ބޯޓު ދަތުރުކުރާ މީހުންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން، ދިވެހި ސީފެއަރަރޒް އެންޑް ލޭބަރ ޔޫނިއަނުން ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކުރިއަށް އޮތް ދެއަހަރުގެ ދުވަހުގެ ތެރޭގައި، ބޯޓުތަކުގައި މަސައްކަތްކުރާ 150 އޮފިސަރުން ތަމްރީނު ކުރެއްވުމަކީ، ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، 150 އޮފިސަރުން އުފެއްދެވުމުގެ އިތުރުން، އާދައިގެ 500 ކްރޫންވެސް ތައްޔާރުކުރައްވައި، މިހާރު ބޯޓު ދަތުރުކުރަން މިއުޅޭ ގާތްގަނޑަކަށް 650 މީހުންގެ ބަދަލުގައި، ދެހާހެއްހާ މީހުންނަށް ބޯޓު ދަތުރުކުރުމުގެ ވަޒީފާއަށް ނުކުމެވޭނޭ ގޮތްތައް އުފެއްދުމަށްޓަކައި ކުރައްވަން ހުރި މަސައްކަތްތައް ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ރޭ ބޭއްވެވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި އަމާޒު ޙާޞިލު ކުރެއްވުމަށް، ރާއްޖޭގައި އަލަށް އުފެދުނު ޔުނިވަރސިޓީގެ އިތުރުން، ރާއްޖެއިން ބޭރުގެ ސެންޓަރުތަކާއި ސްކޫލްތަކުގެ އެހީތެރިކަން ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގައި، ބޯޓު ފަހަރުގައި މަސައްކަތްކުރާނެ ކެޕްޓަނުންނާއި، ޗީފް އޮފިސަރުން އުފައްދާނެ އެންމެ ރަނގަޅު ކޮލެޖްތައް ނެތްކަން ފާހަގަކުރައްވަމުން، އެތަންތަން ކުރިއަރުވައި ހަރުދަނާ ކުރުމަކީ، ޔުނިވަރސިޓީގެ ބޭނުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ކުރިއަށްދާއިރު، އަވަށްޓެރި ޤައުމުތަކާއި، އެހެންވެސް ޤައުމުތަކުގައި ހުރި ޔުނިވަރސިޓީތަކުންނާއި ކޮލެޖްތަކުން މި ހުނަރު ދިވެހި ޒުވާނުންނަށް ހޯއްދަވައިދެއްވުމަކީ މި ސަރުކާރަށް ކުރެއްވެން އޮތްކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސަރަޙައްދުގެ 90 ޕަސެންޓަކީ ކަނޑު ކަމަށްވެފައި، ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް، ރާއްޖެއަށް މިކަމުން ލިބިފައިއޮތް ތަރައްޤީގެ އިތުރު ފަހިކަން އަޅުގަނޑުމެން ރަނގަޅަށް ބަލައިގަންނަން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ކަނޑުމަތީގެ އެކިއެކި ކަންކަމަށް އެހެން ހުރިހާ ޤައުމުތަކެއްގެ ރައްޔިތުންނަށްވުރެ މާ ފަރިތަ މާ ހުނަރު ގިނަ، މާ ހީވާގިކަމާއެކު މަސައްކަތް ކުރެވޭ ޠަބީޢަތެއް އެކުލެވޭ ރައްޔިތުންކަމާއި، ކަނޑުގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ފަރިތަވެފައި ތިބި މީހުންކަމުގައި ބަޔާންކުރައްވަމުން، ޒަމާނުއްސުރެ ރާއްޖޭގެ މާލިމީންނާއި، ރާއްޖޭގެ ދަތުރުވެރިންނަކީ ދުނިޔޭގައި މަޝްހޫރު އަދި އެތެރެވަރީގައި މާ ރަނގަޅަށް ކަނޑުދަތުރުކޮށް އުޅޭ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރު، ބޯޓު ދަތުރުކުރުމުގެ ޞިނާޢަތު ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައިވާ ކަމަށާއި، އަޅުގަނޑުމެން އެދޭ މިންވަރަށް، ބޯޓުދަތުރުކުރުމުން ރާއްޖެއަށް ފައިދާއާއި މަންފާ ނެގިފައިނުވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ބޯޓުދަތުރުކުރަންދާ މީހުންގެ އަދަދު މިއަދު ވަރަށް ބޮޑަށް މަދުވެ، މީގެކުރީގައި ބޯޓު ދަތުރުކުރާ މީހުންގެ ފަރާތުން ރާއްޖެއަށް އަހަރެއްގެ މައްޗަށް ވަންނަމުންދިޔަ 25 މިލިއަން ޑޮލަރުގެ ބަދަލުގައި މިއަދު ލިބެނީ ގިނަވެގެން ހައެއްކަ މިލިއަން ޑޮލަރު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މަދަރުސާތަކުން ކޮންމެ އަހަރަކު ދިހަހާސް ކުދިން އޯލެވެލް ނިންމައިގެން ނުކުންނައިރު، ރާއްޖޭގައި ދަތުރުކުރަން ދާނެ ކުދިން ނުލިބި، އެ ޞިނާޢަތް ހީނަރުވެ މިދަނީ، ރާއްޖޭގެ އެހެން ކިތަންމެ މަސައްކަތްތަކާ އެއްގޮތަށް، މިރާއްޖޭގެ މަސައްކަތްތަކަށް ބޭނުންވާ މިންވަރަށް ރާއްޖޭގެ ޒުވާނުންގެ ކިބައިގައި ހުނަރު ނެތުމުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ ޒުވާނުންނަށް، އެހުނަރު ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށާއި، ރާއްޖޭގެ މިއަދުގެ އިޤްތިޞާދީ އަދި މާލީ ފަންވަރަށާއި ތަރައްޤީގެ މިންވަރަށް ބަލައި، މިއީ އަޅުގަނޑުމެންނަށް ނުކުރެވޭ ބާވަތުގެ ކަމެއްނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި، ދިވެހި ސީފެއަރަރޒް އެންޑް ލޭބަރ ޔޫނިއަންގެ އޮނަރަރީ މެމްބަރޝިޕް، އަޙްމަދު ނާޝިދާ ހަވާލު ކުރެއްވުން އޮތެވެ. އަޙްމަދު ނާޝިދަށް މި ޖަމްޢިއްޔާގެ އޮނަރަރީ މެމްބަރޝިޕް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.