ބެލެނިވެރިންނާއި ޓީޗަރުން، ދަރިވަރުންނަށް މިހާރަށްވުރެ ބޮޑަށް އަޅާލެއްވުމަށް ބާރުއަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކުޑަފަރީ ސްކޫލްގައި މިއަދު ހެނދުނު ބޭއްވެވި އެސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިސަރުކާރު ހިންގުމާ ހަވާލުވެވަޑައިގަތްއިރު، ރައްޔިތުންނަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާނޭ ކަމަށާއި، ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ޚިދްމަތްކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ރައްޔިތުން، ދިރިއުޅުމުގެ އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމަށްޓަކައި، އެތަރައްޤީ ހޯއްދަވައިދެއްވުމަށް ސަރުކާރުން ޤައުމީ ތަރައްޤީގެ އާއޮނިގަނޑެއް އެކުލަވާލައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއީ، ޤައުމީ ތަރައްޤީއަށްޓަކައި 2009 އިން 2013 އަށް ޢަމަލު ކުރާނޭ މައިގަނޑު ކަންކަން ހިމެނިފައި އޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯ ކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ކާމިޔާބަށްޓަކައި ސްކޫލްތަކުން އޯލެވެލް ހަދާ ކުދިންގެ 60 އިންސައްތަ ކުދިންނަކީ މަދުވެގެން 5 މާއްދާއިން ދަށްވެގެން "ސީ" ފާހަށްވުރެ މަތިން ފާސްވާ ކުދިން ކަމުގައި ވާންޖެހޭނެ ކަމަށް ވިދާޅުވަމުން، އެފެންވަރުގައި ފާސްނުވާ ކުދިންނަށް ދެން އޮތް ފުރްޞަތުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، މިފަދަ ކުދިންނަކީ މަސައްކަތްތެރި ކަމުގެ ހުނަރު ހުންނަން ޖެހޭނެ ކުދިން ކަމުގައި ވިދާޅުވެ، އާދައިގެ ވަޒީފާތަކަށް ބިދޭސީން ގެންނަން ޖެހެނީ، މިފަދަ ވަޒީފާގައި ކުރަންޖެހޭ މަސައްކަތްތައް، ސްކޫލް ނިންމާ ދިވެހި ކުދިންނަށް ދަސްވެފައި ނުވާތީ ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

އޯލެވެލް އިން ފާސްވާ ކުދިންގެ ނިސްބަތް އިތުރު ކުރުމަށްޓަކައި ސްކޫލް ހިންގަވާގޮތާއި، ކިޔަވައިދިނުމަށް ގެންގުޅުއްވާ ވަސީލަތްތަކާއި، ރައްޔިތުން ގެންގުޅުއްވާ ވިސްނުން ބަދަލުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ސްމާޓް ސްކޫލް ކުޑަފަރީގައި ތަޢާރަފް ކުރުމަކީ، ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމުގައި ވިދާޅުވެ، އެފަދަ ސްކޫލެއްގައި ކިޔަވައިދިނުމުގައި ބޭނުންކުރެވޭނީ، އެންމެ ޒަމާނީ ވަސީލަތްތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން ދަރިވަރުންނަށް ސްމާރޓް ބޯޑާއި، މަލްޓިމީޑިޔާގެ އެހީގައި ކިޔަވައިދިނުން، ކުޑަފަރީގައި ފަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޝިފާ މުޙަންމަދާއި، ތަޢްލީމީ ދާއިރާއަށް ތަރައްޤީއާއި، ސަރުކާރުން އެދޭ ބަދަލު ގެންނެވުމަށް ކޮށްދެއްވާފައިވާ ތަފާތު މަސައްކަތްތައް ކޮށްދެއްވާފައިވާ ބޭފުޅުންގެ އަގު، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަޒަންކުރެއްވިއެވެ. އަދި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ކިޔެވުމަށް ސަމާލުކަންދީ، އިމްތިޙާނުތަކަށް ދުރާލާ ތައްޔާރުވުމަށް ކިޔަވާ ކުދިންނަށް ނަޞޭޙަތްތެރިވެވަޑައިގެން، ކުޑަފަރީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކާމިޔާބު ހޯދި ކުދިންގެ ކާމިޔާބީ ފާހަގަކުރައްވަމުން، އެކުދިންނަށް ތަހުނިޔާ ވިދާޅުވިއެވެ.