރިވުމަށް މިވަގުތަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް، ސަރުކާރުގެ ކަމާބެހޭ ދާއިރާތައް މެދުވެރިކުރައްވައި އެޅުއްވުން ހިމެނެއެވެ. މީގެތެރޭގައި، ޢާންމު ސާފުތާހިރުކަން ބެލެހެއްޓުމާއި، ޑެންގީ ހުން ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވާތީ، ކުޑަކުދިންނަށް އަމާޒު ކުރައްވައިގެން، ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުން ހިމެނެއެވެ.

ޑެންގީ ކޮންޓްރޯލް ޕްރޮގްރާމް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ މި އުފެއްދެވި ޓާސްކްފޯހުގެ މަސައްކަތްތައް ހިނގަމުންދާނީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ.