ރާއްޖޭގެ ރަށްރަށުގެ ސްކޫލްތަކުގައި ދެވޭ ތަޢުލީމީ ފެންވަރު ރަނގަޅުކުރެއްވުމަށް، އިންފޮރމޭޝަން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުން ތަޢާރަފް ކުރެއްވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްގެ ދަށުން، ތަޢާރަފް ކުރެއްވުމަށް ހަމަޖައްސަވާފައިވާ ސްމާޓް ސްކޫލްގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭ ފަށްޓަވައިދެއްވިއެވެ. މިގޮތުން، ފުރަތަމަ ޤާއިމް ކުރެވޭ ސްމާޓް ސްކޫލްގެ ގޮތުގައި، ކުޑަފަރީ ސްކޫލް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވީ ރޭ، ކުޑަފަރީ ރައްޔިތުން އެމަނިކުފާނުގެ ޝަރަފުގައި ބޭއްވެވި ފަރިއްކޮޅުގެ ތެރޭގައެވެ.

ސްމާޓް ސްކޫލް ޤާއިމް ކުރެއްވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްގެ ދަށުން މިއަހަރު 4 ސްކޫލެއްގައި ތަޖުރިބާ ކުރެއްވުމުގެ ގޮތުން މި ނިޒާމް ޤާއިމް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ސްމާޓް ސްކޫލަކީ، އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި، މަލްޓިމީޑިއާގެ ވަސީލަތްތައް، ސްކޫލްގެ ކްލާސްރޫމްތަކުގެ ޤާއިމްކުރައްވައި، ތަފާތު ފެންވަރުގެ ކުދިންނަށް އެކުދިންގެ ފެންވަރާގުޅޭގޮތުން ކިޔެވުމުގެ އިތުރު ފަހިކަން ހޯއްދަވައިދެއްވައި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރެއްވުމަށް މަގުފަހިކޮށްދޭ ސްކޫލެކެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޑަފަރީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޑަފަރީ ރަށު ކައުންސިލާ މިއަދު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ހަމަޖައްސަވާފައިވާ ޕްރޮގްރާމްތަކާބެހޭގޮތުންނާއި، ކައުންސިލް މެދުވެރި ކުރައްވައިގެން، ސަރުކާރުގެ ޚިދުމަތްތަކާއި، ޕްރޮގްރާމްތައް ހިންގެވުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ކައުންސިލާ މަޝްވަރާ ކުރެއްވިއެވެ. އަދި ކައުންސިލްގެ ހިންގުން ހަރުދަނާ ކުރެއްވުމާއި، ކައުންސިލުން އިސްނަންގަވައިގެން ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއެކު، ރަށުގެ ތަރައްޤީއަށް މަސައްކަތްތައް ކުރެއްވުމާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ރަށު ކައުންސިލުގެ މެންބަރުންނާ ޚިޔާލު ބަދަލުކުރެއްވިއެވެ.
މިގޮތުން، ކައުންސިލްތައް މެދުވެރިކުރައްވައިގެން ސަރުކާރުން ލާމަރުކަޒީ އުޞޫލުން ހިންގަވަން ފަށްޓަވާފައިވާ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގަވަމުން ގެންދެވުމަށްޓަކައި ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށާއި، ރައްޔިތުން ބަލިބަލިން ރައްކާތެރި ކުރުމުގެ ފިޔަވަޅުތަކަށް މުހިންމު އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލްގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި، ކައުންސިލާ ހަވާލުކުރައްވާފައިވާ ބިންތަކުގެ ފުރިހަމަ ފައިދާ ލިބޭނެ ގޮތަކަށް ޕްލޭނެއް އެކުލަވާލައްވައިގެން ބިން އެންމެ ހެޔޮގޮތުގައި ބޭނުން ކުރެއްވުމަށް އިސްކަން ދެއްވުމާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ކުޑަފަރީ ކައުންސިލާއެކު ޚިޔާލުބަދަލު ކުރެއްވިއެވެ. މީގެއިތުރުން، ރަށުގެ ރައްޔިތުން ދަނޑުވެރިކަން ކުރުމަށްޓަކައި، އެ އަތޮޅު ފަޅުރަށެއް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންފައިވާ ގޮތަށް އެކަންކަން ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީއަށް ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ.