ވަރލްޑް ހެލްތް އޯގަނައިޒޭޝަން، ޑަބްލިޔޫ.އެޗް.އޯ ގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. ޖޭ. އެމް. ލޫނާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރައްވައި ފުޅާކުރެއްވުމަށްޓަކައި، ޑަބްލިޔޫ.އެޗް.އޯ ގެ ރެޕްރެޒެންޓޭޓިވްގެ ހައިސިއްޔަތުން، ޑރ. ޖޭ. އެމް. ލޫނާ ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށްޓަކައި 1940ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް ޑަބްލިޔޫ.އެޗް.އޯ ގެ ފަރާތުން ރާއްޖެއަށް ތަފާތު އެތައް އެހީތަކެއް ވެދެއްވާފައިވާކަން ފާހަގަކުރައްވައި، އެ ޖަމާޢަތަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ޑޮކްޓަރ ލޫނާގެ ވާހަކަފުޅުގައި ރާއްޖޭގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި ފައިލޭރިއާގެ ބަލިމީހުންގެ އަދަދު ވަރަށް ބޮޑުތަން މަދުވަމުންދާކަން ފާހަގަކުރައްވަމުން، ދެތިން އަހަރުގެ ތެރޭގައި ރާއްޖެއަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި، ފައިލޭރިއާ މުޅިން ފުހެލެވިފައިވާ ފުރަތަމަ ޤައުމަށް ވެވިދާނެކަމަށް ވިދާޅުވެ، މިކަމަށް ހިތްވަރު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ޙައުލާ އަޙްމަދުދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.